ސެކްޝަން | ., މަޒުމޫނު

މުސްލިމުންގެ މައްޗަށް ގަތުލު ޢާންމު…

15 ޖޫން 2012 - ހުކުރު

މިއަދު ދުނިޔެއަށް އިރު އަރާ ކޮންމެ ދުވަހަކީ މުސްލިމުންނަށް ބިރުވެރިކަން ބޮޑު ދުވަހަކަށް ވަނީ ވެފައެވެ. އަދި އިރު އޮށްސޭ ކޮންމެ ރެއަކީ ނާމާން ރެއެއްކަމުގައި ވަނީ ވެފައެވެ. މުސްލިމުން ނިކަމެތި ކުރުމަށްޓަކައި އިސްލާމްދީނުގެ ޢަދާވާތްތެރިން މޮޔަ ގެރިތަކެއް ތެޅޭހެން ތެޅެނީއެވެ.

ކައުއިތުރު މާތް ނަބިއްޔާ عليه الصلاة والسلام ޚަބަރު ދެއްވާފައިވާ ފަދައިން އިރުގެ އަލިކަން ފޯރާ ކޮންމެ ހިސާބަކަށް މާތްވެގެންވާ އިސްލާމްދީން، ދުނިޔެމަތީގައިވާ ހަމައެކަނި ހައްގު ދީން މިއަދު ފޯރާފައި ވާތީއެވެ. ހަމައެފަދައިން މިދީނުގެ ޢާދާވާތްތެރިން، އެހެން ދީންތަކާއި މަޛްހަބު ތަކުގެ މީހުން ބަނޑުހައިވެފައިވާ ބަޔަކު ކާއެއްޗިހީގެ މަލާފަތެއްގެ މައްޗަށް އަރައިގަންނަ ފަދައިން މި އުންމަތުގެ އަހުލުވެރިންގެ މައްޗަށް އަރައިގަނެފައި ވެއެވެ.

މިވާހަކަ ދައްކައި ކޮޅުންލާކަށް ނެތެވެ. އަނިޔާވެރި، ހަރުކަށި އަދި ޓެރަރިސްޓުން ކަމުގައި ސިފަކުރެވިފައިވާ ބަޔަކީ މުސްލިމުންނެވެ. އަނެއްކޮޅުން ތަހުޛީބާ ތަމައްދުނުގެ ދަޢުވާ ކުރާ، އިންސާނީ ހައްގުތައް ހިމާޔަތްކޮށްދޭ އޯގާތެރި ބައެއްކަމުގައި ދަޢުވާ ކުރާ ކާފަރުންގެ އަތުން ރެއާދުވާލު އަނިޔާލިބި ހަލާކުވަމުންދަނީވެސް ހަމަ މުސްލިމުންނެވެ.

ޣައްޒާ- ފަލަސްޠީން، ކަޝްމީރް، ޢިރާޤް، އަފްޣާނިސްތާން އަދި ސޫރިޔާގައި މުސްލިމުންނަށް ލިބެމުންދާ އަނިޔާ ސިފަކޮށްދީ ބަޔާންކޮށްދޭން ދޫލާއި ގަލަން ނުކުޅެދިފައި އެ ބޮޑެތި އަނިޔާތަކުގެ މައްޗަށް ހިތާމަކޮށް ކަންބޮޑުވުން މަތީގައި ތިބޭ އިރު ބަރުމާ ނުވަތަ މިޔަންމާ ގައި ދިރިއުޅޭ 20% އާބާދީ ކަމުގައިވާ މަދު މުސްލިމުންގެ މައްޗަށް ބޮޑުވެގެންވާ އަނިޔާއާއި ޢަޛާބުގެ ބާވަތްތައް އެގައުމުގެ ބުޑިސްޓުން ވަނީ ކުރިމަތި ކޮށްފައެވެ.

މި އަނިޔާއަކީ އިއްޔެއަކު ނުވަތަ މިއަދަކު ކުރަންފެށި ކަމެއް ނޫނެވެ. ތާރީޚް ބުނާ ގޮތުން މިޔަންމާގެ ސްޓޭޓްއެއް ކަމުގައިވާ ‘ރާޚީން’ އަށް މާތްވެގެންވާ އިސްލާމްދީނުގެ އަލިކަން ފޯރާފައިވަނީ މުސްލިމު ތާޖިރުންނާއި ފަތުރުވެރިންގެ ފަރާތުން މީލާދީގޮތުން ހަތްވަނަ ޤަރްނު ހިސާބުގައެވެ. އެއަށްފަހުގައި އެ ގައުމުގެ އެކި ނަސްލުތަކާއި އެކި ހިސާބުތަކަށް އިސްލާމްދީންވަނީ ފެތުރިފައެވެ. އަދި އެ ސްޓޭޓްގެ ވިލާޔަތެއްކަމުގައިވާ ‘ރޯހިންޖިޔާ’ އަކީ 350 އަހަރު ވަންދެން މުސްލިމުންގެ މުސްތަޤިއްލު ވެރިކަމެއް އޮތް އިސްލާމީ ވިލާޔަތެކެވެ. ނަމަވެސް އިނގިރޭސި އިސްތިޢްމާރުން އެތަން ފޭރިގަތުމަށް ފަހުގައި ހަވާލުކޮށްފައިވަނީ މިޔަންމާ ގެ ބުޑިސްޓުންގެ އައިތްމަށްޗަށެވެ. އެއީ އިސްލާމީ ޖިހާދުގެ ސަބަބުން އިނގިރޭސިންނަށް ކުރިމަތިވި ބިރުވެރި ކަމުގެ ބަދަލުގައި އެ ގައުމުގައި އިސްލާމީ ވިލާޔަތެއްގެ ބާރު އޮތަސް ނުދިނުމަށްޓަކައެވެ. އަދި ބުޑިސްޓުންނަށް ހަތިޔާރުދީ އިސްލާމުންގެ މައްޗަށް ހިންގާފައިވާ ޤަތުލު ޢާމްގައި ލައްކައެއްހައި މުސްލިމުން އަނިޔާވެރިކަމާއި އެކުގައި އެ ވަގުތުގައިވެސް މަރާލައިފައި ވެއެވެ. فلا حول ولا قوة إلا بالله

މިއަންމާ ގެ ބުޑިސްޓުން އެ ގައުމުގެ މަދު މުސްލިމުންގެ މައްޗަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ޤަތްލު ޢާންމުގެ ހަފްލާތަކަކީ އެބައިމީހުން ޒަމާނުއްސުރެ ކޮންމެ އަހަރަކުހެން ނުވަތަ ލިބޭ ކޮންމެ ފުރުސަތެއްގައި ހިންގަމުން އަންނަ ކަމެކެވެ. 2012 ގެ ގަތުލުޢާންމު އެބައިމީހުން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. މި ހުކުރާއި އެކުގައި 8 ދުވަސް ހަމަވީ އިރުގައި ބައިނަލް އަޤްވާމީ ބޮޑެތި ދައުލަތްތަކާއި އިސްލާމީ ގައުމުތަކުގެ ރަސްރަސްކަލުންނާއި ޑިމޮކްރަސީގެ ޗެމްޕިއަނުންނާއި އިންސާނީ ހައްގުތައް ރައްކާކޮށްދޭން މަސައްކަތް ކުރާކަމުގައި ދަޢުވާ ކުރާ ބައިނަލް އަޤްވާމީ ބޮޑެތި ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކަށް ކުރެވުނީ ކޮންކަމެއް ތޯއެވެ؟!

މަރަށްބިރުން، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ނިކަމެތި ޟޮޢީފުން އެބައިމީހުންގެ އަނބިދަރިންނާއި އެކުގައި ދޯނިތަކާއި ބޮށްކުރައިތަކުގައި ކަނޑު ހުރަސްކޮށް ކައިރީގައިވާ ގައުމުތަކަށް ހިޖުރަ ކުރުމަށް ކުރަމުންދާ މަސައްކަތްވެސް ވަނީ ނާކާމިޔާބު ވެފައެވެ. މިޔަންމާގެ އަވަށްޓެރި އެއްގައުމު ކަމުގައިވާ ބަނގުލަދޭޝް އަށް މިހާތަނަށް ގޮސްފައިވާ 1500 އެއްހައި ރެފިއުޖީން ވަނީ އެ ގައުމަށް އެރިޔަސް ނުދީ އަނބުރައި ފޮނުވާލައިފައެވެ. މީ އިސްލާމީ ގައުމެއް ކަމުގައި ބުނާ ޑިމޮކްރަސީގެ (ނާތަހުޒީބު) ނިޒާމް އޮތް ތަނަކުން އެ ނިކަމެތިންނާއި މެދުގައި ކަން ކުރި ގޮތެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

ބުޑިސްޓުންނަކީ މުޅި ދުނިޔޭގައިވެސް މާ ޕީސްފުލް، މަޑުމައިތިރިކަމާއި އަމަން އަމާންކަމަށް ލޯބިކުރާ ކަމުގައި މަޝްހޫރު ބައެކޯލައެވެ. އެކަމަކު ހަގީގަތަކީ : މިއަންމާ އާއި ސްރީލަންކާ އަދި ތައިލެންޑް ފަދަ ބޮޑެތި ބުޑިސްޓް ގައުމުތަކުގައި މުސްލިމުން އުޅެނީ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައެވެ. ދޭތެރެއަކުން މުސްލިމުންގެ މިސްކިތްތަކާއި އަވަށްތަކެއް އަލިފާންޖަހައި އަންދާލައެވެ.

މުއުމިނުންނަށް އަނިޔާކޮށްފައި ތައުބާ ނުވެ މަރުވާ މީހުންނަށް ޖަހަންނަމައިގެ ޢަޛާބު ހުއްޓެވެ. އަދި އެބައިމީހުނަށް އަނދައަނދައިހުރި އަލިފާން ހުރިކަމުގައި މާތް ﷲ އަންގަވާފައި ވެއެވެ. {{إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ}} [البروج 10]

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! މުއުމިނުން އެއްބަޔަކު އަނެއްބަޔަކާއި މެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނާއި ހަމްދަރުދީގެ މިސާލުގައި ވާފަދައިން އެ ހަށިގަނޑުގައި އަޅާ ކޮންމެ ވޭނެއްގައި ހުރިހައި ގުނަވަނެއް ބައިވެރިވާ ފަދައިން ދުނިޔޭގެ ކޮންމެ ހިސާބެއްގައި މުސްލިމަކަށް އަނިޔާއެއް ލިބުނަސް އަޅުގަނޑުމެންގެ ކުޅަދާނަކަން ހުރި މިންވަރަކުން އެހިތާމައިގައި ބައިވެރިވުމަކީ ކޮންމެ މުއުމިނެއްގެ ވާޖިބެކެވެ. އުންމަތަށް ލިބެމުންދާ ހިތާމައިގައި އުންމަތަށްޓަކައި ކަރުނައެއް އެޅުމަކީ ދީނީ އަޚުވަންތަކަމެވެ. ވީމާ، އަޅުގަނޑުމެންގެ ހެޔޮ ދުޢާގައި މިއަންމާގެ މުސްލިމުން ހަނދުމަނެތި ކުރުމަކީ ޚިޔާނަތެކެވެ. އަދި ކުޅަދާނަވެގެންވާ ކޮންމެ ގޮތަކުން ހުރިހައި މުސްލިމުންނާއި އެކުގައި ވާން މަސައްކަތް ކުރަމާ އަންނާށެވެ.

25 ރަޖަބް 1433ހ، 15 ޖޫން 2012

އާދަމް ޝަމީމް ބިން އިބްރާހީމް- ތޮއްޑޫ

ސުވާލާއި ޖަވާބު