ސެކްޝަން | މަޒުމޫނު

ސޫރިއާ ގެ މުސްލިމުންގެ މައްޗައް އަނިޔާވެރިކަމާ ގަތުލުޢާންމު ހިންގަނީ ކޮންބައެއް..؟

28 މެއި 2012 - ހޯމަ

بسم الله الرحمن الرحيم

اللهم انصر الإسلام والمسلمين ودمر أعداءك أعداء الدين “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމް ދީނާއި މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ! އަދި އިބަރަސްކަލާނގެ އާއި އިބަރަސްކަލާނގެ ދީނުގެ ޢަދާވާތްތެރިން ހަލާކު ކުރައްވާންދޭވެ!”

ސުންނީ މުސްލިމުންގެ ބޮޑު އަޣްލަބިއްޔަތެއް އޮންނަ ސޫރިޔާގައި 1970 ގައި ޢަސްކަރީ އިންގިލާބަކަށްފަހު ހާފިޡް އަސަދް ވެރިކަން ހޯދާފައި ވެއެވެ. އޭނާއަކީ ޝިޢީންގެ ގޮތްޕެއް ކަމުގައިވާ ‘ނުޞައިރިއްޔާ’ ނުވަތަ ‘ޢަލަވީ’ މަޛްހަބުގެ ޢަޤީދާގެ އަހުލުވެރިއެކެވެ. އެއީ އިސްލާމުންގެ އިއްތިފާގުން މި މާތް ދީނުގެ ޢަޤީދާއިން ބޭރުގައިވާ، ކުފުރުގެ މަޛްހަބެކެވެ. އަދި މަކަރުވެރި ރޭވުންތެރިކަމާއި އެކުގައި ސަރުކާރުގެ ހުރިހާ ބާރުވެރި މަޤާމްތަކަށް އޭނާގެ ޢަޤީދާގެ މަދު މީސްތަކުން އިސްކޮށް ޢަލަވީ، ނުޞައިރީ ޝިޢައިންގެ ބާރު ގަދަކުރިއެވެ. އެއާއި އެކުގައި ސުންނީ މުސްލިމުންނަށް ހުރިހައި ގޮތަކުން ދަތި ކުރުމާއި އަނިޔާ ކުރުމުގެ ހަރަކާތްތައް ވަނީ ފަށައިފައެވެ. 2000 ވަނަ އަރުގައި އޭނާ މަރުވުމާއި އެކުގައި ވެރިކަމާއި ހަވާލުވެފައިވަނީ އޭނާގެ ދަރި ބައްޝާރު އަލް އަސަދެވެ.

އިސްލާމް ދީނަތް ނިސްބެވެގެންވާ އެކަމަކު މި މާތް ދީނުގެ ޢަޤީދާއާއި ތައުޙީދާއި ދިމާ އިދިކޮޅު، ކުފްރާއި ޝިރްކުން ތަތްތެޅިފައިވާ މި އިންސާނާ އޭނާގެ މަދު މީސްކޮޅާއި އެކުގައި ސޫރިއާގެ މުސްލިމުންގެ މައްޗަށް ބާރު ހިންގައި ހުރިހައި ބާވަތެއްގެ އަނިޔާތަކެއް ކުރަން ފަށާފައި ވެއެވެ. އޭނާގެ އަނިޔާވެރި ވެރިކަމާއި އިދިކޮޅަށް އަޑު އުފުލުމުގެ ހައްގެއް ޑިމޮކްރަސީގެ ދަޢުވާ ކުރާ އެ ގައުމުގައިވެސް މުސްލިމުންނަށް ލިބިފައި ނުވެއެވެ. ނިމިދިޔަ އަހަރުގައި މިޑްލް އީސްޓްގެ ޚުދްމުޚްތާރު އަނިޔާވެރިންނާއި އިދިކޮޅަށް ހިނގަންފެށި ޘައުރާތަކާއި އެކުގައި ސޫރިޔާގެ މެޖޯރިޓީ ބޮޑު މުސްލިމުން ބައްޝާރު ގެ އަނިޔާވެރިކަމާއި އިދިކޮޅަށް އަޑު އުފުލަން ފެށުމުން ބައްޝާރު ވަނީ މުސްލިމުންނާއި އިދިކޮޅަށް އޭނާގެ އަނިޔާވެރި ސިފައިން ލައްވައި ޢަސްކަރީ ހަމަލާތައް ފަށައިފައެވެ. ސޫރިޔާގެ މުސްލިމުންނަށް އަނިޔާ ކުރުމުގައި ބައްޝާރު ވަނީ ފިރްޢަނު ބަނީ އިސްރާއީލު މީހުންނަށް އަނިޔާވެރިވީ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް އަނިޔާ ކުރަން ފަށާފައެވެ.

ސޫރިޔާގެ ޝީޢާ ސަރުކާރަކީ އެމީހުންގެ ކާބަފައިން ފަދައިން އިސްލާމުންނާއި އިދިކޮޅަށް ކުރެވެން ހުރި ހުރިހައި މަކަރަކާއި ރޭވުންތަކެއް ރާވައި، އިސްލާމުންނާއި އިދިކޮޅަށް ހަނގުރާމަ ކުރުމާއި އިސްލާމުންނާއި އިދިކޮޅަށް ކާފަރުން ކުރާ ހަނގުރާމަ ތަކުގައި ކާފަރުންނަށް ޖާނާއި މާލުން އެހީތެރިވާ ބައެކެވެ. ސޫރިޔާގެ ސަރުކާރުން އެ ގައުމުގެ މުސްލިމު ރައްޔިތުންނާއި އިދިކޮޅަށް ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކާއި އެކުގައި ރަޝިޔާ އާއި ޗައިނާ އާއި އީރާނުން ދަނީ ސޫރިޔާ އާއި އެކުގައި ބައިވެރިވެ، އެމީހުންގެ ދިފާއުގައި ކުރެވެން ހުރި ހުރިހައި ކަމެއް ކުރަމުންނެވެ. ބައްޝާރުގެ އަނިޔާވެރި ޖަރީމާތަކާއި އިދިކޮޅަށް މުޅި ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރާ ކަމުގެ ދަޢުވާ ކުރާ ގައުމުތަކާއި ބާރުތައް ނުކުޅެދިފައި ވާ ކަހަލައެވެ. އެމީހުނަށް ފައިދާ އެއް އޮންނަ ކޮންމެ ތާކަށް ބޯ ކޮށްޕާލެވޭ އިރު، އެ ފަދަ ފައިދާ ފެންނަން ނެތް ނަމަ އެއީ އެމީހުނަށް ވާވަރު ކަމެއް ކަމުގައި ނުވެއެވެ. މުސްލިމުންގެ ހާލާއި މެދުގައި މުސްލިމުން ނޫން ބަޔަކު އަޅާލާނެ ކަމުގެ އުއްމީދު ކުރަން ހެޔޮ ނުވާނެއެވެ. އަޅުގަނޑުމެންގެ އަޚުންނާއި މެދުގައި އަޅުގަނޑުމެން މުސްލިމުން އަޅާނުލައި ތިބެއްޖެ ނަމަ އަޅުގަނޑުމެންނެކޭ އެ ކާފަރުންނާއި މުނާފިގުންނެކޭ އޮތް ތަފާތެއް ކޮބައި ހެއްޔެވެ!؟ މި އަނިޔާވެރީންގެ އަތުގައި ހިފެހެއްޓުމުގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް ލިބިގެން ނުވިއެއް ކަމަކު، އެފަދަ އަނިޔާވެރި މުޖްރިމުން ހަލާކު ކުރައްވައިތޯ، އަދި އަނިޔާ ލިބިފައިވާ މަޡްލޫމުންނަށް މާތް ﷲ ނަޞްރު ދެއްވައިތޯ، އަދި އެ އަނިޔާވެރިންނާއި މެދުގައި އިންސާފު ކުރާނެ ވަލީއަކު އަދި ނަޞީރަކު ފޮނުއްވައިތޯ މާތް ﷲ އަށް ދަންނަވައި ދުޢާ ކުރެވޭނެކަން ކަށަވަރެވެ. އެފަދަ މުސްލިމުންގެ ހާލަތު ސިފަކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. {{ وَمَا لَكُمْ لا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا }} މާނައަކީ: “ތިޔަބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަ ނުކުރަނީ ކީތްވެގެން ހެއްޔެވެ!؟ އަނިޔާލިބި ނިކަމެތި ކުރެވިފައިވާ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ދުޢާކޮށް ދަންނަވައެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަނިޔާވެރިން އުޅޭ ރަށުން އަޅަމެން ނެރިދެއްވާން ދޭވެ! އަދި އަޅަމެންނަށް މަދަދު ދޭނެ ވަލީއަކު އަދި ނަޞީރަކު އިބަ އިލާހުގެ ހަޟުރަތުން ފޮނުއްވާންދޭވެ!”

ސުވާލާއި ޖަވާބު