ސެކްޝަން | ., މަޒުމޫނު

ކާފަރުންގެ ޢީދުގައި ބައިވެރިވުން…

31 ޑިސެމްބަރު 2013 - އަންގާރަ

ދިރިއުޅުމުގައި އެއްބަޔަކު އަނެއްބައެއް ކޮޕީކުރުމަކީ އިންސާނުންގެ ފިޠުރަތުގައި ހުންނަ ކަމެކެވެ. ތަފާތު ފަންނުތަކާއި މަސައްކަތްތަކުގައެވެ.

ދިރިއުޅުމުގައި އެއްބަޔަކު އަނެއްބައެއް ކޮޕީކުރުމަކީ އިންސާނުންގެ ކިބައިގައި ހުންނަ ކަމެކެވެ. ތަފާތު ފަންނުތަކާއި މަސައްކަތްތަކުގައެވެ. ދިރިއުޅުމުގެ ވަސީލަތްތަކާއި ޢިލްމީ ހޯދުންތަކާއި ތަޖުރިބާ ތަކުގައި އެއްބަޔަކު ކުރާ ކަމެއްގެ ފައިދާ އަނެއް ބަޔަކު ލިބިގަތުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކީ ކާފަރުންގެ އާދަކާދައާއި ދީނުގައި އެއްގޮތް ކުރުމާއި ތަބާވުމެވެ. އަދި އާދަމުގެ ދަރީންގެ އިތުރުން ވަލު ޖަނަވާރު، ސޫފާސޫފި އެއްޗިހީގެ އުޅުމާއި ގޮތަށް ދާންދެން ތަބާވާތީއެވެ.

ޝައްކެއްނެތް ގޮތުގައި މުސްލިމުންނަކީ ރިވެތިވެގެންވާ ނަމޫނާ އަކާއި ދިރިއުޅުމުގެ ފުރިހަމަ މަންހަޖަކާއި ޝަރީޢަތެއް އޮތް ބައެކެވެ. މަތިވެރި އަދަބުތަކަކާއި ރިވެތި އަޚުލާގުގެ އެންމެ ފުރިހަމަ ނަމޫނާ އެބައިމީހުނަށް ލިބިފައިވާ ބައެކެވެ.  އަދިކިޔެއް، ދީނާއި ޢަޤީދާ އާއި އަޚްލާގުގެ ގޮތުން މިހާތަނަށް ދުނިޔެ ދުށް އެންމެ ރިވެތި، އެންމެ ފުރިހަމަ، އެންމެ ފުދުންތެރި، އެހެން އެއްޗަކަށް ބޭނުން ނުވާނެ، މުސްތަޤިއްލު ޝަރީޢަތެއް ލިބިފައިވާ ބަޔަކީ މުސްލިމުންނެވެ. އަޅުގަނޑުމެންނަކީ މާތް ﷲ އެކަލާނގެ އެންމެ ފަހުގެ ރަސޫލާ، އާދަމުގެ ދަރީންގެ ސާހިބާ صلى الله عليه وسلم ގެ މައްޗަށް ބާވައިލެއްވި މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރީންނެވެ. މީސްތަކުންގެ ހަވާއާއި އަމިއްލަ އެދުންތަކާއި އޮޅުންބޮޅުންތަކުން ރައްކާތެރިވެފައިވާ ހަމަ އެކަނި ދީނުގެ އަހުލުވެރިންނެވެ.

އެހެން މީހުންގެ އާދަކާދައާއި ފެޝަންތަކުގެ ސަބަބުން އަސަރު ކޮށްފާނެ ބަލިކަށި މުސްލިމުންގެ އަތުން މިދީނުގެ ސާފު ޢަޤީދާއާއި އަޅުކަމާއި އަޚްލާގަށް އެއްވެސް އުނިކަމެއް އަތުވެދާނެ ކަމަށްޓަކައި މިދީނުގައި އެއްވެސް މީހެއްގެ ޚިޔާލެއް ފިކުރެއް، އަދި ދީނުގައި ނެތް އައުކަމެއް ކުރުމާއި އައުބަހެއް ބުނުން މަނާ ކުރެވި، ޣައިރު މުސްލިމުންގެ އާދަކާދައާއި ފެޝަންތައް ކޮޕީކޮށް، އެމީހުނާއި އެއްގޮތްވުން ޙަރާމް ކުރެއްވިފައި ވެއެވެ. އެހެން ބައެއްގެ ގޮތް އިޚްތިޔާރުކޮށް، އެއްގޮތްވެއްޖެ މީހަކަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަޢީދުގެ ބަސްފުޅު ހަދީޘް ކުރައްވާފައިވެއެވެ. ((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ))[1]. މާނައަކީ: “ބަޔަކާއި އެއްގޮތްވެ، ވައްތަރު ކޮށްފި މީހަކީ އެބައެއްގެ ތެރެއިން ވާ މީހެކެވެ”.

ހިތާމަ އަކީ މިއުންމަތުގެ ތެރެއިން ބަލިކަށި ބަޔަކު ކާފަރުން ދެކެ ލޯބިވެ، އެމީހުނަށް ތަބާވުމެވެ. ދިރިއުޅުމުގެ އަސްބާބު ތަކުގައި ބަޔަކާ އެއްގޮތްވުން ހުއްދަ މިންވަރަކުން ނޫނެވެ. އެމީހުންގެ ހުރިހައި ކަމެއްގައެވެ. ކާފަރުން ކުރާހައި ކަމެއްކޮށް، އުޅޭހައި ގޮތަކަށް އުޅެނީއެވެ. އިސްލާމީ ޢަޤީދާ އާއި ދީނުގެ އުޞޫލުތަކާއި ޚިލާފު ވާ ކަންކަމުގައިވެސް މެއެވެ. ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުގެ މަންހަޖު ދޫކޮށްފައެވެ. ސީދާ ސުވަރުގެއަށް މަގުދެއްކެވި މާތް ސާހިބާ ގެ ރިވެތި ނަމޫނާ ހަނދާންނެތިކޮށްފައެވެ. އިތުރުއެކަލޭގެފާނުންގެ އަރިހުން ޞައްހަވެފައި ވެއެވެ. ((لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لَاتَّبَعْتُمُوهُمْ)) މާނައަކީ: “ތިޔަބައިމީހުން (މުސްލިމުންކުރެ ބަޔަކު) ކުރީގެ މީހުންގެ އާދަތަކަށް ތަބާވާނެއެވެ. ކައިވަތަކަށް ކައިވަތެއްގެ މިންވަރު، އަދި މުށަކަށް މުށެއްގެ މިންވަރުން ތަބާވާނެއެވެ. އަދި އެމީހުން ޟައްބު ހޮރަކަށް ވަދެއްޖެ ނަމަވެސް އެމީހުންގެ ފަހަތުން ވަންނަ ހުއްޓެވެ.” އަޞްޙާބުން ދެންނެވިއެވެ. يَا رَسُولَ اللَّهِ آلْيَهُودَ وَالنَّصَارَى؟ “ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަކަށް ތަބާވާނެ ވާހަކަ ތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ((فَمَنْ)) “އެހެން ކޮންބައެއް ހެއްޔެވެ؟! [2].

ޣައިރުމުސްލިމުންނަށް ތަބާވުމުގައި އެމީހުންގެ އާދަކާދައިގެ އިތުރުން އެމީހުންގެ ދީނުގެ ކަންތައްތަކަށް ދާންދެން މިއުންމަތުގެ ބައެއް މީހުން ކޮޕީކުރަން ފަށާފައި ވެއެވެ. ބައެއް މީހުން މުރުތައްދުވެ، ދީނުން ބޭރުވާ ދަރަޖައަށް އެމީހުނަށް ތަބާވެފައި ވެއެވެ. އެއީ އެބައިމީހުންގެ ގޮތް މޮޅުވެ، އެމީހުންގެ ޢަޤީދާ އާއި ދީނަކީ ވެސް އެންމެ ރަނގަޅު ގޮތެއް ކަމުގައި ގަބޫލު ކުރާ ދަރަޖައަށް މީހާ ދިޔުން ފަދަ ކަންކަމެވެ.

