އަޅުގަނޑުގެ މިމާޔޫސް ކަމުނެ ސަލާމަތް ކޮށްދޭށެވެ… އަމިއްލަޔަށް މަރުވެދާނަމޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ..

2 ޖެނުއަރީ 2011 - އާދިއްތަ

އަޅުގަނޑަކީ ސްކޫލް ކުއްޖަކީމެވެ ބޯއި ފްރެންޑެއް (ލޯބިވެރިޔަކު) ގެންގުޅެމެވެ ނަމަވެސް ﷲ ގަންދީ ބުނަމެވެ އޭނަޔާއެކު އެއްވެސް ބަދުއަހްލާގީގުޅުމެއް ނުހިންގަމެ .. އަޅުގަނޑު ބޭނުންވަނީ އޭނަޔާ ކައިވެނި ކުރާށެވެ. ނަމަވެސް އަޅުގަނޑުގެ އުމުރު ހަމައެއް ނުވެވެ. އަޅުގަނޑުގެ މައްސަލަޔަކީ އަޅުގަނޑު އަމިއްލަޔަށް އަމިއްލަ އަތުން އެދުން ފުއްދުމެވެ. އެކަމުގެ ކެއްތެރި ނުވެވެނީ އެވެ. އެކަމުން ވަރަށް ގިނަ ފަހަރު ތަޢުބާވެސް ވެއްޖައިމެވެ ނަމަވެސް އަނެއްކާ ކުރެވެނީއެވެ..އަމިއްލަ ނަފްސް ކޮންޓްރޯލު ނުކުރެވެނީއެވެ އެކަން ކޮށް ނިމުމުން އެކަމާ ދެރަވެ ރޮއެ ހަދަމެވެ، ނަމާދުވެސް ނުކުރެވޭ އެކަހަލަ ގޯސް ހިޔާލުތަށް އަންނަ ވަރުން. އެކަމުގެ ސަބަބުން މިހާރު އަޅުގަނޑަށް ކުޑަކަމުދާން ވެސް ވަރަށް އުންދަގުލެ އަޅުގަނޑު ދެކެނީ އެއީ ﷲ ގެ ކޯފާ ކަމުގައެވެ. ހިތާމަ ވެރިކަމެއްދިމާވެއްޖެޔާ އަޅުގަނޑަށް ވަރަށް ރޮވެއެވެ ކިތަންމެ ވަރަކަށް ހުއްޓަން އުޅުނަސް ވަރަށް އުންދަގުލުން ނޫނީ ނުހުއްޓެއެވެ. މިހާރު އަޅުގަނޑު އަމިއްލަނަފްސަށް ނަފްރަތުވެ މާޔޫސްވާން ފަށައިފި އެވެ. އަދި ދުނިޔޭގަ އުޅުމުގެ ބޭނުމެއްނެތް ކަމަށް ގަބޫލު ކުރެވި އަމިއްލަޔަށް މަރުވެދާނަމޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ.. އެހެން ކަމުން މިހާރު މީހުންނާ އެކީއެޅުން ހުއްޓާލާ މުޅިންވެސް އުޅެނީ އެކަންޔެވެ. އަމިއްލަޔަށް ފުރާނަ ދުއްވާލަން ނުކެރިގެން މިއުޅެނީ އެފަދަމީހެއްގެ ތަނަކީ ނަރަކަކަމަށް ގަބޫލު ކުރެވޭތީއެވެ.. ޝެއިޚް އާދޭސް ކޮށްފައި ދަންނަވަމެވެ.. އަޅުގަނޑު މިމާޔޫސް ކަމުން ނިކުމެވޭނެ ގޮތެއް ބުނެދެއްވަ ބައްލާށެވެ.

الحمد لله والصلاة والسلام على رسول الله، وبعد:

މިސުވާލުން އިނގޭގޮތުގައި ތިޔަ ފަރާތަކީ ހެވާއި ރަނގަޅު، ތެދުމަގާއި ހިދާޔަތުގެ މަތީގައި ދެމިހުންނަން ބޭނުންވާ ކުއްޖެއްކަމެވެ. ނަމަވެސް ނަފްސުގެ ނުބައި ކަމާއި ޝައިޠާނީ ވަސްތަކުގައި ޖެހި، އެކަމުގެ ރަނގަޅު ފަރުވާ ނުލިބި ތިބާގެ މައްޗަށް ބަލީގެ އަސަރު ގަދަވެފައިވަނީއެވެ. ޝައްކެއް ނެތެވެ. ކޮންމެ ބައްޔެއްގެ ފަރުވާ މާތް ﷲ ވަނީ ލައްވާފައިއެވެ. ވީމައި ފަރުވާ ނުވާ ބައްޔެއް ނުހުންނާނެއެވެ. އެގޮތުން ތިޔަފަރާތުގެ ބަލި ވަރަށް ސާފުކޮށް އިނގެއެވެ. އަދި އޭގެ ފަރުވާވެސް އެހާމެ ރަނގަޅަށް ހޯދިދާނެއެވެ. ޔަގީނުންވެސް އަދި ވަގުތު ފާއިތެއް ނުވެއެވެ. ލަހެއްވެސް ނުވެއެވެ. އަވަސް ކޮށްފިނަމަ އިންޝާ ﷲ ތަޢާލާ، އެކަލާނގެ އިޛުނަފުޅުން ތިޔަ އުޚްތަކީވެސް އެހެން ވަރަށްގިނަ ރަނގަޅު، މާތް އަންހެނެއްކަމުގައި ވެވިދާނެއެވެ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް މުހިން ބައެއް ކަންތައް ކިޔާދޭނަމެވެ.

ހުރިހާ ކަމަކަށްވުރެ ކުރީގައި ބޭނުންވާ އެއްމެ މުހިންމު އެއްޗަކީ ތިބާއަށް އިތުރަށް ގެއްލުމެއް ލިބިދާނެފަދަ ޝައިޠާނީ އެއްމެހާ ޖަރާސީމުތަކުން ތިބާގެ ނަފްސާއި ފުރާނަ ރައްކާތެރިކޮށް ހިމާޔަތް ކުރުމެވެ. އެކަމަށްޓަކައި ކޮންމެހެން ލާޒިމުވާ އެއްމެ ފުރަތަމަ ކަމަކީ؛ ތިބާ، ތިބާގެ ވެރި ރަސްކަލާނގެ ﷲ ސުބްހާނަހޫ އަށް ބިރުވެތިވުމެވެ. އެކަލާނގެއަށް ތަޤުވާވެރިވުމެވެ. އެއީ އެކަލާނގެ އަޅުންނަށް ކުރިއާ ފަހުގެ އެއްމެނަށް ނަބިއްޔުންނާއި ރަސޫލުންނަށް އަދި އެއްމެނަށް އެކަލާނގެ ކުރައްވާފައިވާ ވަސިއްޔަތެވެ. ތަގުވާއަކީ: ﷲގެ ކޯފާއާއި އާޛާބަށް ބިރުވެތިވެ، އެކަމުން ސަލާމަތްވުމަށްޓަކައި އެކަލާނގެ ނަހީކުރެއްވި އެއްމެހައި ކަންކަމުން ދުރުހެލިވުމާއި ވާޖިބުކުރެއްވި ކަންތައްތަކަށް ރައްކާތެރިވުމެވެ. އެއީ ތިބާއަށް ހީނުކުރެވޭހައި ގިނަގުނަ ފައިދާއާއި ލާބަ ތިބާއަށް ލިބިދޭނެ އެއްޗެކެވެ. ﷲގެ ބަސްފުޅުގައިވެއެވެ. {مَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجاً (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ} [الطلاق 2-3]. މާނައީ: “ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވެއްޖެ މީހަކަށްޓަކައި އެކަލާނގެ މަގުދައްކަވާނެއެވެ. އަދި އޭނާ ހީނުކުރާހެން އޭނާއަށް ރިޒުޤު ދެއްވާނެއެވެ. އަދި ﷲއަށް ވަކީލުކޮށް ބަރޯސާ ކޮށްފި މީހަކަށް އެކަލާނގެ ފުދިވޮޑިގެންވެއެވެ.”

ލޮބުވެތި އުޚްތާއެވެ! ހުރިހާ ހާލެއްގައި އެކަލާނގެއަށް ބިރުވެތިވާށެވެ! އެކަލާނގެ ނަހީކުރެއްވި (ފިލްމާއި ހަޑިހުތުރު ފޮޓޯ ބެލުމާއި ހިލޭ ފިރިހެނުންނާއި ގުޅުން ބެހެއްޓުންފަދަ) ހުރިހާ ކަމެއް ދޫކޮށް، އެފަދަ ކަންކަމާއި ދުރުހެލިވެ، މާތް ﷲ ވާޖިބުކުރެއްވި (ފަރުޟު ފަސް ނަމާދު ޤާއިމު ކުރުމާއި، ތިބާގެ ހަށިގަނޑު ފަރުދާކޮށް ނިވާކޮށް ހިލޭފިރިހެނުންނާއި ދުރުހެލިވެ، ތިބާއަށް މާތް ﷲ ދެއްވި ޢިތްފަތްތެރިކަން ރައްކާތެރިކުރުންފަދަ) އެއްމެހާ ކަމެއްކުރާށެވެ. އޭރުން އެކަލާނގެ ވަޢުދުކުރައްވާފައިވާ ގޮތަށް ތިބާއަށް ހުރިހާ ދަތިތަކަކުން ސަލާމަތްވާނެ މަގުދައްކަވައި، ތިބާއަށް ރިޒުގު ދެއްވާނެއެވެ.

ދަންނާށެވެ! މިދުނިޔެއަށް އުފަންވެފައިވާ ކޮންމެ އިންސާނަކީވެސް މާތް ﷲގެ މަޚްލޫގެކެވެ. އެކަލާނގެ އަޅެކެވެ. އެއިން ކޮންމެ އަޅަކީވެސް ﷲގެ ހަޟުރަތުގައި ވަރަށް އަގުބޮޑު، މާތް، މަތިވެރި ނަފްސެކެވެ. ވީމައި އެއްވެސް ނަފްސަކަށް އަނެއް ނަފްސެއް އަދި ތިބާގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުމާއި އެގަތުލު ކުރުމުގެ ހުއްދައެއް ނެތެވެ. އަދިކިޔެއް އެއީ ﷲގެ ހައްގެކެވެ. އެކަލާނގެ ތިބާ އުފެއްދެވީ ބޭކާރު ގޮތެއްގައެއް ނޫނެވެ. އަދިކިޔެއް ތިބާއަކީ މާތް ﷲ ވަރަށް މަތިވެރި މަގުސަދެއްގައި މިދުނިޔޭގައި ލެއްވި ފުރާނައެކެވެ. އެއީ އެކަލާނގެ އެއްކައުވަންތަކޮށް، އެކަލާނގެއަށް އަޅުކަންކުރުމެވެ. އެއަށްފަހު އެކަލާނގެ އަމުރުފުޅުތައް ހިންގައި ތަންފީޛުކޮށް އަދި އެކަލާނގެ ބާވައިލެއްވި މާތް ދީނަށްޓަކައި މަސައްކަތްކުރާނެ ޞާލިހު ދަރިންތަކެއްގެ މަންމަޔަކަށްވުމެވެ. ތިބާ އެކަލާނގެ އަންގަވައި ދައްކަވާފައިވާ ގޮތަށް ހިނގައިފިނަމަ ތިބާއަކީ މުޅި ދުނި އިސްލާހު ކުރެވިދާނެ މީހެކެވެ. ދުނިޔޭގެ ރަނި ކަމަނާއެއްކަމުގައި ވެވިދާނެ މީހެކެވެ. އަދި އާޚިރަތުގައި އެކަލާނގެ ސުވަރުގޭގައި ހަގީގީ ލައްޛަތުގައި އަބަދުގެ އަބަދަށް އުޅެވޭނޭ މީހެކެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ. ތިބާގެ ނަފްސަށް ނިކަމެތިކޮށް ނުދެކޭށެވެ. އެމާތްވާނީ ތިބާގެ އީމާންކަމާއި އަމަލުންނެވެ. އެ ހުތުރުވާނީވެސް ތިބާގެ އަމަލުންނެވެ. ވިސްނާށެވެ.

