ނަމާދުކޮށް ނިމިގެން އިމާމާ ޒިކުރު ތަސްބީހަކިޔަންދެން މައުމޫމުން ތިބެންޖެހޭނެތޯ؟

22 އޮކްޓޯބަރ 2010 - ހުކުރު

ނަމާދުކޮށް ނިމިގެން އިމާމާ ޒިކުރު ތަސްބީހަކިޔަންދެން މައުމޫމުން ތިބެންޖެހޭނެތޯ؟ އަދި އިމާމާ ކިޔާ ދުއާ އަށް މަޑުކުރަންޖެހޭނެތޯ؟ އަޅުގަދު މިދެންނެވީ އަޅުގަޑުދާ މިސްކިތުގައި އިމާމާއާއެކު ޒިކުރުތަސްބީހަ އަދި އޭގެ ފަހުން އިމާމާ ކިޔާދުއާގައި ބައިވެރިވުމަކީ އެމީހުންދެކޭގޮތުގައި ސުންނަތެކެވެ. އެހެންނަމަވެސް އަޅުގަޑަށް އެގިފައިވާ ގޮތުގައި ސަލާމްދިނުމަށް ފަހު ނަމާދުނިމުނީއެވެ. އެހެންކަމުން އެއަށްފަހު އިމާމާއަށް ތަބާވުމަކީ ކޮންމެހެންކުރަންޖެހޭކަމެއްނޫނެވެ. މިގޮތުން ދީނުގެ ތެރެއަށް އާކަމެއް ދީނީކަމެއްގެ ގޮތުގައި ވެއްދުމަކީ ބިދުއަކަށްވާނެތީވެ އަޅުގަޑު ސަލާންދިނުމަށްފަހު އަމިއްލައަށް ޒިކުރުތަސްބީހަ ކިޔުމަށްފަހު އިމާމާއަށް މަޑުނުކޮށް ތެދުވެމިސްކިތުން ނުކުންނަނީއެވެ. ނުވަތަ މެންދުރު، މަޣްރިބް އަދި އިޝާނަމާދުގައި ނަމަ ފަހު ސުންނަތް ކުރަންފަށަނީއެވެ. މީގައި އެންމެރަގަޅު ގޮތަކީކޮބައިތޯއެވެ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ނަމާދުން ސަލާމް ދިނުމުން އިމާމާއި މައުމޫނުންގެ ގުޅުން ކެނޑުނީއެވެ. އިމާމާއަށް ތަބާވުމަށް  رسول الله صلى الله عليه وسلم އަމުރު ކުރައްވާފައިވަނީ ހަމައެކަނި ނަމާދުގައެވެ. ސަލާމް ދިނުމަށްފަހުގައި ދެން ކުރަންޖެހޭ ވިރުދު ތަކާއި ޛިކުރުތައް ކުރުން ސުންނަތްވެގެންވާ ގޮތަކީ ކޮންމެ މީހަކު އަމިއްލަޔަށެވެ. ސަލާމް ދިނުމަށް ފަހުގައި އިތުރުއެކަލޭގެފާނުން ޖަމާއަތުގައި އެއްވެސް ޛިކުރެއް އަދި ދުޢާއެއް ކުރެއްވި ކަން ސީބިތެއް ނުވެއެވެ. އެހެން ކަމުން، ނަމާދުގެ ފަހުގައި އިމާމާއި އެކުގައި ޖަމާޢަތުގައި ދުޢާ ކުރުމަކީ ބިދުޢަތެއް ކަމުގައި ޢިލްމުވެރިން ވިދާޅުފައިވެއެވެ. ވީމައި އެ ދުއާގައި ބައިވެރި ވުމަކީ ބިދުޢަތެކެވެ. ތިޔަ އަޚް ތިޔަ ކަންތައް ކުރަނީ އެއްމެ ރަނގަޅަށް އަދި ސުންނަތާއި އެއްގޮތަށެވެ.

މާތް ﷲ އަޅުގަނޑަށާއި އެއްމެހައި މުސްލިމުންނަށް އެބައިމީހުންގެ ދިނީ ހުރިހައި ކަމެއްގައި އިތުރުއެކަލޭގެފާނަށް ތަބާވުމުގެ ތައުފީގު ދެއްވާށި! އާމީން!

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު