އަންހެނާގެ އަޢުރައަކީ މުޅިހަށިގަނޑު ނުވަތަ މޫނާއި ދެއަތްތިލަފިޔަވައި އެހެން ހުރިހާ ތަނެއްތޯއެވެ؟

7 އޮކްޓޯބަރ 2010 - ބުރާސްފަތި

އަންހެނާގެ އައުރަ އަކީ މޫނާއި ދެއަތްތިލަ ފިޔައި އެހެންހުރިހާ ތަނެއްތޯއެވެ؟ ނުވަތަ އަންހެނާގެ މުޅި ހަށިގަޑު ތޯއެވެ؟ މިސުވާލަކީ އަޅުގަޑުމެންގެ މުޖުތަމައުގައި ވަރަށް ބޮޑަށް ކުރެވޭ ސުވާލެކެވެ. ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ސުވާލެކެވެ. މިކަމުގައި އެކި އިލްމްވެރިން ވިދާޅުވަނީ އެކި ގޮތަށެވެ. އަޅުގަޑުގެ އަސްލު ހަޤީޤީ ސުވާލަކީ މިސާލަކަށް އަޅުގަޑުގެ މަންމައަކީ ނުވަތަ ދައްތައަކީ މޫނާއި ދެއަތްތިލަ ނޫން ހުރިހާތަނެއް ނިވާކޮށްގެން އަދި ހަށިގަޑުގެ ވަނާތައް ފާޅުނުވާހެން ދޫކޮށް އަދި ނުފެންނާނެ ކަހަލަ ފޮތިން ހެދުން ލައިގެން އުޅޭބައެވެ. އަދި އެމީހުން މިހާރު ގަޔަށް ދޫހެދުންލިޔަސް އެމީހުނެ އަސްލު ރީތިކަންވަނީ މިބައިމީހުންނަށް ކުރިން ފެނިފައެވެ. އެހެން ބައެއް ކުރާ ފާފައެއްގެ ސަބަބުން އަހަރުމެން މުޅިހަށިގަޑު ނިވާކުރަން ނުޖެހޭނެކަމުގައެވެ. އަޅުގަޑު މިސުވާލު މިހުށަހަޅާލީ އަޅުގަޑާއި އަޅުގަޑުގެ ރައްޓެއްސަކާއި ކުރެވުނު ވާހަކަތަކެއްގެ ސަބަބުން އުފެދުނު ސުވާލަކަށްވާތީވެއެވެ.

الحمد لله، والصلاة والسلام على رسول الله

أما بعد:

އަންހެނުން އެކަނބަލުންގެ ޢައުރަ ނިވާކުރުމަކީ ވާޖިބެއް ކަމުގައި ކީރިތި ޤުރްއާނާއި ސުންނަތާއި އުންމަތުގެ އިޖުމާއިން ސާބިތުވާ އިރު ނިވާކުރުން ވާޖިބުވާ މިންވަރާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ދެބަސް ވެވިފައި ވެއެވެ. ވާޖިބު މިންވަރަކީ މުޅި ހަށިގަނޑުތޯ ނުވަތަ މޫނާއި ދެއަތްތިލަ ފިޔަވައި މުޅިހަށިގަނޑު ތޯއެވެ. އޭގެ ސަބަބަކީ މޫނާއި ދެ އަތްތިލައަކީ އައުރަ ކަމުގައި ނުވަތަ ނޫން ކަމުގައި ޞަރީހަ ދަލީލެއް އައިސްފައި ނެތުމާއި ފަރުދާ ކުރުމަށް ކުރައްވާފައިވާ އަމުރު ފުޅުުގައި އިސްތިސްނާ ކުރައްވާފައިވާ ބަސްފުޅުގެ މުރާދާއި މެދު މިދެގޮތަށްވެސް ކުރެވެން އޮތުމެވެ. މާތް ﷲ ވަހީކުރައްވާފައިވަނީ: {{ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا}} މާނައަކީ: “އަދި އެކަނބަލުންގެ ޒީނަތްތެރިކަމުގެ ތެރެއިން (ނިވާކުރުމަށް ނުކުޅަދާނަ ނުވަތަ ކޮންމެހެން) ފާޅުވެއްޖެ މިންވަރެއް ފިޔަވައި ފާޅު ނުކުރުމަށް (ކަލޭގެފާނު އެބައިމީހުނަށް އަމުރު ކުރައްވާށެވެ!) މިއާޔަތުގައި ނިވާކުރުމަށާއި ޒީނަތް ފާޅު ނުކުރުމަށް މާތް ﷲ އަމުރު ކުރައްވާފައިވާ އިރު ފާޅުވެއްޖެ މިންވަރެއް އިސްތިސްނާ ކުރައްވާފައި ވެއެވެ. އެއީ މޫނާއި ދެއަތްތިލަ ތޯ ނުވަތަ ހަމަ އެކަނި ނިވާކުރުމަށް ލެވިފައިވާ ލިބާސްތޯ ސަލަފުންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. الحافظ ابن كثير އެބޭފުޅާގެ ތަފްސީރުގައި މިއާޔަތުގެ ތަފްސީރުގައި އިބްނު މަސްޢޫދާއި ތާބިޢީންގެ ޖަމާޢަތެއްގެ އަރިހުން ނަގުލު ކުރައްވާފައިވެއެވެ. {{ إِلَّا مَا ظَهَرَ مِنْهَا}} ގެ މާނައަކީ: އަންހެނާގެ ޒީނަތްތެރިކަން ފޮރުވުމަށްޓަކައި ބޭނުންކުރާ ރިދާ އާއި އަންނައެތި ފަދަ ނިވާކުރުމަށް ކުޅަދާނަ ވެގެން ނުވާ ތަންތަނެވެ. އަދި ސަލަފުންގެ އަނެއްބައި ޢިލްމުވެރިން އޭގެ ތެރޭގައި އިބްނު ޢައްބާސާއި ތާބިޢީންގެ ޖަމާއަތެއްގެ ބޭކަލުން ވިދާޅުވެފައިވަނީ {{ إِلَّا مَا ظَهَرَ مِنْهَا}} ގެ މާނައަކީ: މޫނާއި ދެ އަތްތިލައެވެ. ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި މަޝްހޫރު ތަފްސީރަކީ މިއެވެ. މިފަދައިން މި މައްސަލާގައި ޢިލްމުވެރިންގެ އިޖްތިހާދު ތަފާތުވެފައި ވެއެވެ.

މޫނާއި ދެއަތްތިލަ ނިވާކުރުމަކީ މިފަދަ ފިތުނަވެރި ޒަމާނެއްގައި އެފަދަ ތަންތަނުގައި ރައްކާތެރިކަން ބޮޑު، ޢިއްފަތްތެރިކަމާއި ގާތް، މޮޅު އިތުރު ގޮތް ކަމާއި މެދުގައި ޝައްކެއް ނެތެވެ. އަންހެނަކު އޭނާގެ މޫނާއި ދެއަތްތިލަ ނިވާ ނުކުރަނީ ހިލޭމީހުނަށް ދެއްކުމުގެ ގަސްތަކައި ނުލައި، އެކަން ކުރުމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ތަކެއްގެ ސަބަބުން ކަމުގައި ވާނަމަ، މޫނާއި ދެއަތްތިލަ ނޫން އެހެން ހުރިހާ ތަނެއް ރަނގަޅަށް ނިވާކޮށް، ހިލޭ ފިރިހެނުންނާއި ދުރުގައި ރައްކާތެރިވެ އުޅެފި ނަމަ އެއީ ރަނގަޅަށް ނިވާވެގެން ހުރި ޢިތްފަތްތެރި އަންހެނެއް ކަމުގައި މެނުވީ ނުވާނެއެވެ.

އަދި ސުވާލުގެ ދެވަނަ ބަޔާއި މެދުގައި އަޅުގަނޑު ބުނާނީ: ޝައްކެއް ނެތް ގޮތުގައި މާތް ﷲ ފަރުދާކޮށް ނިވާކުރުމަށް އަމުރުކުރެއްވީ ވަރަށް ބޮޑު ޙިކުމަތްތަކެއް އެކަމުގައި ވާތީއެވެ. އޭގެ ތެރެއިން އެއްމެ ބޮޑު އެއް ހިކުމަތަކީ ފިތުނަވެރިކަން ނެތިކުރުމެވެ. ފަރުދާ ކުރުމުގައި ތިބާގެ އަމިއްލަ ނަފްސަށާއި މުޖްތަމާގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ވެއެވެ. ހަމައެފަދައިން ތިމާގެ ނަފްސެކޭ އެއްފަދައިން މުޖްތަމާގެ ރައްކާތެރިކަމާއި ސަލާމަތަށްވެސް ބަލަން ޖެހޭނެއެވެ.

އަނެއް ކަމަކީ އެއްވެސް މީހަކީ ކިތަންމެ ރަނގަޅަށް އުޅެން އަޒުމް ކޮށް، މަސައްކަތް ކުރި ނަމަވެސް އެއްމެ ފުރިހަމަ އަށް ހުރިހާ ކަމެއް ކުރެވޭނެ މީހެއް ނޫނެވެ. ވީމައި ތިމަންނާއަކީ ދީންވެރި އަދި މާތް ﷲ އަންގަވާފައިވާ ގޮތަށް ފުރިހައަށް އުޅޭ މީހެކޭ، އެހެން މީހުންނާއި މެދުގައި ވިސްނާކަށް ނުޖެހޭނެއޭ ބުނުމަކީ ކުށެކެވެ. އަދިކިޔެއް، ރަނގަޅު ތަގުވާވެރި ގޮތަކީ، ތިމަންނައަށް ކުޅަދާނަ މިންވަރުން، ދީނުގައި އަންގަވާފައިވާ ކަންކަން އެނގުނު ވަރަކުން ވީ އެއްމެ ރަނގަޅަކަށް އުޅެން މަސައްކަތް ކުރުމޭ ބުނުމެވެ. އެކަމަކުވެސް އިންސާނުން ކަމުގައި ވީތީ އުނި ކަމާއި އައިބު ހުންނާނެކަން ގަބޫލު ކުރުމެވެ. މާތް ﷲ ވަހީކުރައްވާފައި ވެއެވެ.  {فَلا تُزَكُّوا أَنْفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى } النجم 32. “އަދި ތިޔަބައިމީހުންގެ ނަފްސު ތަކުގެ ތަޒްކިޔާ، (ޠާހިރުކަން) އަމިއްލަޔަށް ނުކުރާށެވެ! ތަޤުވާވެރިން އެއްމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެކަލާނގެއެވެ.”

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންގެ މުސްލިމު އަންހެނުންނާއި ފިރިހެނުންނަށް އެކަލާނގެ އަމުރު ކުރައްވާފައިވާ ފަދައިން ނިވެ، އެއްމެހައި ފިތުނައިން ދުރުހެލިވެ، ޢިއްފަތްތެރި ކަމާއި ރައްކާތެރިކަންމަތީ ތިބުމުގެ ހެޔޮ ތައުފީގު ދެއްވާށި! އާމީން!

والله أعلم وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު