ތަޢާރަފް

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އަކީ ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނަށް އޮޅިވަޑައިގެން ނުވާނޭފަދައިން، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ފެތުރުމަށާއި ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން އިތުރުކޮށް ތާޒާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްފުޅު ތަކެއް ކުރައްވާފައިވާ ޝައިޚެކެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި ﷲގެ ރަޙްމަތުން ދީނަށް ލޯބިކުރާ ޒުވާން އެންމެހައި އަޚުންނާއި އުޚްތުން ޝައިޚް ދީނަށް ކުރައްވާ ޚިދުމަތް ޤަބޫލުކޮށް ބަލައިގަނެފައިވެއެވެ.

އައްޝައިޚް އާދަމް ޝަމީމްގެ ޛާތީ އަދި އިލްމީ ޝަޚްޞިއްޔަތުގެ ތެރެއިން

އުފަންވެވަޑައިގަންފައިވަނީ މީލާދީން 1976 ވަނަ އަހަރުގެ ފެބްރުއަރީ 14 ވީ ހުކުރު ދުވަހު ގައި އއ. ތޮއްޑޫގައެވެ.

ފުރަތަމަ ތައުލީމު ހޯއްދަވާފައިވަނީ ތޮއްޑޫ މަދަރުސާއިންނެވެ.

ރަށުގައި ތަޢުލީމު ލިބެންހުރި މިންވަރު ފުރިހަމަ ކުރެއްވުމަށްފަހުގައި ޘާނަވިއްޔާ ނުވަތަ އޭ.ލެވެލް ފުރިހަމަ ކުރައްވާފައިވަނީ الجامعة السلفية، فيصل آباد، باكستان ގައި މީލާދީން 1996 ގައެވެ.

އެއަށްފަހު ބެޗްލަސް ޑިގްރީ (ބީއޭ) ޙާޞިލްކުރައްވާފައިވަނީ މީލާދީން 2003 ގައި الجامعة الإسلامية بالمدينة المنورة (މަދީނާ ޔުނިވަރސިޓީ) އިންނެވެ.

އަދި މާސްޓަރސް (އެމް. އޭ) ޙާޞިލްކުރައްވާފައިވަނީ

“master of Islamic revealed knowledge and heritage (fiqh and usul al-fiqh)”

އިން 2009 ގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާއިންނެވެ.

މިހާރު ކިޔަވާވިދާޅުވަމުން ގެންދަވަނީ

“Doctor of philosophy in Islamic reveled knowledge and heritage (usul Al-Din and comparative religion)”

އިން ޕީ.އެޗް.ޑީއެވެ.

މާތް ﷲ ޝައިޚްއަށް ޝައިޚުގެ ކިޔެމުގެ އިސްވެދިޔަ މަރުހަލާތަކެކޭ އެއްފަދައިން މިމަރުހަލާވެސް ކާމިޔާބު ކަމާއެކު ނިންމުމުގެ ތަޢުފީޤު ދެއްވާށި. އަދި އިތުރު ކުރިއެރުންތަކާއި ކާމިޔާބީ މިންވަރުކުރައްވާށި. އާމީން

އައްޝައިޚް އާދަމް ޝަމީމްގެ ދަޢުވަތު ތަޖުރިބާގެ ތެރެއިން

މާތް ﷲ ގެ ފަޟްލު ވަންތަވެރިކަމުން ތައުލީމީ ދައުރުން ފެށިގެން މިއަދާއި ހަމައަށް ދައުވަތުގެ ޙަރަކާތްތަކުގައި ޝައިޚު އަކީ ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ.

އެގޮތުން ޕާކިސްތާނުގައި ކިޔަވަން ފެށީއްސުރެ ދިވެހި ކިޔަވާ ކުދިންގެ ޖަމިއްޔާގެ (އެމް. އެސް. އޭ. ޕީ ގެ) ދީނީ އަހަރީ މަޖައްލާއަށް ލިޔުމާއި ކިޔަވާ ކުދިންގެ މެދުގައި ދީނީ ރޫޙު އާލާ ކުރުމަށާއި ވާހަކަ ދެއްކުމާއި ދައުވަތުގެ ފަންނު އިތުރު ކުރުމަށްޓަކައި ބޭއްވޭ ހަރަކާތްތަކުގައި އިސްވެ ހަރަކާތްތެރިވުން ހިމެނެއެވެ. އަދި ޕާކިސްތާނުގެ އެހެން ރަށްރަށަށް ކިޔަވަން އަންނަ ދިވެހި ކިޔަވާ ކުދިންގެ ގާތަށް ޒިޔާރަތް ކުރުމާއި އެމީހުނާއި ދީނީ ޚިޔާލު ފާޅު ކުރުން ފަދަ ހަރަކާތްތަކުގައި އިސްވެ އުޅުއްވާފައިވެއެވެ.

