އަތުގަ ހިފައިލުމަކީ މައްސަލައެއްތަ؟!

11 އޮކްޓޯބަރ 2012 - ބުރާސްފަތި

އަތުގަ ހިފައިލުމަކީ މައްސަލައެއްތަ؟! ކޮނޑުގަ ބޯއަޅައިލުމަކީ މައްސަލައެއްތަ!؟ ނޫން! ނޫން!

بسم الله الرحمن الرحيم

އަޅުގަނޑު ނުބުނަން އެއީ މައްސަލައެކޭ، އެއީ ދެމަފިރިންގެ ލޯބި، އެދެމީހުންގެ ގުޅުން، މާތް ﷲ އެ ދެ ރޫޙުގެ މެދުގަ ލައްވާފައިވާ ލޯތްބާ ކުލުނާ ހަމްދަރުދީ އާ ރަޙުމަތް އެއީ، ޘަވާބާއި ދަރުމަ ހުރި ކަމެއް އެއީ، ހަމަ އެކަނި އެޔެއް ނޫން، ދެމަފިރިން ދެމެދުގަ އެއަށް ވުރެ މާ ބޮޑު، މާ މަތިވެރި، މާ ވަރުގަދަ ގުޅުންތައް ވޭ، އެދެމީހުންގެ ލޯބި ބަދަހިކޮށް، ލޯބި ބަދަލު ކުރުމަށްޓަކައި ނަހީ ކުރެއްވިފައި ނުވާ ހުރިހާ ކަމަކީ ރަނގަޅު ކަމެއް، ކީރިތި ޤުރްއާނުގެ އާޔަތުން އެކަން ވަރަށް ފުރިހަމައަށް ސާފުވޭ: {{وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ}} الروم 21. “މާތް ﷲ ގެ އެއްކައުވަންތަކަމާއި ކީރިތވަންތަ ކަމުގެ ހެއްކެއްކަމުގައި އެކަލާނގެ ތިޔަބައިމީހުންގެ ނަފްސުން ތިޔަބައިމީހުންގެ ޖޯޑު (އަންހެނުން) ހެއްދެވުން ވެއެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ގާތުން ސުކޫނާއި ހިންހަމަޖެހުން ލިބުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ (ދެމަފިރިންގެ) މެދުގައި ލޯތްބާއި ރަޙުމަތް ލެއްވިއެވެ. ހަމަކަށަވަރުން މިކަންތަކުގައި ވިސްނައި ފިކުރުކުރާ މީހުނަށް ހެކިތަކެއް ވެއެވެ.”

އެކަމަކު މުއުމިނުންނަކީ ޢިތްފަތްތެރި ބައެއް، ޢިތްޒަތްތެރިބައެއް، އަބުރުވެރި ބައެއް، އެ ދެމީހުންގެ ކަންތައްތަކަކީ އެދެމީހުންގެ ދެމެދުގައި އޮންނަ ކަމެއް، މީހުންގެ ކުރިމަތީގައި އަދި ޕަބްލިކަށް ފާޅު ކުރެވޭ ކަމެއް ނޫން، ބައެއް ތަންތަނުގައި ރީތިކަންތައްތައް އަނެއްބައި ތަންތަނުގައި ހުތުރުވެދާނެ، ބައެއް މަޤާމުގައި ރަނގަޅު ކަމެއް އަނެއް މަޤާމެއްގައި ނުރަނގަޅުވެދާނެކަން ހަނދާން ބަހައްޓަން ވާނެ…

މިދުވަސްކޮޅު ތަންކޮޅެއް ގިނައިން ފާހަގަ ކުރެވޭ ކަމެއް، ޖިލްބާބުލައި މޫނުބުރުގާ އަޅައިގެން ތިބޭ ބައެއް އުޚްތުން ޕަބްލިކަށް ފެންނަ ގޮތަށް އެފް.ބީ. ފަދަ ތަންތާގައި އެ އުޚްތުންގެ ޕްރޮފައިލް ޕިކްޗަރ އަކަށް ދެލޮލާއި އަތްތިލަ ފެންނަ ގޮތަށް އަމިއްލަ ފޮޓޯ ނުވަތަ އެހެންވެސް އަންހެނުންގެ ފޮޓޯ ލުމަކީ، އެއީ ވަރަށް އާދައިގެ ކަމެއްކަމުގައި ފާހަގަ ކުރެވޭ.. އާންމުންގެ ކުރިމަތީގައި ނުވަތަ ބާޒާރުމަތީގައި މޫނު ނިވާކުރުން ވާޖިބު ވާނަމަ ދެ ލޮލާއި އަތްތިލަ ނިވާކުރުމަކީވެސް ވާޖިބެއްކަމުގައި ވާނެކަން، އަދި އެއީ ސުންނަތެއް ނަމަ ދެން އޮތީވެސް ހަމަ ސުންނަތެއްކަން ވަރަށް ގިނަ އަޚުންނާއި އުޚްތުން ހަނދުމަ ނުހުންނަކަން ފާހަގަ ކުރެވެއެވެ. އަދި މިއަށްވުރެ އަޖައިބު ވާ ކަމަކީ؛ އަޅުގަނޑުމެންގެ ތެރެއިން ރަނގަޅު، ވިސްނޭ އަޚުންނާއި އުޚްތުން، ދެމަފިރިން އެކުގައި އަސަރު ގަދަ ގޮތްގޮތަށް، ރޮމޭންޓިކް ފޮޓޯ ނަގައި މުޅި ދުނިޔެއަށް ދަށްކަމުން ގެންދާ ކަމެވެ. އައު ކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭ ކަހަލައެވެ. އަޅުގަނޑުގެ ވާހަކައިން ހިތްޕުޅު ބުރަ ނުކުރައްވާށެވެ! މީ ހެޔޮ އެދޭ އަޚެއްގެ ނަޞޭހަތެކެވެ. ތިބާގެ ލޯބިވާ އަންހެނުން ނިވާކޮށް ފޮރުވާށެވެ! އަދި ތިޔަ ދެމަފިރިންނަށް މާތް ﷲ ދެއްވާފައިވާ ލޯތްބާ އުލްފަތު މީހުންނަށް ނުދައްކައި ސިއްރު ކުރާށެވެ! ކޮންމެ ނިޢުމަތެއްގެ ވެރިއަކީ ހަސަދަވެރި ވެވޭ މީހެއްކަން ދަންނާށެވެ.

އަޚޫކުމް އަދަމް ޝަމީމް. 25 ޛުލްޤަޢުދަ 1433ހ، 11 އޮކްޓޯބަރ 2012މ

ސުވާލާއި ޖަވާބު