ލޮބުވެތި އުޚްތާއެވެ! ތެދުވެރިކަމާއިއެކުގައި ﷲގެ ހިދާޔަތު ގަބޫލުކޮށް އެކަލާނގެ މަގަށް ރުޖޫޢަވާށެވެ. އޭރުން މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ބިރުވެރިކަމެއް ކަންބޮޑުވުމެއް ހިތްދަތިވުމެއް ނުވާނެއެވެ. އެކަލާނގެ ބަސްފުޅުގައިވެއެވެ. {فمن اتبع هداي فلا خوف عليهم ولا هم يحزنون} [البقرة 38] މާނައީ: “ފަހެ ތިމަން އިލާހުގެ ހިދާޔަތުގައި ހިފައިފި މީހަކަށް ބިރެއް އަދި ކަންބޮޑުވުމެއް ނުވެއެވެ.” ވީމައި ﷲއާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންގަންނާށެވެ. އަދި އެދެފަރާތަށް ނުއުރެދޭށެވެ! ﷲގެ ވަހީއާއި އެކަލާނގެ ނަބިއްޔާގެ ސުންނަތާއި އެއްގޮތަށް ތިބާގެ ހަޔާތް ބައްޓަންކުރާށެވެ. އޭރުން ހުރިހާ ކަމެއް ހައްލުވީއެވެ.

އުޚްތާއެވެ! ތައުބާވާށެވެ! ގިނަގިނައިން ތައުބާ ވާށެވެ! ތެދުވެރިކަމާއިއެކުގައި ހެޔޮނިޔަތުން ތައުބާ ވާށެވެ! ﷲގެ ހަޟުރަތުން ސީދާ ކޮށްދެއްވުންއެދި، ސާބިތު ކޮށްދެއްވުން އެދި ގިނަގިނައިން އާދޭސް ދަންނަވާށެވެ. ހަމަ ޔަގީނުންވެސް އެކަލާނގެ އިޖާބަކުރައްވާނެއެވެ.

ތިބާއަށް ކުޅަދާނަ ނަމަ ކޮންމެ ރެއެއްގައި މީހުން ނިދައި ހަމަ ހިމޭންވީމައި ތެދުވެ، ވުޟޫކޮށްލައިގެން ނަމާދު ކުރާށެވެ. އަދި ﷲގެ ގަދަ ކީރިތިވަންތަކަމާއި ބޮޑުކަން އަދި އެކަލާނގެ އޯގާވަންތަކަމާއި ރަހުމަތްވަންތަކަން ހިތަށް ގެނެސްގަންނާށެވެ. އެވަގުތަކީ އެކަލާނގެ ދުނިޔޭގެ އުޑަށް (އެއްމެ ތިރީ އުޑަށް) ފައިބައިވޮޑިގެން އެކަލާނގެ އަޅުތަކުންނަށް ގޮވައިލައްވާ ވަގުތެވެ. “ކަމަކަށް އެދި ދަންނަވާނެ މީހަކު އެބަ ހުރި ހެއްޔެވެ؟ ތިމަން ރަސްކަލާނގެ އެކަމެއް ދެއްވާހުށީމެވެ. ފާފަފުއްސެވުމަށް އެދޭނެ މީހަކު އެބަ ހުރިހެއްޔެވެ؟ އެމީހެއްގެ ފާފަ ފުއްސަވާހުށީމެވެ.” އެއީ އާދަމުގެ ފާނާއި ކައުއިތުރު ނަބިއްޔާ އާއި މަގޭވެސް އަދި ތިބާގެވެސް ވެރި ރަސްކަލާނގެއެވެ. އެކަލާނގެއަށް ދަންނަވާށެވެ. ފާފަފުއްސެވުންއެދި، ތިބާގެ ކަށީގައި ހިފާފައިވާ، ދޫކޮށްނުލެވޭ، ދުރުހެލިވާން އުނދަގޫވެފައިވާ އެއްމެހައި ނުބައި ކަންކަމުން ސަލާމަތް ކޮށްދެއްވައިތޯ، ރައްކާތެރި ކުރައްވައިތޯ އެދި ދަންނަވާށެވެ! އެކަލާނގެ އިޖާބަކުރައްވާނެއެވެ. އަދި ފާފަ ފުއްސަވާނެއެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. {قل يعبادي الذين أسرفوا على أنفسهم لا تقنطوا من رحمة الله إن الله يغفر الذنوب جميعا إنه هو الغفور الرحيم} [الزمر 53] މާނައީ: “ތިމަން އިލާހުގެ އަޅުތަކުންކުރެ ފާފަކުރުމުން އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކޮށްފައިވާ މީހުނަށް ކަލޭގެފާނު ދަންނަވާށެވެ. ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. އެކަލާނގެ ހުރިހައިފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

