ސެކްޝަން | ., މަޒުމޫނު

އެބައިމީހުން ބޭނުންވަނީ ޖާހިލިއްޔަތުގެ ޙުކުމް ހެއްޔެވެ ؟

7 ޖުލައި 2012 - ހޮނިހިރު

بسم الله الرحمن الرحيم

{{ أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ }} المائدة ٥٠ “އެބައިމީހުން ބޭނުންވަނީ ޖާހިލިއްޔަތުގެ ޙުކުމް ހެއްޔެވެ. އީމާންވާ ބަޔަކަށް މާތް ﷲ ގެ ޙުކުމްފުޅަށްވުރެ ވަކިން މޮޅު އަދި ފުރިހަމައީ ކާކުގެ ޙުކުމެއް ހެއްޔެވެ.”

އާންއެކެވެ. އެމީހުން ބޭނުންވަނީ ޖާހިލިއްޔަތުގެ ޙުކުމެވެ. އަދިކިޔެއް، ޖާހިލިއްޔަތެވެ. މާތް ﷲ ގެ ކޯފާއާއި ޢާޛާބުގެ ސަބަބުން ހަލާކުވެ ގޮސްފައިވާ ކުފުރާއި ޝިރުކުގެ އުންމަތްތައް އަލުން މި ބިންމައްޗަށް އުފަންކުރާށެވެ. އަނިޔާވެރިކަމާއި ނާމާންކަން، ބަދުއަޚުލާގާއި ހަޑިމުޑުދާރު ޢަމަލުތަކުން މިބިން ނަޖިސް ކުރާށެވެ. އެއީ އެމީހުންގެ ކާބަފައިންގެ ތަހުޛީބެވެ. އެމީހުންނަކީ އޭގެ ފިއޮއްތަކެވެ.

އެއީ ކާފަރުންނާއި މުނާފިގުންނެވެ. މުޝްރިކުންނާއި މުޖުރިމުންނެވެ. އެބައިމީހުންނީ ހަމައެކަނި އީމާންނުވާ ބަޔަކީއެއް ނޫނެވެ. އަދިކިޔެއް، އެއީ ﷲ އާއި އެކަލާނގެ ރަސޫލުންނާއި އެކަލާނގެ ފޮތްތަކާއި އެއަށް އީމާންވާ މީހުންގެ ޢަދާވާތްތެރިންނެވެ. އެމީހުން ބޭނުންވަނީ ޖާހިލިއްޔަތުގެ ޙުކުމެވެ. މާތް ﷲ ބާވައިލައްވައި ކަނޑައަޅުއްވާފައިވާ ޙުކުމް ފިޔަވައި އެހެން ޙުކުމެކެވެ. އެމީހުން ބޭނުންވަނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި ލާއިންސާނީ، ލާދީނީ ޢަމަލުތައް ހިމާޔަތްކުރާ ޙުކުމެކެވެ. ނިކަމެތި، މަޢުޞޫމުންގެ ލެޔާއި މުދަލާއި އަބުރު ނަގާލައި، އަނިޔާވެރި ގުންޑާއިންނާއި ޑާކޫންގެ ހައްގުތައް ހިމާޔަތް ކޮށްދޭ ޙުކުމެކެވެ. ޕިއްލޭ އާއި ބާންކީ ފަދަ ގޭ އެން ލެސްބިއަން ރައިޓްސް ހޯދައިދޭން މަސައްކަތްކުރާ މީހުންނެވެ. އަދި އެމީހުންގެ ވިސްނުމާއި ފިކުރަށް ތާއީދު ކުރާ މީހުންނެވެ.