ސަޢޫދީ ޢަރަބިޔާގައި ކިޔެވި ދުވަސްވަރު މަދީނާއާއި މައްކާގައި ހައްޖާޖުންނާއި އުމްރާއަށް އަންނަ ދިވެހި އަޚުންނާއި އުޚްތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށާއި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތަކުގައި ހައްޖު މޫސުމާއި ރަމްޟާން މަހުގައި މަސައްކަތް ކުރެއްވިއެވެ.

މަދީނާ ޔުނިވަރސިޓީ އިން ގްރޭޖްއޭޓް ވުމަށްފަހުގައި މާލެއާއި ރާއްޖެތެރޭގައި ފަރުދީ އަދި އިޖްތިމާޢީ ގޮތުން ދަޢުވަތުގައި މަސައްކަތް ކުރަށްވަން ފެއްޓެވިއެވެ. އެގޮތުން ދައުވަތުގެ މަގުގައި ރާއްޖޭގެ ގިނަ ހިސާބަކަށް  ކ، އ، ތ، ލ، ޏ، އައްޑޫ، ރ، ހއ، އަދި ހދ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރު ކުރައްވައި މާލެއާއި ރާއްޖެ ތެރޭގައި ވަރަށް ގިނަ ވަޢުޡުތަކާއި ނަސޭހަތް ދެއްވާފައި ވެއެވެ. އޭގެ ތެރޭގައި ވަޢުޡު ނަސޭހަތް ތާއި ހުކުރު ޚުޠުބާ ހިމެނެއެވެ. ބައެއް އޯޑިއޯ އަދި ވީޑިއޯ ދަރުސް ރެކޯޑް ކުރެވިފައިވެއެވެ.

ދަޢުވަތުގެ މައިދާނުގައި ޝައިޚު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ބަލާލާއިރުގައި ގިނަ ބަޔަކަށް ޝައިޚް ތަޢާރަފްވެ ފެނިގެން ދިޔައީ ޖަމްޢިއްޔަތުއްސަލަފްގެ ޅަފަތުގައި ބޭއްވުނު ދަރުސަކުންނެވެ. “ތަވްޙީދާއި ސުންނަތް” މި މައުޟޫޢުގެ މައްޗަށް ޝައިޚް ވާހަކަފުޅު ދައްކަވާފައިވާ މިދަރުސް ދެއްވާފައިވަނީ 3 ނޮވެމްބަރު 2006ގައެވެ. އަދި ހަމަ އެޔާ ވިދިގެން، ހަމަ އެ އަހަރުގެ އެމަހުގެ 6ވަނަދުވަހު “السَّبُعُ المُوْ بقَاتُ” މި މައުޟޫޢުގެ މައްޗަށް އަލިއަޅުވާލާ ދަރުސެއް ދެއްވާފައިވެއެވެ.

2007ގައި “އިސްލާމްދީނުގައި ޘާބިތުވުން”، “އީމާންކަމުގެ ނަފާ” އަދި މި މައުޟޫޢުތަކުގެ އެއަހަރު ދެއްވި “5 ޣަނީމާ” ދަރުސް ވެގެން ދިޔައީ ﷲގެ ރަޙްމަތުން އިންތިހާއީ މަޤުބޫލުކަން ލިބިގެން ދިޔަ ދަރުސަކަށެވެ.

ވިދިގެން އައި އަހަރު ދެއްވާފައިވާ ދަރުސްތަކުގެ ތެރެއިން “ޞައްޙަ އީމާން”، “މެދުމިން”، ހައްދުފަހަނަ އަޅައިދިއުން”، “ރަމަޟާންގެ ނިދާ”، “ރޯދަވެރިޔާގެ ކޮއްތު”، “އައްޞިރާޠުލް މުސްތަޤީމް”، “ޝުކުރުވެރިވުން ކިޔަމަންގަތުން” ހިމެނެއެވެ. އަދި ހަމައެއަހަރު ދެއްވި ދަރުސް “އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް” މިއީ މީސްތަކުންގެ މެދުގައި އިތުރު މަޤުބޫލުކަމެއް ލިބިފައިވާ ޢިލްމީގޮތުން ރާއްޖޭގެ ޢިލްމުވެރީންވެސް އެދަރުސަކަށް ފަޚުރުވެރިވި ފުރިހަމަ ދަރުސެއްކަން ފާހަގަ ކުރެވެއެވެ.

މިގޮތުން 2009ގައި ޝައިޚު ދެއްވާފައިވާ ބައެއް ދަރުސްތަކަށް ބަލާލާއިރު “ފަލަސްތީނުގެ އުދާސް”، “ނަސީބު”، “ތިޔަބައިމީހުން އިސްލާމްދީނަށް ފުރިހަމަގޮތުގައި ވަންނާށެވެ” އަދި މީގެ އިތުރުން “ނަމާދަށް އަވަހަށް އަންނާށެވެ” އަދި “ނަމާދު” ދަރުސް ފާހަގަ ކޮށްލެވެއެވެ.

އަދި މިވަގުތު މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ކިޔަވާ ކުދިންނަށް ދައުވަތު ދިނުމުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައާއި ޔުނިވަރސިޓީއިން ބޭރުގައި ދީނީ ނަސޭހަތް ދެއްވަމުން ގެއްދަވައެވެ. އެގޮތުން މިހާރު ގޮމްބަކް ގައާއި ނިލައި އިންޓި ކޮލެޖް ގައި ވެސް ލެކްޗަރު ބޭއްވެމުން އެބަ ދެއެވެ.

ތަގުރީރާއި ވަޢުޡު ނަސޭހަތަކީ ޝައިޚް ޝަމީމްގެ އެންމެ ޚާއްސަ ކަންތައް ކަމުގައި ވީ ނަމަވެސް ވަޢުޡާއި ތަގުރީރުގެ އިތުރުން، މަޒްމޫނާއި ފޮތް ލިޔުއްވުމާއި އަދި އޮންލައިން ކޮށާއި ފޯނާއި އެސް. އެމް. އެސްގެ ޛަރީއާއިން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވައެވެ. މާތް ﷲ މި އެއްމެހައި ކަމެއް ކުރިއަށް ގެންދަވައި ފުރިހަމަ ކުރެއްވުމުގައި ޝައިޚް ޝަމީމަށާއި އަޅުގަނޑުމެނަށް އެކަލާނގެ ޚާއްސަ ވާގިފުޅު ދެއްވާށިއެވެ.

އަދި މިކަމާއި ބެހޭގޮތުން ޝައިޚުގެ ބަހެއް ހޯދާލީމެވެ. ޝައިޚް ވިދާޅުވިއެވެ. “މިއިން އެއްވެސް ކަމެއްގައި ފަޚުރެއް ނުވެއެވެ. އަދިކިޔެއް ތިބާއަށް ލިބޭ ހުރިހައި ހެވަކާއި ހުރިހައި ނުބައި ކަންތައްތަކުން ރައްކާތެރިކަން ލިބެނީ މާތް ﷲގެ އޯގާވަންތަކަމާއި އެކަލާނގެ ފަޟްލުވަންތަ ވެރިކަމުންނެވެ. މަވެސް ބުނަން ޖެހެނީ ﷲގެ ނަބިއްޔާ ޔޫސުފް އަލައިހިއްސަލާމް ވިދާޅުވި ފަދައިންނެވެ. {{ذَلِكَ مِنْ فَضْلِ اللَّهِ عَلَيْنَا وَعَلَى النَّاسِ وَلَكِنَّ أَكْثَرَ النَّاسِ لا يَشْكُرُونَ}} سورة يوسف 38. “(އީމާންކަމާއި ﷲ އެއްކައުވަންތަކޮށް އަކަލާނގެ އަށް އަޅުކަން ކުރުމުގެ ތައުފީގަކީ) އެއީ އަހަރުމެންގެ މައްޗަށާއި މީސްތަކުންގެ މައްޗަށް ހުރި މާތް ﷲ ގެ ފަޟްލު ވަންތަ ވެރި ކަމެކެވެ. އެކަމަކު ގިނަ މީހުން ޝުކުރުވެރިއެއް ނުވެއެވެ.” މާތް ﷲ މިއަޅާއީ އެކަލާނގެ ދެއްވި ނިޢުމަތްތަކުގެ މައްޗަށް ޝުކުރުވެރިވާ އަޅެއްކަމުގައި ލައްވާށި! އާމީން!”

ސުވާލާއި ޖަވާބު