ﷲ ތިބާގެ ކިބައިން ބޭނުންވެ ވޮޑިގަންނަވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. ތިބާ އެކަލާނގެ ހަޟުރަތަށް ތެދުވެރިކަމާއިއެކުގައި އައުމެވެ. އެކަލާނގެ އަންގަވާފައިވެއެވެ. {يأيها الذين ءامنوا  توبوا إلى الله توبة نصوحا عسى ربكم أن يكفر عنكم سيئاتكم ويدخلكم جنت تجري من تحتها الأنهار…} [التحريم 8]. “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ތެދުވެރި ތައުބާއަކުން ﷲގެ ހަޟުރަތަށް ތައުބާވާށެވެ. އޭރުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި އެތަނެއްގެ (ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން) ފެން އާރުތަށް ހިނގަހިނގައިވާ ސުވަރުގެ ތަކަކަށް ތިޔަބައިމީހުން ވައްދަވާނެއެވެ.”

ތެދުވެރި ތައުބާއަކީ: ތިމާ ކުރަމުންދިޔަ ފާފަ ހުއްޓާލައި، އެކަމުގެ މައްޗަށް ލަދުވެތިވެ ދެރަވެ، އަލުން އެފާފައަށް އަރައިނުގަތުމަށް އަޒުމް ކުރުމާއިއެކު ﷲގެ ހަޟުރަތުން ފާފަ ފުއްސެވުމަށް ދެންނެވުމެވެ. އަދިއެއާއިއކުގައި ޞާލިހުއަމަލު ކުރާ ކުއްޖެއްކަމުގައިވާށެވެ. އޭރުން ކަންބޮޑުވުމާއި ހިތްދަތިކަން ފިލައިދާނެއެވެ. މާތް ﷲ އެންގެވިއެވެ. މާނައީ: “ޞާލިހު އަމަލު ކޮށްފި ކޮންމެ ފިރިހެނަކާއި އަންހެނެއް އެއީ މޫމިނެއް ނަމަ ތިމަން އިލާހު އެމީހަކަށް ޠާހިރު، ރިވެތި ހަޔާތެއް ދެއްވާހުށީމެވެ. އަދި އެބައިމީހުން ކޮށްއުޅުނު ހެޔޮކަންކަމުގެ އަޖުރު އޭގެ އެއްމެ ފުރިހަމަ ގޮތުގައި ދެއްވާހުށީމެވެ.”

ތިބާއަށް ކުރެވެމުންދާ ނުބައި ކަންތަކާއި ދުރުހެލިވެ، ހެޔޮގޮތުގައި ސާބިތުވުމަށްޓަކައި މަތީގައިވާ ނަސޭހަތްކޮޅާއިއެކުގައި އަންނަނިވި ނުކުތާތަކަށް ސަމާލުވާށެވެ.

-         އަމިއްލައަށް ތިބާގެ ޖިންސީ އެދުން ފުއްދުމަކީ ހަރާމްކަމެކެވެ. ވީމައި އެކަން ހުއްޓާލައި އެކަމާއި ދުރުހެލިވާށެވެ. އަދިކިޔެއް ތިބާގެ ހަލާލު ފިރިމީހާގެ ގާތުން މެނުވީ އެއްވެސް އަރާމެއް ލިބިނުގަންނާށެވެ. މާތް ﷲ ވަހީކުރެއްވިއެވެ. {وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ إِلَّا عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ} [المؤمنون 5-7].”އަދި އެބައިމީހުން (ހަގީގީ މޫމިނުން) ނަކީ އެބައިމީހުންގެ ފަރުޖުތަކަށް ރައްކާތެރިވާ މީހުންނެވެ. އެއީ އިމީހުންގެ އަނބިފިރިންނާއި އަޅުއަންހެނުންނަށް ފިޔަވައެވެ. އެމީހުނަކަށް މަލާމާތެއް ނެތެވެ. އެނޫން މަގެއް އިޚްތިޔާރު ކޮށްފި މީހާ ދަންނައެވެ. އެއީ ހައްދުފަހަނަ އަޅައިފައިވާ މީހުންނެވެ.” ތިބާގެ ލަދުވެތި ގުނަވަނަށް ރައްކާތެރިވުމުގެ މާތްކަމާއި އެއާ ޚިލާފުވުމުގެ ނުބައިކަން ވިސްނާށެވެ! ﷲ ތިބާއާއި އެކުގައި އަބަދު ވޮޑިގެންވާކަން، ތިބާގެ އަމަލުތައް ބައްލަވައި ވޮޑިގަންނަވާކަމާއި ތިބާގެ ވާހަކަ އައްސަވައިވޮޑިގަންނަވާކަން ހަނދުމަކުރާށެވެ!

-         އަމިއްލައަށް އެދުން ފުއްދުމަކީ ދުވަހަކުވެސް އޭގެ ހަގީގީ ލައްޛަތު ލިބޭނެކަމެއް ނޫނެވެ. އަދިކިޔެއް އެއީ ޝައިޠާނާ ތިބާއަށް ދޭ ބޮޑު ކެއްސެކެވެ. އެއީ ބައްޔެކެވެ. އެކަން ކުރުންމަތީގައި ދެމިހުރުމަކީ ތިބާގެ އީމާންކަމާއި ތިބާގެ ޞިއްހަތަށް ލިބޭނެ ގެއްލުމެކެވެ. ވީމައި ވަގުތުން ހުއްޓާލައި ﷲގެ ހަޟުރަތަށް ތައުބާ ވާށެވެ.

ވީއެއްމެ އަވަހަކަށް ރަނގަޅު ޞާލިހު މީހަކާއި ކައިވެނި ކުރާށެވެ. ކައިވެނި ކުރެވެން ނެތްނަމަ ގިނަގިނައިން ރޯދަ ހިފާށެވެ. އެއީ ތިބާގެ ނަފްސުގެ އެދުންތަށް ކޮންޓޮރޯލް ކުރެވި، ފަރުޖު ރައްކާތެރި ކުރުމަށް ބާރު ލިބޭނެ އައްޑަނައެއް ކަމުގައި އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. [البخاري އާއި مسلم]

-         ރަނގަޅު އެކުވެރިއެއް ހޯދާށެވެ. ފަރުޟު ފަސްނަމާދު ރަނގަޅަށް ކުރާ، ހެޔޮކަންކަމަށް އަމުރުކޮށް، ނުބައި މުންކަރާތްތައް މަނާ ކުރާނެ ރަނގަޅު އަންހެން ކުއްޖަކާއި ގުޅޭށެވެ. އަދި އެއްގޮތަކަށްވެސް އެކަނިން ވަގުތުތައް ހޭދަ ނުކޮށްވޭތޯ ބަލާށެވެ. ކިޔެވުމާއި އެހެންވެސް ކަންތައް ތަކުގައި ރަނގަޅު މީހުންނާއިއެކުގައި ވަގުތު ހޭދަ ކުރާށެވެ.

-         އެނުބައިކަން ކުރުމުގެ ޚިޔާލު އަންނަ ކޮންމެ ފަހަރަކު އެކަން ހިތުން ފިލުވައިލުމަށް މަސައްކަތް ކުރާށެވެ. އެގޮތުން ތިމާ އެވަގުތު ހުރި ހާލަތު ނުވަތަ ސިޓުއޭޝަން ބަދަލު ކުށްލާށެވެ. އަދި ވަގުތުން ކޮންމެވެސް ކަމެއްގައި މަޝްޣޫލު ވާށެވެ. އަޢޫޛު ކިޔާށެވެ. ހެޔޮ އެއްޗެއް ކިޔާށެވެ. ނުވަތަ ވުޟޫކޮށްލައި ދެރަކުއަތް ނަމާދެއް ކޮށްލާށެވެ. ނުވަތަ ޤުރްއާން ކިޔަވައިލާށެވެ. ނުވަތަ ދީނީ މައުލޫމާތު ހުރި ފޮތެއް ނުވަތަ ދުނިޔެވީގޮތުންވެސް ފައިދާހުރި ކޮންމެވެސް ކަމެއް ކުރަން ފަށާށެވެ. އަދި އެކަނި ހުރި ނަމަ ގޭގެ މީހެއްގެ ގާތަށް ނުވަތަ ރައްޓެއްސަކަށް ގުޅައިގެން ބައްދަލުކޮށް، ޝައިޠާނީ އެވަސްވާސްތައް ދުރުކޮށްލާށެވެ. އެއީ ވަރަށް ފަސޭހައިން ވެދާނެކަމެކެވެ.

-         ތިބާގެ ޝަހުވަތް އުތުރި އަރާފަދަ ހުރިހާ ކަންތައްތަކާއި ދުރުހެލިވާށެވެ! ފިލްމާއި އެފަދަ ވާހަކަ ފޮތްކިޔުމާއި ނުވަތަ އެފަދަ ސައިޓްތަކަށް ވަނުމާއި ނުވަތަ ހިލޭ ފިރިހެނުންނާއި ޗެޓްކުރުން ހުއްޓާލާށެވެ. އެފަދަ ކަންކަމަކީ ތިބާގެ ނަފްސުގެ ތެރަށް ވަނުމަށް ޝައިޠާނާއަށް ދެވޭ ދަޢުވަތެވެ.

ދަންނާށެވެ! އީމާންކަމުގެ ބާރަކީ ހުރިހާ ބާރަކަށްވުރެ ވަރުގަދަ ބާރެކެވެ. ތިޔަ އުޚްތު ﷲގެ މަގުގައި އެކަލާނގެ އަންގަވާފައިވާ ގޮތަށް ތެދުވެރިކަމާއި އެކުގައި ބަޔާންވެދިޔަފަދަ އަމަލުތަކުގައި ސާބިތުވާން ބޭނުންނަމަ އެއީ ފަސޭހަ ކަމެކެވެ. އަދި ތިބާގެ މުސްތަގުބަލް ވަރަށް އަލިކަމާއި އުޖާލާކޮށް ފެންނާނެއެވެ.

އުންމީދުކުރަނީ ތިޔަ އުޚްތު އަހަރެމެންނާއި އެކުގައި ގުޅުންބަހައްޓަވާނެކަމުގައެވެ. އަދި އަހަރުމެންގެ ފަރާތުން ފައިދާހުރި އިރުޝާދުތަކެއް ލިބޭނެކަށެވެ. އަހަރެންގެ ދުޢާއަކީ؛ މާތް ﷲ އެކަލާނގެ އޯގާވަންތަކަމުން ތިބާއަށް ޢާފިޔަތު ދެއްވުމެވެ. އަދި އަހަރުމެން އެއްމެނަށް އެކަލާނގެ ރުއްސަވާމަގަށް މަގުދެއްކުމެވެ.

وصلى الله على نبينا محمد وعلى آله وصحبه وسلم

ސުވާލާއި ޖަވާބު