މުސްލިމުން އުޅޭ ގައުމެއްގެ ޝަރްޢީ ކޯޓަކުން އަނިޔާވެރި ޤާތިލެއް ނުވަތަ މުޖުރިމެއްގެ މައްޗަށް މަރުގެ ޚުކުމް އިއްވޭ އިރަށް ބީ.ޕީ. މައްޗަށް ގޮސް، ލޮލަށް ނިދިނައިސްގެން މިމީހުން މި އުޅެނީ ދުނިޔޭގެ އެތަން މިތާގައި ކޮންމެ ރެއަކާއި ދުވާލު ހައްގަކާއި ނުލައި ތަފާތު ބޮޑެތި ލާއިންސާނީ އަނިޔާތަކާއި އެކުގައި މަރާލެވޭ އެތައް ހާސް ކުޑަކުދިންނާއި ބޮޑެތި މީހުން، ތުއްތުކުދިންނާއި މުސްކުޅިންނަށް ދިރިއުޅުމުގެ ހައްގު ކޮބައި ހެއްޔެވެ؟! މިއަދު، މިހާރު އަދި މިވަގުތު ސޫރިޔާ އާއި މިއަންމާ ފަދަ އެތައް ތަނެއްގައި ހިންގެމުންދާ ގަތުލު ޢާންމުތައް ކޮބައި ހެއްޔެވެ؟! އޭ މިތިބަ (ލާ) އިންސާނީ ހައްގު ހިމާޔަތްކުރަން އުޅޭ މާތް ﷲ ގެ ޢާދުއްވުންނޭވެ! ކަލޭމެންގެ ލޯމަތީގައި ހިނގަމުންދާ ބޮޑެތި ޖަރީމާތައް ބަލާފައި ކަލޭމެންގެ ލޮލަށް ނިދި އާދޭ ހެއްޔެވެ؟! ކައިބޮއެ އުޅެވޭ ހެއްޔެވެ؟! ކަލޭމެންގެ ހިތާއި ޝުޢޫރު ވަނީ މަރުވެފައިހެއްޔެވެ!؟

ދަންނާށެވެ! ދީނެއް މިއްލަތެއް ނުދަންނަ، ހަވާނަފްސަށް އަޅުކަން ކުރާ ބައެއްގެ ގޮވުމަކުން އީމާންތެރި، ފޮތާއި ގޮތެއްގެ މަތީގައި ތިބި ބަޔަކަށް ގުޑުމެއް ނާރާނެއެވެ. ބިމުގައި އޮވެގެން ފެލޭ ބަޅެއްގެ އަޑުން އުޑުގައި ހިނގާ ވިލާއަށް އަސަރު ނުކުރާނެ ފަދައިން ކަލޭގެންގެ ވާހަކަ ތަކުން މުއުމިނުންގެ އީމާންކަމަކަށް ގުޑުމެއް ނާރާނެއެވެ.

އިންސާނީ ހައްގުތަކުގެ ތެރެއިން އެއްމެ ބޮޑު އެއް ހައްގު ކަމުގައިވާ ދިރި ހުރުމުގެ ހައްގު ނަގާލައި، ހައްގަކާއި ނުލައި އިންސާނުންގެ ލޭ އޮހޮރުވުމުގެ ނުބައި ޖަރީމާތައް، އަމާން އޮމާން ދިވެހިރާއްޖޭގައި ދުވަހެއް ދުވަހަކަށް ގިނަވެ، އާންމުން ބިރުވެރި، ނާމާން ކަމެއްގެ ތެރޭގައި ދިރިއުޅެން ޖެހިފައިވެއެވެ. މި ކަމަކީ ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ހައްގެކެވެ. ރާއްޖެ އަމާން ކުރުމަށްޓަކައި މިހާތަނަށް ކުރެވުނު ހުރިހައި މަސައްކަތްތައް ނާކާމިޔާބުވެ، ވައްކަމާއި ފޭރުމާއި ގަތުލުކުރުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު އިސްލާމީ ގައުމެއް ކަމުގައި ވެފައި ގާނޫނު އަސާސީގައި އިސްލާމީ ޝަރީޢަތަށް ބާރު އޮންނަ އިރު މާތް ﷲ ގެ ޙައްދުތައް ޤާއިމު ނުކުރެވެންވީ ކީތްވެގެން ތޯއެވެ؟! އަދި މަރަށް މަރު ހިފުމުގެ ޙައްދު ޤާއިމު ނުކުރެވޭނެ އުޛުރަކީ ކޮބައި ތޯއެވެ؟! ހިތްތަކުގައި ފޮރުވިފައިވާ ނިފާގެއްގެ ސަބަބުންތޯއެވެ؟! ނުވަތަ ކާފަރުންގެ މަލާމާތަކަށް ގަންނަ ބިރަކުން ތޯއެވެ؟! ނުވަތަ އިގްތިޞާދީ ދަތިކަމެއް ކުރިމަތިވެދާނެތީ ތޯއެވެ؟!

ދިވެހި ރާއްޖޭގެ ވެރިންނޭވެ! މާތް ﷲ އަޅުގަނޑުމެންގެ ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ވެރިކަން ވަނީ ތިޔަބޭކަލުންނާއި ހަވާލު ކުރައްވާފައެވެ. ދިވެހިންނަށް އަމާން އޮމާން ދިރިއުޅުމެއް ހޯދައިދިނުމަކީ ތިޔަބޭކަލުންގެ ވާޖިބެކެވެ. ޤާތިލުންގެ ކިބައިން ޤިޞާޞް ހިތްޕެވުމަކީ ތިޔަބޭކަލުންގެ ވާޖިބެކެވެ. މާތް ﷲ ގެ ބަސްފުޅުގައި ވެއެވެ.{{ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ  }} البقرة  178. މާނައަކީ: “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ޤިޞާޞް ފަރުޟު ކުރެވިއްޖެއެވެ.” ބިމުގައި ފަސާދަ ނެތިގޮސް، އަމާންކަން އަންނާނީ ހަމައެކަނި މާތް ﷲ ގެ ޙުކުމްފުޅުތައް ތަންފީޛު ކުރެވުމުންނެވެ.{{ ولَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ }} البقرة  179. “އޭ ބުއްދީގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުނަށްޓަކައި ޤިޞާޞް ހިފުމުގައި ހަޔާތެއް، (އަމާން) ދިރިއުޅުމެއް ވެއެވެ.” ތިޔަބޭފުޅުންނަކީ ތެދުވެރި މުއުމިނުންކަމުގައި ވާނަމަ ފަސްޖެހި ވަޑައި ނުގަނެ، މާތް ﷲ ގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ޙުކުމް ދިވެހި މުސްލިމް ބިމުގައި ތަންފީޛު ކުރައްވާށެވެ! މިއީ ތިޔަބޭފުޅުންގެ އީމާންކަން އަދި ތިޔަބޭފުޅުންގެ ގިނަ ރައްޔިތުން (ހުރިހައި މުއުމިނުން) އެދޭ ގޮތެވެ. {{ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ}} المائدة 50. “އީމާންކަމާއި ޔަގީންކަން ހިތުގަވާ ބަޔަކަށް މާތް ﷲ ގެ ޙުކުމްފުޅަށްވުރެ މޮޅު އިތުރު ޙުކުމެއް ނުވެއެވެ.” މާތް ﷲ ގެ ޙުކުމްފުޅުތައް ތަންފީޛުވިޔަސް ނުދިނުމަށްޓަކައި މަސަކްތަތް ކުރާ ބަޔަކީ ކާފަރުންނާއި މުނާފިގުންނެވ {{ أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا }} النساء  60، 61.  ”ކަލޭގެފާނަށާއި ކަލޭގެފާނުންގެ ކުރީގައި ބާވައިލެއްވިފައިވާ ތަކެއްޗަށް އީމާންވެގެން ތިބި ކަމުގައި ހީކުރާ (ދަޢުވާ ކުރާ) ބަޔަކު ދެކެވަޑައި ނުގަންނަވަމުތޯއެވެ. އެމީހުންގެ މެދުގައި ޖެހޭ މައްސަލަތަކުގައި އެމީހުން ބޭނުންވަނީ ޠާޣޫތުގެ ޙުކުމް (ﷲ އާއި އެކަލާނގެ ރަސޫލާގެ ޙުކުމްފުޅު ފިޔަވައި އެހެން ޙުކުމެއް) ކުރާށެވެ. އެބައިމީހުނަށް އަމުރުވެވިގެންވަނީ އެ (ބާޠިލު ޠާޣޫތުގެ) ޙުކުމަށް ކާފަރުވެ، އިންކާރު ކުރާށެވެ. ޝައިޠާނާ ބޭނުންވަނީ އެބައިމީހުން ޙައްޤު މަގުން ދުރުހެލިކޮށް ފުރައްދައި ނަގައިލާށެވެ. އެބައިމީހުންގެ ގާތުގައި ﷲ ބާވައިލެއްވި ޙުކުމްފުޅާއި ރަސޫލާގެ އަރިހަށް ޙުކުމް ކުރުމަށް އައުމަށް ބުނެވިއްޖެ ނަމަ މުނާފިޤުން (އޭ ރަސޫލާއެވެ.) ކަލޭގެފާނުންގެ ކިބައިން މަނާވެގަނެ، މޫނު އަނބުރާލާތަން ކަލޭގެފާނު ދެކެވަޑައިގަންނާނެއެވެ.”

މރ. ޕްރެޒިޑެންޓެވެ. މަނިކްފާނު ކަންބޮޑުވެވަޑައިގަންނަވަނީ ﷲ ގެ ޙުކުމްފުޅު ތަންފީޛް ވެއްޖެ ނަމަ އ.ދ. އާއި އަދިވެސް ކުފުރުގެ ޖަމާޢަތްތަކުން ކުރާނެ ސުވާލު ތަކާއި މެދުގައި ނޫންތޯއެވެ!؟ މަނިކުފާނުންގެ އަތްޕުޅުގައި ދީނީ އަދި ޑިޕްލޮމެޓިކް އެތަކެއް ޖަވާބެއް އެބަ އޮތެވެ. މަނިކުފާނު ތިޔަ ބިރުފުޅުގަންނަވަނީ ވެރިކަން ގެއްލިދާނެތީ ތޯއެވެ؟! ހަނދުމަ ބަހައްޓަވާށެވެ! ވެރިކަން ގެންދަވާނީ އެ ދެއްވި ފަރާތުންނެވެ. މާލިކުލް މުލްކު އަކީ މާތް ﷲ އެވެ. {{ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ }}  آل عمران 175. “ތިޔަބައިމީހުން ޝައިޠާނާ އާއި އޭނާގެ މީހުން ދެކެ ބިރު ނުގަންނާށެވެ! އަދި ތިޔަބައިމީހުންނީ މުއުމިނުންކަމުގައި ވާނަމަ ތިމަން ﷲ އަށް ބިރުވެތިވާށެވެ!”

މަނިކުފާނު ތިޔަ ކަންބޮޑުވެވަޑައިގަންނަވަނީ މަނިކުފާނުގެ ކުރީގައި އިސްވެ ދިޔަ ވެރިންތަކެއް މާތް ﷲ ގެ ޙުކުމްފުޅުތައް ތަންފީޛު ނުކޮށް އޮތީތީ، ޤިޞާޞް ނުހިފައި އޮތީމައި ތޯއެވެ؟! ހަނދުމަކުރައްވާށެވެ! އެއީ ނަމޫނާއެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގައި އަމަން އަމާންކަމާއި ޢަދްލު އިންޞާފު ޤާއިމު ކުރުމުން ފެއިލްވެފައިވާ ބައެކެވެ. މަނިކުފާނު ނަމޫނާ ވެރިއެއްކަމުގައި ވެލައްވަން ބޭނުންފުޅު ނަމަ މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހިންގެ ދީން؛ މާތްވެގެންވާ އިސްލާމްދީން، ދިވެހިންގެ ފޮތް؛ ކީރިތި ޤުރްއާން އަދި ދިވެހިންގެ ގޮތް؛ މޫރިތި ސުންނަތަށް ޙުކުމް ކުރައްވާށެވެ! އަދި އަނިޔާވެރިންގެ ކިބައިން ޤިޞާޞް ހިތްޕަވާށެވެ! އޭރުން މާތް ﷲ ގެ ރުއްސެވުން ލިބޭނެއެވެ. މުއުމިނުންނާއި މުސްލިމުންގެ އިޙްތިރާމު ލިބިވަޑައިގަންނަވާނެއެވެ. އަދި އަނިޔާވެރިންނާއި މުނާފިޤުންގެ ހިތުގައި މަނިކުފާނުންގެ ހައިބަތާއި ބިރު އުފެދޭނެއެވެ. އެއްމެ ފަހަރަކުވެސް ތަޖުރިބާ ކޮށްލަށްވާށެވެ.

ފަޤީރު ކަމާއި އިޤްތިޞާދީ ދަތިކަމަކަށް ބިރުފުޅުގަންނަނީ ނަމަ ދެނެލައްވާށެވެ. އައްރާޒިޤް އަކީ މާތް ﷲ އެވެ. އިޤްތިޞާދު ވަނީ އެކަލާނގެ އަތްޕުޅުގައެވެ. އަޅުގަނޑުމެންގެ ވާޖިބަކީ އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަން ގަތުމެވެ. ރިޒްޤު ދެއްވާނީ އެކަލާނގެއެވެ.{{ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ  }} طه 132. “ތިމަން އިލާހު ކަލޭގެފާނުންގެ ކިބައިން ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދިކިޔެއް ކަލޭގެފާނަށް ރިޒްޤުދެއްވަނީ ތިމަން ﷲ އެވެ.”  {{ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ }} الأنعام 151. “ތިޔަބައިމީހުންނަށާއި ތިޔަބައިމީހުންގެ ދަރީންނަށް ވެސް ރިޒްޤު ދެއްވަނީ ތިމަން ﷲ އެވެ.” މާތް ﷲ ގެ ޙުކުމްފުޅުތައް ތަންފީޛު ކުރުމަކީ ޢަދްލު އިންޞާފާއި އަމަން އަމާންކަމުގެ އިތުރުން ރޯދި ބަރަކާތް އިތުރުވެ، އަތްމަތި ތަނަވަސްވެ، އިޤްތިޞާދު ފުޅާވާނެ ކަމެކެވެ. މާތް ﷲ ގެ ބަސްފުޅުގައި ވެއެވެ. {{ وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم }}المائدة 66. “އެބައިމީހުން (އަހުލު ކިތާބީން) ތައުރާތާއި އިންޖީލާއި އެބައިމީހުންގެ ރައްބުގެ ހަޟުރަތުން އެބައިމީހުންގެ ގާތަށް ބާވައިލެއްވުނު ތަކެއްޗަށް (ކީރިތި ޤުރްއާނަށް) ޙުކުމްކޮށް، އެއާއި އެއްގޮތަށް ޢަމަލު ކޮށްފި ނަމަ އެބައިމީހުންގެ މަތިންނާއި ތިރިން (ހުރިހައި ގޮތަކުން ހުރިހައި މަގަކުން) އެބައިމީހުނަށް ކާބޯތަކެއްޗާއި ރިޒްޤު ލިބުނީހެވެ.” {{ وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ }} الأعراف  96. “ރަށުގެ އަހުލުވެރިން އީމާންވެ، ތަޤުވާވެރި ވެއްޖެ ނަމަ އުޑާއި ބިމުން އެބައިމީހުންގެ މައްޗަށް ބަރަކާތުގެ ދޮރުތައް ތިމަން ﷲ ހުޅުއްވާނަމެވެ.” ކައުއިތުރު މާތް ނަބިއްޔާ ހަދީޘް ކުރައްވާފައި ވެއެވެ. (( إِقَامَةُ حَدٍّ مِنْ حُدُودِ اللَّهِ، خَيْرٌ مِنْ مَطَرِ أَرْبَعِينَ لَيْلَةً فِي بِلَادِ اللَّهِ عَزَّ وَجَلَّ)) سنن ابن ماجه (2، 848) “މާތް ﷲ ގެ ޙައްދުތަކުން ޙައްދެއް ޤާއިމު ކުރުމަކީ މާތް ﷲ ގެ ބިމުގައި ސާޅީސް ރޭ ބަރަކާތުގެ ވާރޭ ވެހުމަށް ވުރެވެސް ބަރަކާތްތެރި، ހެޔޮކަން ބޮޑު ކަމެކެވެ.”

ޢިތްޒަތްތެރި ވެރީންނާއި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މާތް ﷲ އަށް ތެދުވެރިކަމާއި އެކުގައި އީމާން ވާށެވެ! އެކަލާނގެ ބާވައިލެއްވި ހުރިހައި އެއްޗެއް އެކުއެކުގައި ބަލައިގަންނާށެވެ! އެއީ ހުސް ވެސް ހެވާއި ލާބައެވެ. ދެދުނިޔޭގެ ދަރުމައާއި ޘަވާބެވެ. ސިޔާސީ އަދި އިޤްތިޞާދީ ތަރައްޤީ އާއި ކުރިއެރުމުގެ ސަބަބެވެ. އަމަން އަމާންކަމާއި އުފާފާގަތި ހަޔާތެއްގެ ސިއްރެވެ.

ހައްދަވާ ބޮޑުކުރެއްވި ކަލާކޮ! އަޅަމެންނާއި އަޅަމެންގެ ވެރިންނަށް ތެދުވެރި އީމާންކަން ނަޞީބު ކުރައްވާންދޭވެ! އަޅަމެންގެ ވެރިންނަށް އިބަ އިލާހުގެ ޙުކުމްފުޅު ތަންފީޛު ކޮށް، ޢަދްލު އިންޞާފު ޤާއިމު ކުރުމުގެ ތައުފީޤު ދެއްވާންދޭވެ! އަދި ދީނުގެ ޢަދާވާތްތެރި ބަލިކަށި ކުރައްވައި ނިކަމެތި ކުރައްވާންދޭވެ! އާމީން!

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ ﴿١٨٠﴾ وَسَلَامٌ عَلَى الْمُرْسَلِينَ ﴿١٨١﴾ وَالْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿١٨٢

ސުވާލާއި ޖަވާބު