ޑިސެމްބަރ 25 ވަނަ ދުވަހާއި ޖެނުއަރީ 1 ވަނަ ދުވަހާއި އަދިވެސް ކާފަރުންގެ ދީނާއި އާދަކާދައިގައި ހިމެނޭ އެތަކެއް ޢީދަކާއި މުނާސަބަތެއް ގައި އިތުރުއެކަލޭގެފާނުންގެ އިސްވެ ދިޔަ ބަސްފުޅުގެ ތެދުކަން ފާޅުވެއެވެ. ނަޞާރާއިންގެ އެންމެ ބަރަކާތްތެރި ދުވަސް ކަމުގައި ބެލެވޭ، އެމީހުންގެ އެންމެ ބޮޑު ޢީދުކަމުގައިވާ ‘ކްރިސްމަސް‘ ފާހަގަކުރުމުގައި ހިންދޫންނާއި ބުޑިސްޓުންނާއި އެހެންވެސް ދީންތަކުގެ މީހުންނެކޭ އެއްފަދައިން މުސްލިމުންނާއި އިސްލާމީ ގައުމުތައްވެސް މިއަދު ބައިވެރި ވާން ފަށާފައި ވެއެވެ. ކުފުރަކީ އެއް މިއްލަތެއް ކަމުން، ހިންދޫން ނާއި ބުޑިސްޓުން ނާއި ކުފުރުގެ ދީންތައް އެއްބަޔަކު އަނެއް ބައެއްގެ ޢީދުގައި ބައިވެރި ވުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެއް ކަމަކު، ތައުޙީދުގެ އުންމަތް، ޤުރްއާނުގެ އަހުލުވެރިން، އަދި މުޙަންމަދު صل الله عليه وسلم އަށް ތަބާވާ މީހުން، ފުރިހަމަ ކުރެވިފައިވާ އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއް އަދި ގޮތެއް މާތް ﷲ ޤަބޫލު ނުކުރައްވާނެ ކަމުގައި ގަބޫލު ކުރާ ކަމުގައި ބުނާ މީހުން ކާފަރުންގެ ޢީދު ތަކާއި އަޅުކަންތަކުގައި ބައިވެރި ވުމަކީ ހިތާމަ ހުރި ކަމެކެވެ. ކްރިސްމަސް ޢީދުގައި އެމީހުން ލައި އުޅޭ ‘ސަންޓަކުލައުސް’ ގެ ލިބާސް ލުމާއި، އެ މުނާސަބަތުގައި ތަހުނިޔާ ކިޔައި ހަދިޔާ ފޮނުވައި އެ ކަމުގެ ޚާއްޞަ މުނާސަބާތުގައި ބައިވެރިވުމަކީ ޢަޤީދާގައި ހުރި ބަލިކަށި ކަމެއްކަން ކަށަވަރެވެ. އެފަދަ މީހުންގެ އީމާންކަމާއި މެދުގައި ވެސް ސުވާލު އުފެދޭ ކަމެކެވެ. އެއީ ކާފަރަކު އަޟްޙާ ޢީދު ދުވަހުގައި ހުވަނދުލައި ޒީނަތްތެރިވެ، ތަކުބީރު ކިޔައި، އުޟްޙިޔާ ކަތިލައި ހަދައިފި ނަމަ އެމީހަކު އިސްލާމްވެއްޖެ ކަމުގައި ހީކުރެވޭނެ ފަދައިންނެވެ.

ޢީދު މުނާސަބާތްތަކަކީ؛ ހުރިހައި ދީނަކާއި މުޖްތަމައެއް އަނެއް ބަޔަކާއި ތަފާތު ކޮށްދޭ އެންމެ ޚާއްސަ ޝިޢާރެވެ. އިސްލާމުން އެހެން މީހުންނާ ތަފާތު ކޮށްދޭ އުފާފާޅު ކުރުމުގެ އެއްމެ ޚާއްސަ މުނާސަބާތަކީ ފިޠްރު ޢީދާއި އަޟްޙާ ޢީދެވެ. ހަމަ އެފަދައިން އެހެން ދީންތަކާ އެހެން މީހުންގެ ވެސް އެފަދަ ދުވަސްތައް ވެއެވެ. އެ ދުވަސްތަކުގައި އުފާފާޅުކޮށް، އެމީހުންގެ ޝިޢާރުތައް ފާޅު ކުރާނީ އެބައެކެވެ. އެބަޔަކާ އެއްގޮތް ވުމަކީ އެމީހުންގެ ތެރެއިން އެމީހާ ވާނެ ކަމެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ކަނޑައެޅިގެން މުސްލިމުންނަށް ނަހީކުރައްވާފައިވާ ކަމެކެވެ.

އިސްލާމީ ގައުމުތަކުގައި މިކަން އަންނަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. އިސްލާމީ ގައުމެއްކަމުގައި ބުނާ، މުސްލިމުންގެ އަޣުލަބިއްޔަތެއް ދިރިއުޅޭ މެލޭޝިއާގައި ވެސް ކްރިސްމަސް އާއި ކްރިސްޓިއަނުންގެ އައު އަހަރަށް ތައްޔާރުވާ ގައުމުތަކުގެ ލިސްޓްގައި ވަރަށް އިސްކޮށް ފާހަގަކޮށްލެވެއެވެ. ޗައިނީޒް އެއް ހިންދޫއެއް މުސްލިމެއް ތަފާތެއް ނެތި ހުރިހާ ކުދިބޮޑު ސުޕަރމާރކެޓް ތަކާއި ޝޮޕިންގްމޯލްތައް ނަޞާރާންއިން ނާއި ހިންދޫން ނާއި ބުޑިސްޓުންގެ ޢީދުތަކާއި އައު އަހަރަށް ޖަރީކުރެވެއެވެ. ފިޠުރު ޢީދާއި އަޟްޙާ ޢީދަށް ވުރެވެސް ކުލަގަދަކޮށެވެ. ދުނިޔޭގެ އެންމެ ބޮޑު ކްރިސްމަސް ގަސް ހަދައި، އައު އަހަރުގެ އެއްމެ ބޮޑު ފަޔަރވާރކްސް ބާއްވާ ގައުމަކީ ދުބައި އެވެ. فلا حول ولا قوة إلا بالله.

ގްލޯބަލައިޒޭޝަނޯލައެވެ! ހިއުމަން ބްރާދާހޫޑޯލައެވެ! ޓޮލެރެންސްއޯލައެވެ! އިސްލާމްދީނާއި މުސްލިމުންނާއި އިދިކޮޅަށް ސިއްރާއި ފާޅުގައި، ރެއާއި ދުވާލު، ނުބައި ރޭވުންތައް ރާވައި، މިދީން ބަދުނާމު ކުރުމަށްޓަކައި ދޮގު ވާހަކަތައް ފަތުރައި، މިދީނުގެ ދަޢުވަތު މަނާކޮށް ޢިލްމުވެރިންނާއި ދުޢާތުންނަށް މަގު ބަންދުކޮށް އެމީހުނަށް އަނިޔާކޮށް، އިސްލާމުންގެ ރަށްތައް ހިފައި ހިޞާރުކޮށް، މުސްލިމު އަންހެނުންގެ ޢިތްފަތް ފޭރި، ކުޑަކުދިންތައް ގަތުލުކޮށް އެމީހުންގެ މުދަލާއި ޘަރަވާތުތައް ފޭރެމުން އިންސާނީ އަޚުވަންތަކަމުގެ ނަމުގައި ކޮން ސަމާޙަތެއްތޯއެވެ! ކޮން ޓޮލެރެންސެއްތޯއެވެ! އެއީ ކާފަރުންގެ ގިނަ މީހުން ދަންނަ އެއްޗެއް ނޫނެވެ. އަދިކިޔެއް، ސަމާޙަތާއި މިނިވަންކަމަކީ އިސްލާމްދީނާއި އެދީނުގެ މާތް ނަބިއްޔާ ދަސްކޮށްދިން ކަމެކެވެ. އޭގެ މާނައަކީ އަޅުގަނޑުމެން މުސްލިމުން ﷲ އާއި އެކަލާނގެ ރަސޫލާގެ ދީނާއި މަންހަޖު ދޫކޮށް ޢަދާވާތްތެރިންގެ ފަސްބައިގައި އެލިގަތުމެއް ނޫނެވެ. ޣައިރުމުސްލިމުންގެ ޢީދުތަކާއި އެމީހުންގެ މުނާސަބާތްތަކުގައި ބައިވެރިވެ ތަހުނިޔާކިޔައި ވިޝްކުރުމަކީ މުސްލިމުންނަށް ޖާއިޒްކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަކީ ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއްވެސް ނޫނެވެ. އަދިކިޔެއް، ޔަހޫދީންނާއި ނަޞާރާއިންނާއި އެއްމެހައި މުޝްރިކުންނާއި ޚިލާފުވެ، ތަފާތުވުމަކީ ޚާއްސަކޮށް އެމީހުންގެ ޢީދުތަކާއި ދީނީ ޝިޢާރުތަކާއި ދުރުހެލިވުމަކީ އަޅުގަނޑުމެންގެ ދީނީ ވާޖިބެކެވެ. އެއީ؛ އެފަދަ އަމަލު ތަކުގައި ކުފުރާއި ޝިރުކު، އަދި އޭގެ އަހުލުވެރިންނަށް ހިތްވަރު ދެވުމާއި، އެ ނުބައި މުންކަރާތަށް އިހުތިރާމު ކުރެވުން އެކުލެވިގެންވާތީއެވެ.

“خالفوا أهل الكتاب” އަހުލު ކިތާބީން (ޔަހޫދީންނާއި ނަޞާރާއިން) ނާއި ޚިލާފުވާށެވެ! “خالفوا المشركين” މުޝްރިކުންނާއި ޚިލާފުވާށެވެ! މިފަދައިން އިތުރުއެކަލޭގެފާނުން އެތަކެއް ފަހަރުމަތީން އަމުރުކުރައްވާފައިވެއެވެ. އެއީ “الولاء والبراء” (މާތް ﷲ އަށްޓަކައި ލޯބި ވުމާއި، އެކަލާނގެއަށްޓަކައި ޢަދާވާތްތެރިވުން) މި މަތިވެރި ޝިޢާރުގެ ތެރޭގައި ހިމެނޭ، އީމާންކަމުގެ މައިގަނޑު ރުކުނެކެވެ.

މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ތިބާއަކީ “لا إله إلا الله محمد رسول الله” ގެ މާތް ކަލިމައިގެ ސަބަބުން ދުނިޔޭގެ ހުރިހައި މިއްލަތެއްގެ މައްޗަށް މާތް ﷲ މާތް ކުރައްވާފައިވާ މީހެކެވެ. ﷲ އާ އެކަލާނގެ ރަސޫލާ އާއި ތިބާގެ ޢަދާވާތްތެރިންނަށް ލޯބި ނުކުރާށެވެ! އަދި އެބައިމީހުންގެ ޢީދުތަކާއި އާދަތަކުގައި ބައިވެރި ނުވާށެވެ! މޮޅު، މާތް، މަތިވެރި މީހާ އަކީ އެހެން އެއްޗިއްސަށް ތަބާ ވާ މީހެއް ނޫނެވެ. އެއީ ތަބާވެވޭ މީހާއެވެ. ތިބާގެ އަތުގައި އޮތް ގޮތް މާ މޮޅެވެ. ދެލޯ ހުޅުވައި ބަލާށެވެ! އެއަށް އަމަލުކޮށް ދައްކައި، އެއަށް ތަބާވުމަށް އެހެން މީހުނަށް ގޮވާލާށެވެ! ތިބާގެ މަގާމަކީ އެއީއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ …} النساء 144. މާނައަކީ: “އޭ އީމާންވީ މީސްތަކުންނޭވެ! މުއުމިނުން ދޫކޮށް ކާފަރުންނަކީ ތިޔަބައިމީހުންގެ ގާތް ރަހުމަތްތެރިންކަމުގައި ނުހަދާށެވެ!” އަދިވެސް ވަޙީކުރައްވާފައިވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ…} الممتحنة 1. މާނައަކީ: ” އޭ އީމާންވީ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެއާއި ތިޔަބައިމީހުންގެ ޢަދާވާތްތެރިންނަކީ ރަހުމަތްތެރިންކަމުގައި ނުހަދާށެވެ!” އަދިވެސް ވަޙީކުރައްވާފައިވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ…} المائدة 51. މާނައަކީ: ”އޭ އީމާންވީ މީސްތަކުންނޭވެ! ޔަހޫދީންނާއި ނަޞާރާއިންނަކީ ތިޔަބައިމީހުންގެ ގާތް ރަހުމަތްތެރިންކަމުގައި ނުހަދާށެވެ! އެމީހުނަކީ އެއްބަޔަކު އަނެއްބައެއްގެ ރަހުމަތްތެރީންނެވެ. ފަހެ ތިޔަބައިމީހުންކުރެ އެމީހުންނަކީ ރަހުމަތްތެރިންކަމުގައި ހަދައިފި މީހަކީ އެމީހުންގެ ތެރެއިން ވާ މީހެކެވެ.”

ބައެއްގެ ޢީދާއި އެބައެއްގެ އަޅުކަމާއި އާދަކާދައިގައި ތަހުނިޔާ އާއި މުބާރަކު ބާދު ފޮނުވުމަށްވުރެ ވަކިން ބޮޑަށް އެބައެއް ދެކެ ލޯބިވެ، ރަހުމަތްތެރިވެވޭނެ ގޮތެއް އޮންނާނެ ބާއެވެ؟! ޖެނުއަރީ އެކެއް ގައި ފެށޭ އައު އަހަރަކީ ކްރިސްޓިއަނުންގެ ޚާއްސަ ދުވަހަކެވެ. އެމީހުންގެ ޢީދެކެވެ. އެފަދަ އަމަލެއް ކުރުމުން ބިރުވެތި ވާން ޖެހެއެވެ. އެމީހުންގެ ތެރެއިން ވެދާނެތީއެވެ. ކޮންމެ މީހަކުވެސް މަޙުޝަރު ކުރެވޭ ހުށީ އެމީހަކު ލޯބިވެ، އެއްގޮތްވެ، އެބަޔަކާ އެކުގައި އުޅުނު މީހުންނާ އެކުގައެވެ.

وبالله التوفيق، وصلى الله وسلم وبارك على نبينا محمد وعلى آله وصحبه وسلم

އާދަމް ޝަމީމް ބިން އިބްރާހީމް

27 ޞަފަރު 1435ހ، 31 ޑިސެމްބަރ 2013މ

[1] މިހަދީޘް أبو داود، (ج 11، ص 48) ރިވާކުރައްވާފައިވެއެވެ. އަދި الألباني ޞައްހަކަމުގައި ވިދާޅުވެފައިވެއެވެ. إرواء الغليل (ج 5، ص 109). އިތުރުއެކަލޭގެފާނުންގެ މި ބަސްފުޅަކީ މިއުންމަތުގެ މީހުނަށް އެހެން ދީންތަކުގެ މީހުންނާއި އެއްގޮތްވުމުގެ މައްޗަށް ހުރި ވަޢީދުގެ ބަސްފުޅެކެވެ.

[2] އަލް ބުޚާރީއާއި މުސްލިމް ދެއިމާމުން މިހަދީޘް ރިވާކުރައްވާފައިވެއެވެ. އަދި ބުޚާރީގައި ވެއެވެ. ” މިއުންމަތުގެ ތެރެއިން ކާފަރުންނަށް ތަބާވާ މީހުން ރޯމް އާއި ފާރިސްގެ މީހުނަށް ދާންދެން ތަބާވާނެއެވެ.

ސުވާލާއި ޖަވާބު