ލޯބިވާ ކުއްޖާ ނޫން އެހެން ކުއްޖަކާ އިނދެވިއްޖެ ނަމަ ހަދީނީ ކިހިނެއްތޯއެވެ؟

18 ޖެނުއަރީ 2011 - އަންގާރަ

އަޅުގަނޑު ކައިވެނި ކޮއްގެން އުޅެނީ އަޅުގަނޑު ލޯބިވާ ކުއްޖަކާނޫނެވެ. މަންމެން ބުނެގެން ކައިވެނި ކުރިކުއްޖެކެވެ. އެހެންނަމަވެސް އަޅުގަނޑު ވަރަށް ލޯބިވާ ކުއްޖަކު ހުރެއެވެ. އަޅުގަނޑު އަދިވެސް އެކުޖާ ބޭނުންވެއެވެ. މިކަމުގައި އަޅުގަނޑު ކަންތައް ކުރަންވީ ގޮތްބުނެދީފާނަންތޯއެވެ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ޒަވާޖީ ޙަޔާތެއް އުފާވެރި ގޮތުގައި ހޭދަ ކުރުމުގައި ދެމަފިރިން އެކަކު އަނެކެއް ދެކެ ލޯބިވުމަކީ ވަރަށް މުހިންމު ބޭނުންތެރި ކަމެއްކަމާއި މެދުގައި ޝައްކެއް ނެތެވެ. ނަމަވެސް، އެއީ ހަމަ ތަކަކާއި ވެސް އެކުގައެވެ. ވީމައި ތިޔަ އަޚްގެ ސަމާލު ކަމަށްޓަކައި ގެންނަންޖެހޭ ކަންތައްތަކެއް ވެއެވެ.

ފުރަތަމަ ކަަމަކީ: ސުވާލު ކުރި ފަރާތުން މަންމަގެ ބަސް އެހުމުގެ ގޮތުން ނަމަވެސް ކައިވެނި ކޮށްފައި ވުމެވެ. ޝައްކެއްނެތް ގޮތުގައި ތިބާ ކައިވެނި ކުރި ކުއްޖަކީ ކުރީގައި ތިބާ ލޯބިވާ ކުއްޖެއް ކަމުގައި  ނުވި ނަމަވެސް އޭނާގެ ހުރި ރަނގަޅު ސިފަތަކެއްގެ ސަބަބުން އޭނާ ދެކެ ލޯބި ވެވިދާނެއެވެ. ވީމައި އަޅުގަނޑުގެ ފުރަތަމަ ނަޞޭހަތަކީ؛ ތިޔަ އަޚާއަށް ކައިވެނި ކުރެވިފައިވާ ކުއްޖަކީ ރަނގަޅު ކުއްޖެއް ކަމުގައި ވާނަމަ އެއީ ﷲ ގެ ވަރަށް ބޮޑު ނިޢުމަތެކެވެ. އެނިޢުމަތުގެ އަގުވަޒަންކޮށް، ތިބާގެ އަނބި މީހާ ދެކެ ލޯބި ވެވޭތޯ ބަލާށެވެ! ލޯތްބަކީ ވަރަށް ތަފާތު ސަބަބު ތަކާއި ހެދި ވެވިދާނެ، ހަމަ އެހެންމެ ވަރަށް ގިނަ ސަބަބުތަކާއި ހުރި އުނިވެ، ފިލައިގެންވެސް ދާ އެއްޗެކެވެ. މާތް ﷲގެ ބަސްފުޅުގައިވެއެވެ. { وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا } النساء 19. މާނައަކީ: “އަނބިންނާއި މެދުގައި ލޯތްބާއި އެކުގައި ރަނގަޅު ގުޅުމެއް ބާއްވާށެވެ! ފަހެ ކަލޭމެން ހިންހަމަ ނުޖެހޭ، (ދުނިޔެވީ) ކަމެއް އެކަނބަލުންގައިގައި ހުރިނަމަ (އެކަމަށް ކެތް ކުރާށެވެ!) ތިބާ ފޫހިވާ ނުވަތަ ހިންހަމަ ނުޖެހޭ ކަންތަކުގައި ފަހަރުގައި މާތް ﷲ ބަރަކާތް ލައްވައި އެއީ ތިބާއަށް ހުރި ވަރަށް ބޮޑު ހެޔޮ ކަމެއް ކަމުގައި ވެދާނެއެވެ.” ޝައްކެއްނެތް ގޮތުގައި އަތުގައި ލިބިފައިވާ އެއްޗަކީ ބައެއް ފަހަރު އަހަރުމެނަށް އޭގެ އަގު ނުވިސްނުނު ނަމަވެސް އަތުގައި ނުވާ އެއްޗަކަށްވުރެ މާ ހެޔޮ އެއްޗެއްކަމުގައި ވެދާނެއެވެ.

ދެވަނަ ކަމަކީ: އިނދެގެން އުޅޭ ކުއްޖާގެ ތިބާ ލޯބި ނުވެފައި އެހެން ކުއްޖެއްދެކެ ތިބާ ލޯބި ވާތީ، ބަދަލު ކުރުމެވެ. ސުވާލު އުފެދޭ ތަންކޮޅަކީ، ތިބާ އެމީހެއްދެކެ ލޯބިވާ މީހާ ތިބާ ދެކެ ލޯބިވޭތޯއެވެ؟ ވީމައި އިނދެގެން އުޅޭ ކުއްޖާ އާއި ތިބާ އެކުއްޖެއްދެކެ ލޯބިވާ ކަމުގައި ބުނާ ކުއްޖާޔާ ދެކުދިން ކުރެ، ތިބާ ބޮޑަށް ބުރަވާންވީ ތިބާ ދެކެ ލޯބިވާ މީހަކަށެވެ. ތިބާ ކިތަންމެ ލޯބިވިޔަސް ތިބާ ލޯބިވާ މީހާގެ ލޯބި ތިބާއަށް ނުލިބިއްޖެ ނަމަ ދުވަސް ކޮޅަކުން ތިބާގެ ލޯބި އެހެން އެއްޗަކަށް ބަދަލު ވާނެކަން ޔަގީނެވެ. ކައިވެނީގެ ކުރީގައި ވަރަށް ލޯބިވާ ކިތައް މީހުން ކައިވެންޏަށް ފަހުގައި ފޫހިވާ، ނަފުރަތު ކުރެވޭ ބައެއް ކަމުގައި ވޭހެއްޔެވެ!؟ ވީމައި ތިބާ ކައިވެނި ކޮށްގެން ހުރިއިރު ތިބާގެ ގާތުގައިވާ ކުއްޖާގެ ކަންތައްތައް ރަނގަޅަށް އިނގޭނެއެވެ. ނަމަވެސް ކައިވެނި ނުކުރާހައި ހިނދަކު އަނެކަކުގެ ވަރަށް ގިނަ ކަންތައްތަކެއް ފޮރުވިފައިވާނެކަން ވެސް ހަނދާން ބަހައްޓަން ވާނެއެވެ. ފަހަރެއްގައި މިހާރު ލިބިފައިވާ އަނބި މީހާ ފަދަ މީހެއް ކަމުގައި ދެން އަންނަ މީހަކު ނުވުމަކީ ހަމަ ގާތުގައި ކަމެއްކަން ހަނދާން ކުރަން ވާނެއެވެ.

އަދި އެއްމެ ފަހު ކަމަކަށް ބުނަން ބޭނުންވަނީ: ތިބާއަށް ތިބާގެ ހިތުގައިވާ އަންހެން ކުއްޖާ އާއި ނުލައި އުޅެން ދަތި ކަމުގައި ވާނަމަ، އަދި ތިބާގެ އަންހެނުންނަކީ ރަނގަޅު ކުއްޖެއް ކަމުގައި ވާނަމަ އަދި އަނބި މީހާ އާއި އިތްތިފާގެއްވެ، ދެއަންބަށް އިނދެވެން އޮތް ނަމަ އެގޮތަށް މަސައްކަތް ކުރުމަކީވެސް ހުއްދަ ކަމެކެވެ. ނަމަވެސް ޝަރުޠަކީ ތިބާ އިނދެގެން ނުރި އަނބިމީހާގެ ހައްގުތަކަށް ރައްކާތެރިވެ، ބޭރުފުށުން ދެމީހުނަށް ހައްގުތައް އަދާ ކުރުމުގައި ޢަދްލުވެރި ވެވޭނެ ކަމުގެ އުންމީދު އޮތުމެވެ. އެހެން ނުވާނެ ކަމުގެ ބިރު އޮތް ނަމަ އެއީ ރަނގަޅު ކަމެއް ނޫނެވެ. އަދި ވަކިގޮތެއް ނިންމުމުގެ ކުރީގައި އިސްތިޚާރާ ނަމާދުކޮށް، ގިނަގިނައިން ދުޢާ ކޮށް، ތަޖުރިބާ ހުރި ހެޔޮ އެދޭ، ރަނގަޅު މީހުންނާއި މަޝްވަރާ ކުރުން ވަރަށް މުހިންމެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އިރުޝާދު ދެއްވާފައިވާ ގޮތެވެ. އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ ތިޔަ އަޚާއަށް ހެޔޮ ވިސްނުން ދެއްވައި، ތިޔަ އަޚާއަށް ދެދުނިޔޭގައި ހެޔޮގޮތް މެދުވެރި ވުމެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު