ނަހަލާލަށް ވިހާފައި ދަރި މަރައިލާ މައިންނަށް އެކުދިންގެ ޝަފާއަތުން ސުވަރުގެ ލިބޭނެތޯއެވެ؟

23 ޑިސެމްބަރު 2010 - ބުރާސްފަތި

ޅަފަތުގައި މަރުވާ ކުދިން އެކުދިންގެ މައިންބަފައިންނަށް ޝަފާޢަތްތެރިވެ، އެމީހުން ސުވަރުގެ ވައްދާނެ ކަމުގައި އަހަމެވެ. ސުވާލަކީ: ނަހަލާލަށް ވިހާފައި ދަރި މަރައިލާ މައިންނަށްވެސް އެކުއްޖާގެ ޝަފާއަތުން ސުވަރުގެ ލިބޭނެތޯއެވެ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޅަފަތުގައި މަރުވާ ކުދިން އެކުދިންގެ މައިންބަފައިންނަށް ޝަފާޢަތްތެރިވާނެ ކަމުގައި ޞައްހަ ޚަބަރުން ސާބިތު ވެއެވެ. ނަމަވެސް ޝަފާއަތްތެރިން ޝަފާޢަތްތެރިވާނީ މާތް ﷲ ރުއްސަވާ އަޅުންނާއި މެދުގައެވެ. އަދި އެބައިމީހުންގެ ޝަފާއަތުން ސުވަރުގެ ވަންނާނީ މުސްލިމުންނާއި މުއުމިނުންނެވެ. އަދި ﷲ އިރާދަކުރެއްވި އަޅެކެވެ. ވީމައި ޅަފަތުގައި މަރުވާ ކުދިންގެ މައިން ބަފައިންނަކީ ފާފަވެރި ބައެއް ނަމަ އެމީހުން ސުވަރުގެ ވަންނާނީ ﷲގެ އަފޫކުރެއްވުމާއި އެކު ނުވަތަ އެމީހުންގެ ޅަފަތުގައި މަރުވެފައިވާ ކުދިން ނުވަތަ ޝަފާއަތްތެރިންގެ ޝަފާއަތުން ނުވަތަ އެމީހުން ކުރި ނުބައި ޢަމަލުތަކަށް އެކަށީގެންވާ ހައްގު ސަޒާ ލިބުމަށް ފަހުގައެވެ. ﷲގެ ރަޙުމަތުންނެވެ.

ކުޑަ ކުދިން މެރުމަކީ ފާފަ ތަކުގެ ތެރެއިން ނުބައިވެގެންވާ ފާފައެއްކަމާއިމެދަކު ޝައްކެއްނެތެވެ. ހަލާލު ކުދިންނާއި ނަހަލާލު ކުދިންނަކީވެސް މައުސޫމު ބައެކެވެ. ހައްގަކައި ނުލައި މައުސޫމެއްގެ ލޭ އޮހޮރުވައިފި މީހަކަށް ހައްގުވެގެންވަނީ ނަރަކައެވެ. މާތް ﷲ އެބައިމީހުންގެ ކިބައިން އޭގެ ބަދަލު ހިތްޕަވާނެއެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ. {{وَإِذَا الْمَوْءُودَةُ سُئِلَتْ (8) بِأَيِّ ذَنْبٍ قُتِلَتْ (9) }} التكوير “އަދި ޅަފަތުގައި ދިރިދިރި ހުއްޓައި ވަޅުލެވޭ (މަރައިލެވޭ) ކުދިންނާއި އެކުދިން ގަތުލު ކުރެވުނީ ކޮން ކުށަކާއިލައިގެން ތޯއެވެ؟ ސުވާލު ކުރެވޭ ދުވަސް (ޤިޔާމަތް ދުވަސްމަތިން) ހަނދާން ކުރާށެވެ!” އަދި އޭގެ ބަދަލު ދެއްވާނެއެވެ. އެކަމަކު އެއީ މުސްލިމެއް ކަމުގައި ވާނަމަ، އިސްވެ ދިޔަ ފަދައިން ކޮންމެވެސް ދުވަހަކުން ސުވަރުގެ ވަންނާނެއެވެ.

والله أعلم وبالله التوفيق وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު