ސެކްޝަން | ފަތުވާ

ކުޑަޝިރުކާއި ބޮޑުޝިރުކުގެ ފަރަގު

9 އޮކްޓޯބަރ 2010 - ހޮނިހިރު

(1653 ނަމްބަރުގެ ފުރަތަމަ ސުވާލު) ބޮޑުޝިރުކާއި ކުޑަޝިރުކާ ދެމެދުގައިވާ ފަރަގަކީ ކޮބައި؟ - ފަތުވާގެ މަސްދަރު: فتاوى اللجنة الدائمة، ج 1، ص 746- 750.

ބޮޑުޝިރުކަކީ ﷲ އާއި އެއްފަދަ އެހެން ފަރާތެއް ހެދުމެވެ. އެކަލާނގެ އިސްފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އާއި އެއްފަދަ އެހެން ފަރާތެއް ހެދުމެވެ. މިސާލަކަށް: ﷲއަށް ޚާއްސަވެގެންވާ ސިފަފުޅުތަކާއި އިސްމުފުޅުތަކުން ސިފަފުޅެއް ނުވަތަ އިސްމުފުޅެއް އެކަލާނގެ މެނުވީ އެހެން ފަރާތަކަށް ދިނުމެވެ. ﷲ ވަހީކުރައްވާފައި ވެއެވެ. { وَلِلَّهِ الأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ} الأعراف 180. މާނައަކީ: “އެއްމެހާ ރިވެތި އިސްމުފުޅުތައް ވަނީ ﷲ އަށެވެ. އެއިސްމުފުޅުތަކުން ތިޔަބައިމީހުން އެކަލާނގެއަށް ދަންނަވާށެވެ. އަދި އެކަލާނގެ އިސްމުފުޅުތައް ބަދަލުކޮށް، އޮޅުވައި އިލްހާދުކުރާ މީހުންނާއި ދުރުހެލިވާށެވެ. އެމީހުން އެކުރާ ކަންތައްތަކުގެ ޖަޒާ ވަރަށް އަވަހަށް އެމީހުނަށް ލިބޭނެއެވެ.”

ﷲގެ އިސްމުފުޅުގައި އިލްހާދުކުރުމަކީ: އެކަލާނގެއަށް ޚާއްސަ ސިފަފުޅަކުން ނުވަތަ އެކަލާނގެއަށް ޚާއްސަ އިސްމުފުޅަކުން އެހެން ފަރާތެއް ސިފަކުރުން ނުވަތަ އެހެން ފަރާތަކަށް ނަން ކިޔުމެވެ.

ހަމައެފަދައިން، އަޅުކަމުގައި އެހެން ފަރާތެއް އެކަލާނގެއާ އެއްފަދަ ކުރުމެވެ. އެއީ: އިރު ހަނދާއި ތަރިތައް ނުވަތަ ނަބީންނާއި ރަސޫލުންނާއި މަލާއިކަތުންނާއި ވަލީވެރިން ފަދަ އެކަލާނގެ މަޚުލޫގުންކުރެ އެއްވެސް ފަރާތަކަށް ކުށްތަންވެ، ނިކަމެތިވެ، ތަދުމަޑުކަމާއި ދަތި އުނދަގޫ ފަދަ ކަންކަން ފިއްލެވުމާއި މަދަދާއި އެހީއަށް އެދި އެފަރާތްތަކަށް ގޮވުމާއި ދުއާކޮށް ދެންނެވުމެވެ. އަދި މަރުވެފައިވާ މީހަކަށް ނުވަތަ ޣައިބުގައިވާ މީހެއްގެ ކިބައިން ހެވެއް ލިބުމަށް އުންމީދުކޮށް ނުވަތަ ހިތާމައެއް ފިއްލެވުމަށް އެދި ދެންނެވުމެވެ. މިފަދަ ހުރިހާ ކަމަކީ ﷲއަށް ޚާއްސަވެގެންވާ ކަންކަމެވެ. މިފަދަ ކަމެއް އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ކުރުމަކީ ﷲ އާއި ޝަރީކު ކުރުމެވެ. އެއީ ﷲ ފިޔަވައި އެހެން ފަރާތެއް އެކަލާނގެއާއި އެއްފަދަ ކުރެވުނީއެވެ. ﷲ ތައާލާ ވަހީކުރައްވައިފައިވެއެވެ. { قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلا صَالِحًا وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا } الكهف 110.  މާނައަކީ: “އޭ ނަބީކަލޭގެފާނެވެ. ކަލޭގެފާނު މުޝްރިކުންނަށް ވިދާޅުވާށެވެ! ތިމަންކަލޭގެފާނީ ތިޔަބައިމީހުންފަދަ އާދަމުގެ ދަރިއަކީމެވެ. ތިމަންކަލޭގެފާނަށް ވަހީ ބާވައިލެއްވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހަކީ ހަމައެކަނި އެއްމެ އިލާހެކެވެ. ތިމާގެ ވެރި ރަސްކަލާނގެއާ ބައްދަލުވުމުގެ އުންމީދުކުރާ މީހާ ހެޔޮ އަމަލުކޮށް، އެކަލާނގެއަށް ކުރާ އަޅުކަމުގައި އެކަލާނގެއާއި އެއްވެސް ފަރާތެއް ބައިވެރި ނުކުރާހުށިއެވެ.”

ހަމައެފަދައިން، ޝަރުއުކުރުމުގައި އެހެންފަރާތެއް ﷲ އާއި ބައިވެރި ކުރުމެވެ. އެއީ ﷲ މެނުވީ ހުކުމް ކަނޑައަޅައި، ހަލާލާއި ހަރާމް ކަނޑައަޅާނެ ފަރާތެއް ވާކަމުގައި ދެކުމެވެ. އަދި އަޅުކަމުގައި ނުވަތަ ދޭދޭ ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ﷲގެ ހުކުމާއި ޚިލާފަށް އެހެން ފަރާތަކުން ކަނޑައަޅާ ހުކުމަކީ ދީނެއްކަމުގައި ނުހެދި ނަމަވެސް އެއީ ރަނގަޅު ހުކުމެއްކަމުގައި ގަބޫލުކުރުމަކީ ހުކުމުގައި ﷲ ފަދަ އެހެންފަރާތެއް ހެދުމެވެ. ޔަހޫދީންނާއި ނަސާރާއިންނާ މެދުގައި ﷲ ވަހީކުރައްވާފައިވެއެވެ. { اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلا لِيَعْبُدُوا إِلَهًا وَاحِدًا لا إِلَهَ إِلا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ } التوبة 31. މާނައަކީ “އެމީހުން އެމީހުންގެ އިލްމުވެރިންނާއި އަޅުވެރިންނާއި އަލްމަސީހު ބުން މަރްޔަމް އަކީ ﷲ ފިޔަވައި (އަޅުކަންކުރެވޭ) ރައްބުތަކެއް ކަމުގައި ހެދިއެވެ. އަދި އެއްމެ އިލާހަކަށް މެނުވީ އަޅުކަން ކުރުމަށް އެމީހުނަށް އަމުރުވެވިގެން ނުވެއެވެ. އެކަލާނގެ މެނުވީ ހައްގުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެބައިމީހުން އެކަލާނގެއާ ޝަރީކު ކުރާ ފަރާތްތަކުން އެކަލާނގެ ހުސްޠޯހިރުވެގެން ވެއެވެ.”

ﷲ ގެ ހުކުމް ފިޔަވައި އެހެން ހުކުމްތަކަށް ރުހުމާއި ނުވަތަ ﷲގެ ހުކުމުން މޫނު އަނބުރާލައި، އިންސާނުން ވަޟުއު ކޮށްފައިވާ ގާނޫނުތަކާއި ގަބީލާތަކާއި ގައުމީ އާދަކާދައަށް ބޯލަނބައި ކިޔަމަން ގަތުމަކީ ބޮޑުޝިރުކު ކަމުގައި އަދި (އިސްވެދިޔަ) މިތިން ބާވަތަކީވެސް ބޮޑު ޝިރުކު ކަމުގައި އެތައް އާޔަކާއި ހަދީޘެއް އައިސްފައިވެއެވެ.

ބަޔާންވެދިޔަ ބައިތަކުން ބައެއްގައި ﷲ އާއި ޝަރީކު ކޮށްފި މީހާ ނުވަތަ އެއިން ކަމެއް އިއުތިޤާދުކޮށް ގަބޫލުކުރާ މީހާ އިސްލާމީ މިއްލަތުން ބޭރުވާނެއެވެ. އެމީހާ މަރުވުމުން އޭނާގެ މައްޗަށް ކަށުނަމާދު ނުކުރެވޭނެއެވެ. އަދި މުސްލިމުންގެ ގަބުރުސްތާނުގައި ވަޅުނުލެވޭނެއެވެ. އޭނާގެ މުދާ ވާރުތައެއްވެސް ނުވާނެއެވެ. އަދިކިޔެއް އެމުދާ ވާނީ މުސްލިމުންގެ ބައިތުލް މާލަށެވެ. އޭނާ ކަތިލާ ތަކެތި ނުކެވޭނެއެވެ. އެމީހާ ތައުބާ ކުރުވައި، ތައުބާ ނުވިނަމަ ގަތުލު ކުރުމަށް އަމުރު ކުރުމަކީ މުސްލިމު ވެރި މީހާގެ ވާޖިބެކެވެ. އަދި ތައުބާ ވެއްޖެނަމަ އޭނާގެ ތައުބާ ގަބޫލު ކުރެވި، އިސްލާމުންފަދައިން މުއާމަލާތް ކުރެވޭނެއެވެ.

ދެންފަހެ ކުޑަ ޝިރުކު ދަންނައެވެ. އެއީ؛ ޝަރުއީ ނައްސުތަކުގައި ޝިރުކެއްކަމުގައި ނަންގަނެވިފައިވާ، އަދި ބޮޑުޝިރުކަށް މަގުދައްކައިފާނެކަމަށްޓަަކައި ޝަރީއަތުން ނަހީކުރައްވާފައިވާ ކަންކަމެވެ. އެއީ ﷲ ނޫން އެހެން ފަރާތެއް ގަންދީ ހުވައިކުރުން ފަދަ ކަންކަމެވެ. އެއީ ބޮޑުޝިރުކަށް ވެއްޓިދާނެ ކަމެކެވެ. އެހެންވެ އެކަމުން ނަހީކުރައްވައި ރަސޫލު ﷲ صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((أَلاَ إِنَّ اللهَ يَنْهَاكُمْ أَن تَحْلِفُوا بِآباَئِكُمْ، وَمَنْ كَانَ حَالِفاً فَلْيَحْلِفُ بِاللهِ أَوْ لِيَصْمُتْ )) “ދަންނާށެވެ! ހަމަކަށަވަރުން ﷲ ތިޔަބައިމީހުނަށް ތިޔަބައިމީހުންގެ ބަފައިން ގަންދީ ހުވައިކުރުން ނަހީކުރައްވައެވެ. މީހަކު ހުވައިކުރާނެނަމަ ﷲ ގަންދީ ހުވައިކުރާށެވެ. ނުވަތަ ހަނު ހުންނާށެވެ.” މިހަދީޘް ރިވާ ކުރައްވާފައިވަނީ އިމާމް އަހުމަދު ރަނގަޅު ސަނަދަކުންނެވެ. އަދި އިތުރު އެކަލޭގެފާނު އެކަން ކުރާ މީހާއަށް ޝަރީކު ކޮށްފި ކަމުގައި ނަންދެއްވާފައެވެ. ابن عمر رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ނަބީ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. ((مَن حَلَفَ بِغَيْرِ اللهِ فَقَدْ أَشْرَكَ )) “ﷲ މެނުވީ އެހެން ފަރާތެއް ގަންދީ ހުވައިކޮށްފި މީހާ ހަމަކަށަވަރުން ޝަރީކު ކޮށްފިއެވެ.” އެހެނީ ﷲ ފިޔަވައި އެހެންފަރާތެއް ގަންދީ ހުވައިކުރުމަކީ ﷲ ފިޔަވައި އެހެން ފަރާތެއްގެ އަދަބު ތަޢުޡީމުގައި ހައްދުފަހަނައަޅައި ދިޔުމެވެ. އެފަރާތެއް ގަންދީ ހުވައިކުރި ފަރާތުގެ އިހުތިރާމުގައި ބޮޑުޝިރުކާއި ހަމަޔަށް ހިނގައިދާނެ ކަމެކެވެ.

ކުޑަޝިރުކުގެ އަނެއްބައި މިސާލަކީ: ވަރަށްގިނަ މުސްލިމުންގެ އަތްމަތީ ބަހެއް ކަމުގައިވާ ބަހެކެވެ. އެއީ “ما شاء الله وشئت” މިފަދަ ބަހެއް ބުނުމެވެ. މާނައަކީ: އެވެނިމިވެނި ކަމެއް އެވީ “ﷲ އާއި ތިބާ ބޭނުން ގޮތެވެ.” ހަމައެފަދައިން ގެއްލުމަކުން ސަލާމަތް ވާހިނދު ބައެއް މީހުން ބުނެއެވެ. “ކަލޭ ނުވިނަމަ މަގޭ ދުވަސް ދިޔައީ” މިފަދަ ބަސްތަކަކީ ކުދިޝިރުކުގެ މާނައިގައިވާ ކަންކަމެވެ. ރަސޫލު ﷲ صلى الله عليه وسلم މިކަން ނަހީކުރައްވައި އިރުޝާދު ދެއްވާފައިވަނީ: ” ما شاء الله” (ﷲގެ އިރާދަފުޅު) އެކަނި ކިޔުމަށެވެ. ނުވަތަ ﷲގެ ނަންފުޅާއެކުގައި ވިދިގެން އެހެން މީހެއްގެ ނަން ނުގެނެސް “ما شاء الله ثم شئت” (ﷲ އިރާދަކުރެއްވިގޮތަށް ފަހުގައި ދެން ތިބާ ބޭނުންވިގޮތް ވީއެވެ.) މިފަދައިން ބުނުމަށެވެ. އެއީ ކައުނުގައި ހިނގާ ކަންތައްތަކުގައި ﷲގެ އިރާދަފުޅާއެކު އެހެން ފަރާތެއްވެސް ބައިވެރިކުރެވި، ބޮޑުޝިރުކަށް އަރައިގަނެވުމުގެ މަގު ބަންދުކުރުމަށްޓަކައެވެ. “ﷲއާއި އަދި އެވެނި މީހެއްގެ މައްޗަށް ވަކީލު ކުރަމޭ” ބުނުންފަދަ، ނުވަތަ އެވެނިކަމެއް ނުވިނަމަ މިވެނިކަމެއް ވީހެވެ. ބުނުންފަދަ ބަސް ބަހަކީވެސް ކުޑަޝިރުކުގެ މާނައަށް ވަންނަ ބަސްބަހެވެ.

އަދިވެސް ކުޑަޝިރުކުގެ މިސާލުގެ ތެރޭގައި އަޅުކަމުގައި ދެއްކުންތެރިކަން ވެއެވެ. އެއީ މީސްތަކުންނަށް ދެއްކުމަށްޓަކައި ނަމާދު ދިގުކުރުންފަދަ، ނުވަތަ މީހުންގެ ތައުރީފު ލިބޭތޯ ކިޔެވުމުގެ އަޑު ނުވަތަ ޛިކުރުގެ އަޑު އުފުލުން ފަދަ ކަންކަމެވެ. الإمام أحمد ރަނގަޅު ސަނަދަކުން محمود بن لبيد رضي الله عنهގެ އަރިހުން ރިވާކުރެއްވިއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. (( إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الأَصْغَرُ: الرِّيَاءُ )) މާނައަކީ: “ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު އެއްމެ ބިރުވެތިވެ ވަޑައިގަންނަވާ އެއްކަމަކީ؛ ކުޑަޝިރުކެވެ. އެއީ ދެއްކުންތެރިކަމެވެ.”

މީހަކު މީހުނަށްޓަކައި، ދެއްކުމަށްޓަކައި މެނުވީ އެއްވެސް އަޅުކަމެއް ނުކުރާ ނަމަ އެމީހަކީ ބޮޑުޝިރުކު ކޮށްފި މީހެކެވެ. މުޝްރިކެކެވެ. އެއީ މުނާފިގުންގެ ތެރެއިންވާ މީހެކެވެ. އެބައިމީހުންނާއިމެދުގައި ﷲ ވަހީކުރައްވައިފައިވަނީ: { إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلاةِ قَامُوا كُسَالَى يُرَاءُونَ النَّاسَ وَلا يَذْكُرُونَ اللَّهَ إِلا قَلِيلا } النساء 142. “ހަމަކަށަވަރުން މުނާފިގުން ﷲއަށް ކެހިދޭން އުޅެއެވެ. އަދިކިޔެއް އެކަލާނގެ އޭގެ ބަދަލު އެމީހުނަށް ދެއްވާނެއެވެ. އެމީހުން ނަމާދަށް ތެދުވެއްޖެ ނަމަ ތެދުވަނީ ކަންނެތްކަމާ އެކުގައެވެ. މީހުނަށް ދެއްކުމަށްޓަކައެވެ. އަދި މަދުން މެނުވީ އެބައިމީހުން ﷲ ހަނދުމަ ނުކުރެއެވެ. { مُذَبْذَبِينَ بَيْنَ ذَلِكَ لا إِلَى هَؤُلاءِ وَلا إِلَى هَؤُلاءِ وَمَنْ يُضْلِلِ اللَّهُ فَلَنْ تَجِدَ لَهُ سَبِيلا } النساء 143. “އެމީހުން ވަނީ އީމާންކަމާއި ކުފުރާއި ދެމެދު، ދެކޮޅަށް ކިރިކިރިއެވެ. އެބަޔަކަށްވެސް އަދި މިބަޔަކަށްވެސް ނުވެއެވެ.” އަދިވެސް އެކަލާނގެ ވަހީކުރައްވަނީ { إِنَّ الْمُنَافِقِينَ فِي الدَّرْكِ الأَسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيرًا}

النساء 145. މާނައަކީ: “ހަމަކަށަވަރުން މުނާފިގުން ވާކަންކަށަވަރީ އަލިފާނުގެ އެއްމެ އަޑީގައެވެ. އަދިއެބައިމީހުނަށް އެއްވެސް އެހީތެރިއަކު ނުވެއެވެ.” { إِلا الَّذِينَ تَابُوا وَأَصْلَحُوا وَاعْتَصَمُوا بِاللَّهِ وَأَخْلَصُوا دِينَهُمْ لِلَّهِ فَأُولَئِكَ مَعَ الْمُؤْمِنِينَ وَسَوْفَ يُؤْتِ اللَّهُ الْمُؤْمِنِينَ أَجْرًا عَظِيمًا } النساء 146.  ”ތައުބާވެ އިސްލާހުވެ، ﷲގެ ދީނުގައި ގަދައަށް ހިފަހައްޓައި، ﷲ އަށް ޓަކައި އެމީހުންގެ އަޅުކަން ޚާލިސް ކޮށްފި މީހުން ފިޔަވައެވެ. އެބައިމީހުން ވާހުށީ މޫމިނުންނާއި އެކުގައެވެ. އަދި ވަރަށް އަވަހަށް ﷲ މޫމިނުންނަށް ބޮޑުވެގެންވާ އަޖުރެއް ދެއްވާނެއެވެ.” އަދި ގުދުސީ ހަދީޘްގައި ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. (( أَنَا أَغْنَى الشُّرَكاَءِ عَنِ الشِّرْكِ، مَنْ عَمِلَ عَمَلاً أَشْرَكَ مَعِيَ فِيْهِ غَيْرِيْ تَرَكْتَهُ وَشِرْكَهُ) (މާނައަކީ: “ތިމަން ރަސްކަލާނގެއީ ބައިވެރި ކުރެވޭ ފަރާތްތަކުން އެއްމެ ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. މީހަކު ކުރާ އަމަލެއްގައި ތިމަން ރަސްކަލާނގެއާ އެހެން ފަރާތެއް ބައިވެރި ކޮށްފިނަމަ ތިމަން ރަސްކަލާނގެއަށް ޓަކައި ކޮށްފައިވާ ކަންތަކާއި ޝަރީކު ކުރި ކަންތަކާއި ތިމަންރަސްކަލާނގެ ދޫކުރައްވަމެވެ.” މިހަދީޘް ރިވާކުރެއްވީ އިމާމް މުސްލިމްއެވެ.

ކުޑަޝިރުކުގެ ހުކުމަކީ: އެމީހާ އިސްލާމްދީނުން ބޭރެއް ނުވާނެއެވެ. އެކަމު އެއީ ބޮޑުޝިރުކާއި ވިދިގެން ހުރި އެއްމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެހެންވެ عبد الله بن مسعود رضي الله عنه ވިދާޅުވެފައިވެއެވެ. (( لَأَنْ أَحْلِفَ بِاللهِ كاَذِباً أَحَبُّ إِلَيَّ مِنْ أَنْ أَحْلِفَ بِغَيْرِهِ صَادِقاً )) މާނައީ: “ﷲ ފިޔަވައި އެހެން ފަރާތެއް ގަންދީ ތެދު ހުވައެއް ކުރުމަށްވުރެ، އެކަލާނގެ ގަންދީ ދޮގުހުވައެއް ކުރުންވެސް ތިމަންނާއަށް މާ ހެޔޮކަންބޮޑެވެ.” އެހެންކަމުން ކުޑަޝިރުކު ކޮށްފި މީހާއާއި މެދުގައި މުއާމަލާތް ކުރެވޭނީ އާންމު މުސްލިމަކާއި މުއާމަލާތް ކުރެވޭ ގޮތަށެވެ. އޭނާގެ ވާރުތަވެރީންނަށް ވާރުތަ ލިބޭނެއެވެ. އަދި އޭނާ ވާރުތަ ކުރެވޭނެއެވެ. މަރުވެއްޖެނަމަ ކަށުނަމާދުކޮށް، މުސްލިމުންގެ ގަބުރުސްތާނުގައި ވަޅުލެވޭނެއެވެ. އޭނާ ކަތިލާ ތަކެތި ކެއުންފަދަ އިސްލާމްދީނުގެ އެއްމެހާ ހުކުމެއްގައި އޭނާ ވަނީ މުސްލިމެއް ގޮތަށެވެ. އަދި ޚަވާރިޖުންނާއި، މުއުތަޒިލީންނާ ޚިލާފަށް، އަހުލުއްސުންނަ ވަލް ޖަމާއަތުގެ އަގީދާގައި ވާފަދައިން  އެހެންވެސް ބޮޑެތިފާފަތަކެކޭ އެއްފަދައިން  އޭނާ ނަރަކަޔަށް ވަދެއްޖެ ނަމަ އެތަނުގައި އަބަދަށް ދެމި ނުހުންނާނެއެވެ.

وبالله التوفيق، وصلى الله على نبينا محمد، وآله وصحبه وسلم

ސުވާލާއި ޖަވާބު