އަންހެނުން ނިވާ ވާންޖެހޭ ގޮތަކީ ކޮބައިތޯއެވެ؟

15 މާޗް 2011 - އަންގާރަ

އަޅުގަނޑަކީ ބުރުގާ އަޅައި ނިވާވެގެން އުޅޭ މީހަކީމެވެ. ނަމަވެސް އަޅުގަނޑު ބޮޑު ބުރުގާއެއް ނާޅަމެވެ. ސުވާލަކީ: އަޅުގަނޑު ނިވާވެފައި މިހުރީ ރަނގަޅަށްތޯއެވެ؟ އަދި ކުލަހެދުމާއި ޖަރީހެދުންލުމަކީ މައްސަލައެއްތޯއެވެ؟ ނުވަތަ ހަމަ ބޮޑު ބުރުގާ ނުވަތަ ކަޅުކުލައިގެ ހެދުންލައި މޫނުބުރުގާ އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯއެވެ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ފަރުދާކޮށް ޢައުރަ ނިވާކުރުމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. ވަކިން ޚާއްސަކޮށް އަންހެނުން އެކަނބަލުންގެ ޒީނަތް ހިލޭފިރިހެނުންނަށް ނިވާކުރުމަށް ގިނަގުނަ އަމުރުތައް ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުގައި އައިސްފައި ވެއެވެ. އެއީ އެކަނގަލުންގެ ޢިތްފަތް ރައްކާތެރިކުރެއްވުމާއި ނުބައި މީހުންގެ ދުއްތުރާލުން އެކަނބަލުން ރައްކާތެރިކުރެއްވުމަށާއި މީސްތަކުން ފިތުނަވެރިކަމުން ސަލާމަތް ކުރެއްވުމަށްޓަކައެވެ. ފަރުދުންނާއި މުޖްތަމާގެ ލާބަޔަށްޓަކައި މާތް ﷲ ކަނޑައަޅުއްވާފައިވާ މަތިވެރި އަމުރުފުޅުތަކުން އަމުރުފުޅެކެވެ. އެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންގަތުމަކީ ކޮންމެ މުސްލިމު އަންހެނެއްގެ ވާޖިބެކެވެ.

ޝައްކެއްނެތް ގޮތުގައި ޢައުރަ ނިވާކުރުން ކަމުގައި ވާނީ ﷲ އާއި އެކަލާނގެ ރަސޫލާ އެކަމަށް އަމުރު ކުރައްވާފައި ގޮތަށް ނިވާކުރުމުންނެވެ. ހިޖާބު އަޅައި ފަރުދާ ކުރުމަކީ އަންހެނުން އެކަނބަލުންގެ މަހުރަމުން (ކައިވެނި ހެއު ނުވާ ތިމާގެ މީހުން) ފިޔަވައި ކައިވެނި ހެއޮވާ، ހިލޭ ފިރިހެނުންގެ ކުރިމަތީގައި އެކަނބަލުންގެ އައުރައާއި ޒީނަތް ފޮރުވުމެވެ. އެއީ މާތް ﷲ ވާޖިބުކުރައްވާފައިވާ ކަމެކެވެ. އެގޮތުން ބުރުގާ ނުވަތަ ޚިމާރުއެޅުމަށް އަމުރު ކުރައްވައި އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ. {{ وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ …}} النور 31. މާނައަކީ: “ކަލޭގެފާނުން މުއުމިން އަންހެނުންނަށް އެކަނބަލުންގެ ލޯތައް (އިސް) ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖު ރައްކާތެރި ކުރުމަށާ އަދި އެކަނބަލުންގެ ޒީނަތްތެރިކަމުގެ ތެރެއިން (ނިވާކުރުމަށް ކުޅަދާނަވެގެންނުވާ ގަސްތަކާއި ނުލައި) ފާޅުވެއްޖެ މިންވަރެއް ފިޔަވައި ފާޅު ނުކުރުމަށް (ނުދެއްކުމަށް) ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ޚިމާރުތަކުން (ދޯޕައްޓާ ނުވަތަ ބުރުގާއިން) އެކަނބަލުންގެ ބޮލާއި ކަނދުރާ އާއި ކަރުވަޅު ނިވާކުރުހުށިކަމެވެ.”

ހަމައެކަނި ބުރުގާއަކީ އަންހެނުންގެ މުޅި ޢައުރައާއި ޒީނަތް ރަނގަޅަށް ނިވާކޮށްދޭ އެއްޗެއް ނޫނެވެ. އެހެންކަމުން، ގެއިން ބޭރަށް، ނުވަތަ ހިލޭ މީހުންނަށް ފެންނަ ހިސާބަށް ނުކުންނަން ޖެހިއްޖެ ނަމަ ބުރުގާއާއި ޚިމާރުގެ އިތުރުން ގަޔަށް ލާފައިވާ ޒީނަތްތެރި ފޭރާން ނިވާކުރުމަށްޓަކައި އޭގެ މަތިން ޖިލްބާބު ލައި ނުވަތަ ބޮޑު ރިދާއަކުން ނިވާކުރުމަށް އަމުރުކުރައްވާ އަންގަވާފައި ވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {{ يَا أَيُّهَا النَّبِيُّ قُلْ لأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَحِيمًا }} الأحزاب 59. މާނައަކީ: “އޭ ނަބިއްޔާއެވެ. ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ޖިލްބާބުތަކުން (ރިދާތަކުން) އެކަނބަލުންގެ ބޮލުންފެށިގެން ހަށިގަނޑު ނިވާކުރުމަށް އަމުރުކުރައްވާށެވެ. އެކަނބަލުންނީ ޢިތްފަތްތެރިންކަމުގައި އެނގި (މީހުންގެ) އުނދަގޫ ނުލިބުން ގާތްވެގެންވާ ގޮތަކީ އެއީއެވެ. މާތް ﷲ އީ ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

މިއާޔަތުގައި ނިވާކުރުމުގައި ބޭނުންކުރުމަށް ނަންގަނެވިފައިވާ “ޖިލްބާބް” އަކީ: އަންހެނުން އެކަނބަލުންގެ ބޮލު އިސްތަށިގަނޑާއި ކަނދުރާއާއި ކަރުވަޅު ނިވާކުރުމަށްޓަކައި ބޭނުންކޮށް އުޅޭ ޚިމާރު ނުވަތަ ބުރުޤާ އާއި ލިބާހުގެ މަތިން ގެއިން ބޭރަށް ނުކުންނަނަމަ ނިވާކުރުމަށް ބޭނުންކުރާ ރިދާ ނުވަތަ ބޮޑު ފޮތިގަނޑެވެ. ބޮލުންފެށިގެން އުނަގަނޑުން ތިރިއަށް ހަށިގަނޑު އެކުގައި ނިވާ ވާނެހެން ހެދިފައިވާ ބޮޑު ބުރުގާ އަކީވެސް ޖިލްބާބު ފަދަ އެއްޗެކެވެ. ޚިމާރާއި ބުރުގާގެ އިތުރުން ޖިލްބާބުން ނުވަތަ ބޮޑުބުރުގާއިން ނިވާވުމަކީވެސް މާތް ﷲ އަމުރު ކުރައްވާފައިވާ ކަމަކެވެ. ރަނގަޅަށް ނިވާ ކުރުމަކީ އެއީއެވެ.

އަންހެނާގެ މޫނާއި ދެއަތްތިލަ މެނުވީ ހުރިހާ ތަނަކީ އައުރަ ކަމާއި މެދުގައި ސަލަފުންގެ މެދުގައި ދެބަސްވުމެއް ނެތެވެ. ވީމައި މުސްލިމު އަންހެނާ ހިލޭފިރިހެނުންގެ ކުރިމަތީގައި އޭނާގެ މޫނާއި ދެއަތްތިލަ މެނުވީ ހުރިހައި ތަނެއް ނިވާކުރުމަކީ ވާޖިބެއް ކަމުގައި ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތާއި އުއްމަތުގެ އިޖުމާއިން ސާބިތުވެއެވެ.

އައުރަ ނިވާކޮށް، ހިޖާބު ކުރުމަށްޓަކައި ޤުރްއާނާއި ސުންނަތުގައި ކަނޑައެޅިފައިވާ ގޮތަށް ނިވާކޮށްފިނަމަ އެއީ ނިވާކޮށްގެން ހުރި މީހެކެވެ. އަދި އެގަވާއިދާއި ޚިލާސާފަށް ހެދުން އެޅުމަކީ ކަނޑައެޅިގެން މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދުމެވެ. އެގޮތުން ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުންގެ ޢައުރަ ނިވާކުރުމުގައި ޝަރުޢީ ހަމަތަކާއި ގަވާއިދު ނުވަތަ ރަނގަޅު ފަރުދާކުރުމުގެ ޝަރުޠު ތަކުގެތެރެއިން ކޮންމެހެން މުހިންމު ކަންތައްތަކަކީ:

1-     ލިބާހަކީ މޫނާއި ދެއަތްތިލަ ފިޔަވައި މުޅި ހަށިގަނޑު ނިވާ ވާވަރުގެ ލިބާހެއްކަމުގައިވުމެވެ. އެނޫން އެއްވެސް ގުނަވަނެއް ކަޝްފުވާގޮތަށް ހުންނަ ބާސް ކަމަކު ނުދާނެއެވެ.

2-     ލިބާހުގެ އެތެރެ ނުފެންނަ ވަރުގެ ބޯފޮތީގެ ފޭރާމެއްކަމުގައިވުމެވެ. ނިވާކޮށްފައިވާ ތަން، ހަށިގަނޑުގެ ވަނާތައް ފެންނަވަރުގެ ތުނި ފޮތީގެ ލިބާހެއް ކަމަކު ނުދާނެވެ.

3-     ހަށިގަނޑުގެ ވަނާތައް ނޭންގޭވަރުގެ ގަޔަށް ދޫކޮށް ހުންނަ ލިބާހެއްކަމުގައިވުމެވެ. ހަށިގަނޑުގެ ބައްޓަން އިނގޭނެހެން، ގަޔަށް ބާރުކޮށް ހުންނަ ލިބާސް ސައްހައެއް ނުވާނެއެވެ.

4-     ފިރިހެނުންގެ ނަޡަރުތައް ހުއްޓުވާފަދަ، ނުވަތަ މީހުން އަޅައިގަންނަ ފަދަ ޒީނަތްތެރި ލިބާހެއްކަމުގައި ވެގެން ނުވާނެއެވެ. ފޮތީގެ ކުލަ ނުވަތަ ޑިޒައިން ނުވަތަ ހެދުމުގެ ވައްތަރުން މީހުންގެ ނަޡަރު ހުއްޓުވާފަދަ، ނުވަތަ މީހުން ގަޔާވެ، އަޅައިގަންނަ ފަދަ ލިބާހެއް ކަމަކު ނުދާނެއެވެ. ކަޅު ކުލައިގެ ލިބާހަކަށްވުން ލާޒިމެއް ނޫނެވެ. ނަމަވެސް މީހުންގެ އަޅައިގަތުން ކުޑު، އަނދިރި ކުލައެއްގެ ލިބާހަކަށްވުން ކޮންމެހެން ބޭނުމެވެ. ހަމައެފަދައިން ކުރެހުމާއި ޑިޒައިން ނުވަތަ ޖަރީ ނެތް ނުވަތަ މީހުން އަޅައި ނުގަންނަހައި މަދު، އާދައިގެ ލިބާހަކަށްވުމަކީވެސް ލާޒިމެވެ.

އަންހެނުން ހިލޭފިރިހެނުންނަށް ފެންނަ ހިސާބުގައި ވާނަމަ އިސްވެދިޔަ ޝަރުޠުތަކާއި އެއްގޮތަށް ފަރުދާކޮށް ނިވާކުރަން ޖެހޭނެއެވެ. އަދި ނިވާކުރުމުގައި އެސިފަތަށް ހުރެއްޖެ ނަމަ އެއީ ޝަރުއީ ފަރުދާއެވެ. ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ފާޅުވާން ޖެހޭ ކޮންމެ ފަހަރަކު ނުވަތަ ކޮންމެ ތަނެއްގައި ޝަރުޢީ ފަރުދާއިން ފަރުދާ ކުރުމަކީ ކޮންމެ މުސްލިމު އަންހެނެއްގެ މައްޗަށް ލާޒިމް އަދި ވާޖިބުކަމެކެވެ. އެހެން ނޫންނަމަ އޭނާގެ ސަބަބުން ފިރިހެނުން ފިތުނަވެރިވެ، މީހުންގެ ހިތްތަކަށް ނުބައި ޚިޔާލުތައް ވަދެ، އެހުރިހާ ފާފައެއްގެ ޒިންމާ ތިބާގެ ބޮލުގައި އެޅޭނެއެވެ. އަދި އެފަދަ އަންހެނުންނަކީ ފޭރާން ލައިގެން އޮރިޔާން ހާލުގައިވާ މީހުންކަމާއި އެފަދަ އަންހެނާ ސުވަރުގެ ނުވަންނާނެކަމުގައި ކައު އިތުރު ރަސޫލާ ހަދީޘްކުރައްވާފައިވާކަން ސާބިތުވެއެވެ.

މޫނުބުރުގާ އަޅައި މޫނާއި ދެއަތްތިލަ ނިވާކުރުމަކީ މާތް އިތުރު ކަމެއް ކަމާއިމެދުގައި ދެބަސްވުމެއް ނުވެއެވެ. ނަމަވެސް މޫނު ބުރުގާ އެޅުމުގެ ވާޖިބު ކަމާއި މެދުގައި އިލްމުވެރިންގެ ރައުޔު ތަފާތުވެފައިވެއެވެ. ބައެއް ޢިލްމުވެރިން ހަށިގަނޑުގެ އެހެން ތަންތަނެކޭ އެއްފަދައިން މޫނާއި ދެއަތްތިލަވެސް އެއީ އައުރައެއް ކަމުގައި ވިދާޅުވެއެވެ. އަދި އަނެއްބައި ބޭކަލުން އެއީ މުސްތަހައްބު ކަމެއް ކަމުގައި ބުނެއެވެ. މޫނާއި ދެއަތްތިލަ އަދި އަންހެނާގެ މުޅި ހަށިގަނޑާއި ހުރިހާ ގުނަވަންތަކެއް ހިލޭމީހުނަށް ފޮރުވައި ނިވާކުރުމަކީ މާތް، މަތިވެރި ކަމެއްކަމާއި މެދުގައި ޝައްކެއް ނެތެވެ. އަދި އެނޫން މިންވަރު ނިވާކުރުމަކީ ފަރުޟެކެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު