ސާލިޙުންގެ ގަބުރު ކައިރީގައި އެމީހުން މެދުވެރިކޮށް ދުއާކުރުމަކީ ޝިރުކެއްތަ؟

19 އޮކްޓޯބަރ 2010 - އަންގާރަ

މަރުވެފައިވާ މީހުންގެ (އެބައިމީހުންބުނާގޮތުން ސޯލިހް އަދި ﷲގެ ރުހުންލިބިފައިވާ މީހުން) ގަބުރު ކައިރީގައި އެމީހުން މެދުވެރިކޮށްގެން ދުއާކުރުމަކީ ޝިރުކުގެ އަމަލެއްކަން ވަރަށް ތަފްސީލުޖަވާބެއް ދެއްވަފާނަންތޯ؟ މިއީ އަޅުގަޑުގެ ރައްޓެއްސަކަށް އެކަމުގެ ހުރި ނުބައިކަމުގެ ވާހަކަ ކިޔައިދިނުމުގެ ކުރިން އަޅުގަނޑު މައުލޫމާތު ބޭނުންވާތީއެވެ.

الحمد لله، والصلاة والسلام على رسول الله

أما بعد:

ދިރިހުރި މީހެއް ނުވަތަ މަރުވެ ގޮސްފައިވާ މީހެއް މެދުވެރިކޮށް ދުޢާ ކުރުމުގެ މާނައަކީ: އެއީ ޞާލިހު ތަޤުވާވެރި އަޅެއް ކަމުގައިވާތީ އެބޭފުޅެއްގެ ހެޔޮލަފާ ކަމަށްޓަކައި ނުވަތަ އެބޭފުޅެއްގެ ބަރަކާތަށް ޓަކައި ނުވަތަ އެފަދަ ބޭފުޅެއްގެ ހައްގުގައި ތިބާގެ ކަންތައް ފުއްދަވައި ދެއްވުން އެދި ﷲ އަށް ދެންނެވުން ކަމުގައި ވާނަމަ އެއީ ޝިރުކެއް ނޫނެވެ. މިސާލަކަށް: މީހަކު މާތް ﷲ އަށް ދުޢާ ކުރުމުގައި، ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ކީރިތި ރަސޫލާގެ ހައްގުގައި ނުވަތަ އެކަލޭގެފާނުންގެ ޖާހަށްޓަކައި މިއަޅާއަށް މިވެނި ކަމެއް ފުއްދަވައި ދެއްވާންދޭވެ! މިފަދައިން ދުޢާ ކުރުމަކީ ޝިރުކެއް ނޫނެވެ. އަދިކިޔެއް އެއީ ބިދުޢަތެކެވެ. ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ ޝިރުކުގެ ވަސީލަތެއް ކަމުގައެވެ. ދުޢާ ކުރުމަކީ މަތިވެރި އަޅުކަމެއް ކަމުގައި ވީ އިރު ދުޢާ ކުރުމުގައި ވަސީލަތެއް ކަމުގައި ބޭނުން ކުރުން ހުއްދަވާނީ ﷲ އާއި އެކަލާނގެ ރަސޫލާ ޝަރުޢު ކޮށްދެއްވާފއިވާ ވަސީލަތެއް އެކަންޏެވެ. އިސްވެ ދިޔަ ފަދައިން، މީހަކު ނުވަތަ ފަރާތެއް މެދުވެރިކޮށް ދެންނެވުމަކީ ހުއްދަ ކުރައްވާފައިވާ ކަމެއް ނޫނެވެ. އަދި ސަލަފުއް ސާލިހުން ކުރެއްވި ކަމެއް ނޫނެވެ. ބައެއް ބޭފުޅުން ކީރިތި ރަސޫލާ ނުވަތަ ބައެއް ޞާލިހު އަޅުންގެ ނަން ގަނެ ދުޢާ ކުރި ކަމުގައި ނުވަތަ އެބޭފުޅުންގެ ގަބުރުގެ ގާތަށް ގޮސް ދެންނެވި ކަމުގައި ބައެއް ބާޠިލުގެ އަހުލުވެރިން ގެންނަ ވާހަކަތަކަކީ ހަގީގަތެއް ނެއް، އަދި ޞައްހަ މަގުން ސާބިތު ރިވާޔަތް ތަކެއް ނޫނެވެ.

މާތް ﷲއަށް ދުޢާކޮށް ދެންނެވުމުގައި ހުއްދަ ކުރައްވާފައިވާ ވަސީލަތް ތަކަކީ: މާތް ﷲ ގެ އިސްމުފުޅުތަކާއި ސިފަ ފުޅުތަކުން ދެންނެވުމާއި ޞާލިހު އަމަލު ވަސީލަތެއް ކަމުގައި މެދުވެރި ކުރުން ފަދަ ސައްހަ މަގުން ސާބިތުވާ ކަންކަމެވެ. އެނޫން، ކަންކަމަކީ ހުއްދަ ގޮތެއް ނޫން ކަމުގައި ސުންނަތުގެ ޢިލްމުވެރިން އިތްތިފާވެ ލައްވައެވެ.

ޞާލިހުން މެދުވެރިކޮށް ދެންނެވުމުގެ މާނައަކީ: އެބޭފުޅުންގެ ގަބުރުގެ ގާތަށް ދިޔަޔަސް ނުދިޔަޔަސް، އެފަރާތްތަކަށް ދުޢާކުރުން ކަމުގައި ވާނަމަ، މިސާލަކަށް މާތް ﷲގެ ހަޟުރަތުގައި ފާފަ ފުއްސަވައިދެއްވުން އެދި ދެންނެވުމަށް ނުވަތަ ތިބާގެ ހާޖަތް ފުއްދަވައި ދެއްވުމަށް ނުވަތަ އެކަން މާތް ﷲ އަށް ދެންނެވުމަށް މީހެއްގެ ފަރާތުން ނުވަތަ ގަބުރުގައިވާ ޞާލިޙު އަޅެއްގެ ފަރާތުން އެދުމަކީ އެއީ ޝިރުކެވެ. އެއީ މާތް ﷲ ފިޔަވައި އެއްވެސް މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. ވީމައި، އެކަލާނގެއަށް އެކަނި ދެންނެވުމަށާއި އެކަލާނގެއަށް ދެންނެވުމުގައި އިތުރު ފަރާތެއް ބައިވެރި ނުކުރުމަށާއި އެއީ ޝިރުކު ކަމުގައި އަންގަވައި އެކަން ނަހީކުރައްވާފައި ވާ އާޔަތްތަކާއި އެމާނައިގައިވާ ހަދީޘްތައް ބައިވަރެވެ.

މާތް ﷲ ފިޔަވައި އުޑުތަކާއި ބިމުގައި ކަންކަން ހިންގަވައި ތަސައްރުފް ކުރައްވާ ފަރާތެއް ނުވެއެވެ. ގެއްލުމާއި ފައިދާ އެއް ދެވޭނެ ފަރާތެއް ނުވެއެވެ. އެއިން ކަމެއް އެކަލާނގެ ނޫން ފަރާތަކަށް އެނބުރުމަކީ ބޮޑުވެގެންވާ ޝިރުކެވެ. ދުޢާކުރުންފަދަ އެއްވެސް އަޅުކަމެއްގައި އެކަލާނގެއާއި އެހެން ފަރާތެއް ބައިވެރި ކޮށްފި މީހާ ކާފަރުވެ ދީނުން ބޭރުވާނެއެވެ. މާތް ﷲ އެކަލާނގެ ނަބިއްޔާއަށް އަންގަވާފައި ވެއެވެ. {{قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ}} الأعراف 188. މާނައަކީ: “ކަލޭގެފާނުން ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ނަފްސަށް ފައިދާއެއް އަދި ގެއްލުމެއް ދިނުމުގެ ކުޅަދާނަ ކަމާއި ބާރު ﷲގެ އިރާދަފުޅާއި ނުލައި ތިމަން ކަލޭގެފާނަށް ލިބިގެން ނުވެއެވެ.” އަދި ﷲގެ ހަޟުރަތުގައި ޝަފާއަތްތެރިވާނެ ކަމާއި ފައިދާއެއް ލިބިދާނެ ކަމުގެ އުންމީދުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް މެދުވެރި ކުރުމަކީ ޝިރުކު ކަމުގައި އަންގަވައި އެކަލާނގެ ވަހީކުރައްވާފައި ވެއެވެ. {{وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ}} يونس 18. މާނައަކީ: “އަދި އެބައިމީހުން (އަރަބި މުޝްރިކުން) ﷲ މެނުވީ އެބައިމީހުނަށް ގެއްލުމެއް އަދި ފައިދާއެއް ނުދެވޭ ފަރާތްތަކަށް އަޅުކަން ކުރެއެވެ. އަދި އެމީހުން ބުނަނީ: މިފަރާތްތަކަކީ ﷲ ގެ ހަޟުރަތުގައި ވާ އަހަރުމެންގެ ޝަފާޢަތްތެރިވާނެ ފަރާތް ތަކެއް ކަމުގައެވެ.”

އެފަދަ އުޛުރު ތަކަކީ ފައިދާއެއް ހުރި އެއްޗެއް ނޫންކަމާއި މާތް ﷲ އަށް ޚާއްސަވެގެންވާ ‘ދުޢާއާއި ދެންނެވުން’ ފަދަ އެއްވެސް ހައްގެއް އެހެން ފަރާތަކަށް އެނބުރުމަކީ ޝިރުކެއްކަން މިދެއާޔަތުން ވަރަށް ސާފުކޮށް ދޭހަވެއެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު