އިންޑިޔާގައި ތިބޭ މީހުން ޙައްޖު ދުވަހު ރޯދަ ހިފުމުގައި އަމަލު ކުރާނީ ކޮންތަނަކާ އެއްގޮތަށްތޯ؟

4 ނޮވެމްބަރު 2011 - ހުކުރު

އިންޑިޔާ އަށް މިދިޔަ އަހަރު އަޞްޙާ އީދު ވީ މައްކާ އަށް އީދު ވިތާ އެއްދުވަސް ފަހުންނެވެ.އެހެން ވުމުން އިންޑިޔާ މީހުން ޙައްޖު ދުވަހުގެ ގޮތުގައި ފާހަގަ ކުރި ދުވަސް ދިމާވަނީ މައްކާ އަށްޢީދު ކުރި ދުވަހާ އެވެ.އަޅުގަނޑު މެން އިންޑިޔާގައި ކިޔަވަން ތިބޭ ކުދިން ޙައްޖު ދުވަހުގެ ރޯދަ ހިފަން ބޭނުން ވާ ނަމަ އަމަލު ކުރާނީ ކޮންތަނަކާ އެއްގޮތަށް ތޯ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ކޮންމެ ގައުމެއްގެ މީހުންވެސް ނަމާދު ކޮށް ހަދަނީ އެބަޔަކަށް ވަގުތުވީމައެވެ. ފަޖުރުލުމާއި އިރު އޮށްސުމާއި ހުރިހާ ވަގުތެކެވެ. އެކަމުގައި އިތުބާރު ކުރަނީ އިރަށެވެ. ހަމަ އެފަދައިން މަސް ފަށައި ނިންމުމުގައި، ރޯދަ ހިފުމާއި ޢީދު ކުރުންފަދަ ކަންކަމުގައި ބަލަނީ ހަނދަށެވެ. ނަމަވެސް ކޮންމެ ބައެއް ބަލަން ޖެހޭނީ އެބައެއްގެ ހަނދަށްތޯ ނުވަތަ އެއްބަޔަކަށް ހަނދު ފެނުމުން އެހެން މީހުންވެސް އިތުބާރު ކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ، މިއީ އުއްމަތުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފު ވެފައިވާ މައްސަލައެކެވެ.

އެއްވަގުތެއްގައި ހަނދުއަރައި އޮށްސޭ، އެއް މަޠާލިޢުއެއްގައި ވާ ގައުމުތަކުގައި ގައުމުތައް ވަކިން ހުރި ނަމަވެސް އެއް ހަނދަކަށް އިތުބާރު ކުރަން ޖެހޭނެއެވެ. ނަމަވެސް ހަނދުއަރައި އޮށްސުން ތަފާތު ހިސާބުތަކުގައި ކޮންމެ ބައެއްވެސް މަސް ފަށައި ނިންމަން ޖެހޭނީ އެބައެއްގެ ހަނދަށެވެ. އިތުރުއެކަލޭގެފާނުން ހަދީޘްކުރައްވާފައި ވަނީ: ((إِذَا رَأَيْتُمُوهُ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا فَإِنْ أُغْمِيَ عَلَيْكُمْ فَعُدُّوا ثَلَاثِينَ)) متفق عليه (البخاري ومسلم). މާނައަކީ: “ތިޔަބައިމީހުން ހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި ހަނދު ފެނުމުން ރޯދަ ވީއްލާށެވެ. އަދި ނުފެނިއްޖެ ނަމަ މަހުގެ ތިރީސް ދުވަސް ހަމަ ކުރާށެވެ.” މަސްތަކާއި ދުވަސްތައް ބެލުމުގައި ބޮޑަށް ޞައްހަކަމުގައި ގަބޫލު ކުރެވޭ ގޮތަކީ މިއެވެ.

ވީމައި، ރޯދަ މަހެކޭ އެއްފަދައިން ހައްޖު މަހާއި އެހެން ހުރިހާ މަހެއްވެސް ބަލާނީ މި ގަވާއިދުންނެވެ. އެގޮތުން، ހަނދުއެރުމާއި އޮށްސުން ތަފާތު ވާ ހިސާބު ގައުމުތަކުގައި ޢަރަފާތު ބިމާއި އެހިސާބުން ދުރުގައި ވާ މީހުން ހައްޖު މަހުގެ ފުރަތަމަ ދިހަރެއާއި ޢަރަފާތް ދުވަހާއި ޢީދު ދުވަސް ބަލާނީ އެބަޔަކަށް ހަނދު ފެނުނީމައެވެ. ސަޢޫދީ އަރަބިޔާގެ ހަނދަކުން ނޫނެވެ. ނަމަވެސް، މައްސަލާގައި ޚިލާފުވެފައި ވާތީ، ދެގޮތުންކުރެ އަޅުގަނޑުމެން ތަބާވާން ޖެހޭނީ އަޅުގަނޑުމެން އުޅޭ ގައުމެއްގައި މުސްލިމު ވެރިމީހާ ނުވަތަ އިސްލާމިކް ކައުންސިލް ނުވަތަ އެފަދަ މުއައްސަސާއިން ޚިޔާރު ކުރާ ގޮތެކެވެ. އެއްގައުމެއްގެ ތެރޭގައި މުސްލިމުން އެކުގައި އަދާކުރަންޖެހޭ ކަންކަމުގައި އެކިމީހުން އެކި ގޮތަށް އަމަލު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެފަދަ ހާލަތުގައި ވަކިގޮތެއް ނިންމާނީ އެފަދަ ފަރާތަކުންނެވެ. އެގޮތަކަށް ތަބާވާން ޖެހޭނެއެވެ. فضيلة الشيخ ابن عثيمين رحمه الله ރާޖިޙު އަދި ބޮޑަށް ޞައްހަ ކަމުގައި ވިދާޅުވެފައިވާ ގޮތަކީ މިއެވެ. އަދި ވިދާޅުވެފައި ވެއެވެ. ޤުރްއާނައި ސުންނަތާއި ޞައްހަ ޤިޔާސުން ދަލީލު ކުރާ ގޮތަކީ މެއެވެ.

ވީމައި އިންޑިއާގައި އުޅޭ ކިޔަވާ ކުދިން ޢަމަލު ކުރަން ޖެހޭނީ އިންޑިއާގެ މުސްލިމުން ހަދާ ގޮތެކެވެ. އެހެން ގައުމަކަށް ތަބާވުން ނުވަތަ ވަކިވެގަތުން ރަނގަޅެއް ނުވާނެއެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު