އައްތަޙިއްޔާތުގައި ޝަހާދަތް އިނގިލި ތެޅުވުމުގެ ހުކުމަކީ ކޮބައިތޯއެވެ؟

24 އޭޕްރީލް 2011 - އާދިއްތަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ތަޝައްހުދު ނުވަތަ އައްތަޙިއްޔާތުގައި އިތުރު އެކަލޭގެފާނުން އެކަލޭގެފާނުންގެ ވާއަތްތިލަފުޅު ހުޅުއްވަވައި ވާއަތު ކަކޫފުޅު ނުވަތަ ފަލަމަސްގަނޑުފުޅު މަތީގައި ބާއްވަވައެވެ. އަދި ކަނާއަތްޕުޅުގެ އިނގިލިފުޅުތައް މަޅުއްވައި، ބައެއް ފަހަރު ބޮޑުވައި އިނގިލިފުޅު މެދުއިނގިލި ފުޅުމަތީގައި ބާއްވަވައި، އަނެއްބައި ފަހަރު ބޮޑުވައި އިނގިލިފުޅާއި މެދުއިނގިލިފުޅުން ބޮޅެއް އެޅޭގޮތަށް ދެ އިނގިލިފުޅުގެ ކޮޅު ޖައްސަވައި، ޝަހާދަތް އިނގިލިފުޅު ޤިބުލައާއި ދިމާއަށް އުފުއްލަވައި އިޝާރާތް ކުރައްވައެވެ. މިފަދައިން الإمام مسلم އާއި أبو عوانة އާއި أبو داود އާއި النسائي އާއި ابن الجارود އަދި ابن حبان ރިވާކުރައްވާފައި ވެއެވެ. އަދި އައްތަހިއްހާތު ކިޔަން ފެއްޓެވީއްސުރެ އަވަދިވެއްޖައުމަށް ދާންދެން ދުޢާ ކުރައްވަމާއި އެކުގައި އިނގިލިފުޅުން ހަރަކާތް ކުރެއްވިކަމުގައި أبو داود އެބޭފުޅާގެ سنن ގައި އަދި ابن حبان އެބޭފުޅާގެ صحيح ގައި ރިވާކުރައްވާފައި ވެއެވެ. އައްތަހިއްޔާތުގައި ޝަހާދަތް އިނގިލިން ކުރެވޭ އިޝާރާތަކީ ނުވަތަ ހަރަކާތަކީ ﷲގެ އައްތަޙިއްޔާތުގައި ޝަހާދަތުގެ ކަލިމަ އެކުލެވިގެން ވުމާއި އެކުގައި އެކަލާނގެ އެއްކައުވަންތަކަމަށް ދެވޭ ހެކިބަހެކެވެ. އެހެންކަމުން އިތުރު އެކަލޭގެފާނު ތަޝައްހުދުގައި ޝަހާދަތް އިނގިލިން ކުރެއްވި އިޝާރާތާއި ހަރަކާތާއި މެދުގައި ހަދީޘްކުރެއްވިކަމުގައި ރިވާކުރައްވާފައިވަނީ: (( لهَِيَ أَشَدُّ عَلَى الشَّيْطاَنِ مِنَ الْحَدِيْدِ )) މަނައީ: “އައްތަޙިއްޔާތުގައި ޝަހާދަތް އިނގިލިން ކުރެވޭ އިޝާރާތް ނުވަތަ ހަރަކާތަކީ ޝައިޠާނާގެ މައްޗަށް ދަނގަޑަށްވުރެވެސް ވޭންބޮޑުވެގެންވާ ކަމެކެވެ.” މިފަދައިން أحمد އާއި البزار އަދި أبو جعفر ރިވާކުރައްވާފައިވެއެވެ.ވީމައި އައްތަޙިއްޔާތުގައި ޝަހާދެއް އިނގިލިން ހަރަކާތް ކުރުމަކީ ކައުއިތުރު ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަމަގުން ބަޔާންވެދިޔަ ފަދައިން އެތަކެއް އިމާމުންނެއް ރިވާކުރައްވާފައިވާ، އަދި އެކަމާއިމެދުގައި ޢިލްމުވެރިން ފަތުވާ ދެއްވާފައިވާ ސާބިތު ސުންނަތެކެވެ. ނަމަވެސް ވަރަށް ގިނަމީހުން މި އިޝާރާތް ކޮށް، އިނގިލިން ހަރަކާތް ކުރާގޮތް ތަފާތެވެ. ބައެއް މީހުން އިޝާރާތް ކުރަނީ ހަމަ އެކަނި “أشهد أن لا إله إلا الله” ކިޔާވަގުތު އެކަންޏެވެ. އަދި އެއްމެ ހަރަކާތެއް އެކަންޏެވެ. އަނެއްބައި މީހުން ހަރަކާތް ކުރަނީ ވަރަށް ބާރަށެވެ. އަދި ހުއްޓައި ވެސް ނުލައެވެ. އިނގިލި ތެޅުވުމާއި މެދުގައި ހަދީޘްގައި ވާރިދުވެފައިވާ ބަސްފުޅު ” يحركها ” މިކަލިމައަށް ބަލާއިރު އެއިން ދޭހަވާ ރަނގަޅު މާނައެއްކަމުގައި ތަހުގީގުގެ ޢިލްމުވެރިން ވިދާޅުފައިވަނީ؛ އައްތަޙިއްޔާތު ފެށުނީއްސުރެ ޞަލަވާތާއި ދުޢާ ކިޔައި އަވަދިވެއްޖައުމަށް ދާންދެން އިޝާރާތް ކުރުމެވެ. ނުވަތަ ކޮންމެ ދުޢާއެއް ފަށާ އިރުގައި ހަރަކާތް ކޮށްލުމެވެ. އެގޮތުން މުޅި އައްތަޙިއްޔާތުގައި ހަރަކާތް ކުރެވެއެވެ. އަދި ޝަހާދަތް އިނގިލިން އިޝާރާތް ކުރުމުގެ މާނައަކީ އިނގިލި މައްޗަށް އުފުލައި އެއްކޮށް ތިރިކުރާފަދައިން ބާރުބާރަށް، އަވަސްއަވަހަށް ތެޅުވުމެއް ނޫެނެވެ. އަދިކިޔެއް، އިނގިލި އެއްކޮށް މައްޗަށް ނޫފުލައި އަދި އެއްކޮށް ތިރިވެސް ނުކޮށް، މަޑު ހަރަކާތެއް އިނގިއްޔަށް ދިނުމެވެ. والله أعلم، وبالله التوفيق، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު