ދުނިޔޭގެ އެއްބަޔަށް އަބަދުވެސް ހުންނާނީ ރޭގަނޑު ވެފައި, ވީމާ މާތްﷲ އަބަދުވެސް ވޮޑިގެންވާނީ ދުނިޔޭގެ އުޑުގައިތޯ؟!

13 އޮކްޓޯބަރ 2010 - ބުދަ

ރޭގަނޑުގެ ފަހުބައިގައި ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގެންވާކަމުގައި ހަދީޘުން ސާބިތު ވެއެވެ. ދުނިޔޭގެ ކޮންމެވެސް އެއްބަޔަކަށް އަބަދުވެސް ރޭގަނޑު ވެފައި ހުންނަ އިރު، އޭގެ މާނައަކީ ﷲ އަބަދުވެސް ވޮޑިގެންވާނީ ދުނިޔޭގެ އުޑުގައި ތޯއެވެ؟!

الحمد لله، والصلاة والسلام على رسول الله

أما بعد:

އީމާންކަމާއި ޢަޤީދާގެ ގިނަ މައްސަލަތަކަކީ ޣައިބުގެ ޚަބަރުތަކާއި ކަންތައްތަކެކެވެ. އީމާންކަމުގެ ރުކުންތައްވެސް ވަނީ މިފަދައިންނެވެ. އެއީ އިންސާނުންގެ ކޮށި ސިކުނޑި ތަކަށް ފޯރާނެ ކަންތައްތަކެއް ނޫނެވެ. ކިތަންމެވަރަކަށް ވިސްނިޔަސް އިންސާނުންގެ އަތުގައިވާ މަދު ހިއްސު ތަކުން މާތްﷲ އާއި އެކަލާނގެ ލައްވާފައިވާ ހުރިހައި އެއްޗަކާއި ހުރިހާ ކަމެއްގެ ހަގީގަތާއި ހަމައަށް އިންސާނުންނަކަށް ނުދެވޭނެއެވެ. ވީމައި މުއުމިނުންގެ އެއްމެ ބޮޑު އެއް ސިފައަކީ ޣައިބަށް އީމާން ވުމެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާ، ކީރިތި ޤުރްއާނާއި ޞައްހަ ސުންނަތުގައި ﷲ ގެ ޛާތުފުޅާއި އެކަލާނގެ ސިފަފުޅުތަކާއި އާޚިރަތް ދުވަހާއި އަދިވެސް ޣައިބުގެ އެއްމެހައި ކަންތައްތަކާއި މެދުގައި އަންގަވާފައިވާ އެއްމެހައި ކަންތައްތަކެއް ތެދުކޮށް ގަބޫލު ކުރުމެވެ. އަޅުގަނޑުމެނާއި މުޚާތަބު ވެފައި ބަހުން، އެބަހުގައި އެކުލެވިގެންވާ މާނައަށް އިންކާރު ކުރުމެއް ނެތި، ފާޑުކިޔުމެއް ނުވަތަ މަޚުލޫގުންގެ ކަންތައްތަކާއި އެއްގޮތް ކުރުމާއި ވައްތަރު ކުރުމަކާއި ނުލައި، ކިހިނެއްތޯ ސުވާލު ނުކޮށް އެކަލާނގެ ކުޅަދުންވަންތަކަމާއި އެކަށީގެންވާ ގޮތަށް، އެއްމެހައި އައިބުތަކުން އެކަލާނގެ ހުސްޠާހިރު ކުރުމާއި އެކުގައި އީމާންވެ ގަބޫލުކުރުމެވެ.

އަޞްޙާބުބޭކަލުންނާއި ސަލަފުއް ޞާލިހުން އެއްމެހައި ބޭކަލުން، ހެޔޮގަރުނުތަކުން ފެށިގެން މިއަދާއި ހަމައަށް އީމާންވި ގޮތަކީ މިއެވެ. މާތް ﷲ ހުރިހައި ކަމަކަށް ކުޅަދުންވެ ވޮޑިގެން ވެއެވެ. އަދި އެކަލާނގެ މަޚުލޫގުންނާއި އެއްގޮތެއް ނޫނެވެ. އަދި އެކަލާނގެއީ ހުރިހައި އައިބަކުން ޠާހިރުވެގެންވާ ރަސްކަލާނގެއެވެ. މާތް ﷲގެ ވަޙީބަސްފުޅުގައި ވެއެވެ. { لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ } الشورى 11. މާނައަކީ: “އެކަލާނގެ އާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާ ވޮޑިގަންނަވާ ބައްލަވާވޮޑިގަންނަވާ ކަލާނގެ އެވެ.” އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. { فَلا تَضْرِبُوا لِلَّهِ الأَمْثَالَ إِنَّ اللَّهَ يَعْلَمُ وَأَنْتُمْ لا تَعْلَمُونَ } النحل 74. މާނައަކީ: “ތިޔަބައިމީހުން ﷲ އަށް މިސާލު ނުޖަހާށެވެ! ހަމަކަށަވަރުން ﷲ ދެނެވޮޑި ގަންނަވައެވެ. އަދި ތިޔަބައި މީހުން ނުދަނެއެވެ.”

މާތް ﷲގެ އަފްޢާލް ތަކާއި އެކަލާނގެ ޞިފަފުޅުތަކާއި މެދުގައި ސަލަފުންގެ ޢިލްމުވެރި އެއްމެހާ ބޭކަލުން ވިދާޅުވެފައިވަނީ: “އެ ޚަބަރުތައް އައިސްފާވާގޮތަށް، ފާޑުކިޔުމަކާއި ނުލައި ގެންދާށެވެ.” މާތް ﷲ ޢަރުޝީގައި އިސްތިވާވެ ވޮޑިގެންވާ ގޮތާއި މެދުގައި الإمام مَالِك رحمه الله އާ ސުވާލުވެވުމުން ވިދާޅުވިއެވެ. ((الاسْتِوَاءُ مَعْلُومٌ، وَالْكَيْفُ مَجْهُولٌ، وَالإِيْمَانُ بِهِ وَاجِبٌ، وَالسُّوَالُ عَنْهُ بِدْعَةٌ)). މާނައަކީ: الاسْتِوَاء” ގެ މާނަ އެނގެއެވެ. އިސްތިވާވެ ވޮޑިގެންވާ ގޮތެއް ނޭންގެއެވެ. އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާ މެދުގައި ސުވާލު ކުރުމަކީ ބިދުއައެކެވެ.” ދެން އެސުވާލު ކުރި މީހާއަށް ވިދާޅުވިއެވެ. ކަލޭތީ ނުބައި މީހެއްކަމުގައި ނޫނީ ތިމަންނާ ނުދެކެމެވެ. ދެން އަމުރު ކުރައްވައި އެމީހާ މަޖިލީހުން ބޭރުކުރައްވައިފިއެވެ.

ހަމައެފަދައިން މާތް ﷲ ރޭގަނޑުގެ ތިންވަނަ ބައިގައި ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވާކަމުގައި ޚަބަރު ޞައްހަވެގެން ވެއެވެ. އޭގެ މާނަ ވަރަށް ސާފެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް އިރުއަރައި އޮށްސޭ ވަގުތުތައް ތަފާތުކަން އެބޭކަލުންނަށްވެސް އިނގެއެވެ. އެކަމަކު އެބޭކަލުން މިފަދަ ސުވާލެއް ނުކުރައްވައެވެ. މިފަދަ ސުވާލު އުފެދެނީ މީހުންގެ އިންޓެލިޖެންޓް ކަމުން ކަމުގައި ބައެއް މީހުނަށް ހީވެއްޖެ ނަމަ އެއީ ކުށްހީއެކެވެ. އަދިކިޔެއް، ﷲ އާއި މެދުގައި ރައްބުލް ޢާލަމީން އާއި މެދުގައި މިފަދަ ސުވާލު އުފެދޭނީ ﷲ އާއި މެދުގައި އިންސާނުންގެ ކުޅަދާނަކަމާއި އެމީހުންގެ ފެންވަރުން ވިސްނައިފީމުންނެވެ. އިސްވެ ދިޔަ އާޔަތުގައި އެވާ ފަދައިން، މާތް ﷲ ހުރިހައި ކަމަކަށް ކުޅަދުންވަންތަ ކަމާއި، އެކަލާނގެ އިރާދަފުޅާއި ކުޅަދުންވަންތަ ކަމަކީ އަޅުގަނޑުމެން އިންސާނުންގެ ނުވަތަ މަޚްލޫގުންގެ ކުޅަދާނަކަމާއި އެއްފަދަ ކަމެއް ނޫންކަމާއި އަދި ހުރިހައި އައިބަކުން އެކަލާނގެ ބަރީއަވެގެން ވާކަމުގައި އީމާން ވާ މީހަކަށް މިފަދަ ސުވާލެއް ނުއުފެދެއެވެ. ބުއްދި ގަބޫލު ކުރާ ގޮތަކީ މިއެވެ.

އިތުރުއެކަލޭގެފާނާއި އެކަލޭގެފާނުންގެ އަސްހާބުން ކީރިތި ޤުރްއާނާއި އެކަލޭގެފާނުންގެ ބަސްފުޅުތަކުގައި ﷲ އާއި އެކަލާނގެ ސިފަފުޅުތަކާއި އެކަލާނގެ ކުރައްވާ އަދި ހިންގަވާ ކަންތައްތަކުގެ ޚަބަރުތައް ބާވައިލެއްވުނު އިރު އެ ކިޔަވައި ވިދާޅުވެ، އައްސަވައި ހެއްދެވިއެވެ. ނަމަވެސް އެބޭފުޅުންނަށް އެކަންކަން ގަބޫލު ކުރުން ދަތި ކަމަކަށް ނުވިއެވެ. އެފަދަ ޚަބަރުތަކަށް އީމާންވުން ދަތިކަމެއް ކަމުގައި ވާން ފެށީ ފާރިސީންނާއި ރޫމީންނާއި ހިންދީން ފަދަ ގައުމުތަކާއި އިސްލާމުންނާއި ގުޅެން ފެށުމަށް ފަހުގައެވެ. އެބައިމީހުން އެމީހުންގެ ކަލާނގެ ސިފަކޮށްފައިވާ ގޮތާއި، އެމީހުންގެ ފާސިދު އަގީދާ ތަކާއި ވިސްނުންތައް އިސްލާމުންގެ ތެރެއަށް ވަނުމަށް ފަހުގައެވެ. އުންމަތުގައި ބިދުޢަވެރި ޚިޔާލުތަކާއި ފިކުރުތަކާއި ޖަމާޢަތްތައް އުފެދި ބައިބައިވެގެން ދިޔައީ އޭގެ ނަތީޖާއެއް ގޮތުންނެވެ.

ވީމައި ކޮންމެ ރެއެއްގެ ތިންވަނަ ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވާކަމުގައި އަޅުގަނޑު އީމާން ވަމެވެ. އެކަމުގެ ޚަބަރު ޞައްހަމަގުން ސާބިތުވެފައިވާތީއެވެ. އެއީ ކިހިނެއްތޯ މީހަކު ސުވާލު ކޮށްފިނަމަ، އަޅުގަނޑުގެ ޖަވާބަކީ: މާތް ﷲ ހުރިހައި ކަމަކަށް ކުޅަދުންވަންތައެވެ. އަދި އެކަލާނގެ ކިބައިން އެއްމެހައި އައިބުތަކެއް ދުރުވެގެން ވެއެވެ. އެކަލާނގެ ވޮޑިގެންވަނީ އަރުޝީގައެވެ. އެއީ އެކަލާނގެ ކަށަކުޅަދުން ވަންތަކަމާއި އެކަލާނގެ މަތިވެރިކަމާއި އެކަށީގެންވާ ގޮތަށެވެ. އަދި އެކަލާނގެ ނުޒޫލުވެ ވޮޑިގަންނަވަނީ ވެސް އެކަލާނގެ ޖަލާލުވަންތަކަމާއި އެކަށީގެންވާ ގޮތަށެވެ. ރިސާލަތު ވަނީ މާތް ﷲ ގެ ހަޟުރަތުންނެވެ. އިތުރުއެކަލޭގެފާނުންގެ މައްޗަށް ވަނީ ފޯރުކޮށްދިނުމެވެ. އަޅުގަނޑުމެން މުއުމިނުންގެ މައްޗަށް އޮތީ ގަބޫލުކޮށް ތަސްލީމު ކުރުމެވެ. މިއީ އިސްވެ ދިޔަ ސަލަފުންގެ އިލްމުވެރި އިމާމުންގެ ޖަވާބެވެ.

ސުވާލު ކުރި ފަރާތާއި އަދި އެއްމެހައި މުސްލިމު އަޚުންނަށް އަޅުގަނޑު މި މުނާސަބަތުގައި ދޭ ނަސޭހަތަކީ: ﷲ އަށް ރަނގަޅަށް އީމާން ވާށެވެ! އެކަލާނގެ އާއި އެކަލާނގެ ރަސޫލާ ދެއްވާފައިވާ ހުރިހައި ޚަބަރެއް ޝައްކަކާއި ނުލައި ގަބޫލު ކުރުމެވެ. މާތް ﷲ އާއިމެދުގައި މިފަދަ ސުވާލު ނުކުރާށެވެ! މާތް ﷲ އަޅަމެން އެއްމެންނަށް ސަލާމަތްތެރި ރައްކާތެރިވެގެންވާ ތެދުމަގު، ސަލަފުންގެ މަގު ދައްކަވައި، ބިދުޢަވެރި ޚުރާފީންގެ މަގުތަކުން ދުރުހެލި ކުރައްވައި ރައްކާތެރި ކުރައްވާށި!

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު