ސެކްޝަން | ., މަޝްވަރާ

މިހާރު ހިނގަމުން ދާ މުޒާހަރާ އާއި މެދުގައި…

4 ފެބުރުއަރީ 2012 - ހޮނިހިރު

بسم الله، والصلاة والسلام على رسول الله، وبعد:

މިހާރު ހިނގަމުން ދާ މުޒާހަރާ އާއި މެދުގައި ވަރަށް ގިނަ މީހުނަށް ސުވާލު އުފެދިފައިވެއެވެ. އަޅުގަނޑާ ކުރިމަތިވާ ސުވާލަކީ މިހާރު މި ހިނގާ މުޡާހަރާ އަކީ ދީނީ ގޮތުން ހުއްދަ ވާނެ މުޡާހަރާއެއް ތޯއެވެ؟ އެފަދަ މުޒާހަރާއެއްގައި ބައިވެރި ވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ޚާއްޞަކޮށް މުޡާހަރާ ކުރުމަކީ ނުރަނގަޅު ކަމެއް ކަމުގައި ބުނެވޭ އަޑު ވަރަށް ގިނަ ބަޔަކަށް އިވިފައި ވާ އިރު، މިހާރު ކުރެވެމުންދާ މުޡާހަރާގައި ބައެއް ދީނީ ޢިލްމުވެރިން ބައިވެރިވެ ވަޑައި ގަންނަވާތީ އާއި ވަކިން ޚާއްޞަކޮށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ދީނީ ސިޔާސީ ޕާރޓީއެއް ކަމުގައިވާ ޢަދާލަތު ޕާރޓީން މިމުޡާހަރާގައި ޢަމަލީ ގޮތުން ބައިވެރި ވުމަކީ ގިނަބަޔަކަށް ސުވާލު އުފެދުމުގެ ސަބަބެއް ކަމުގައި ސުވާލު ކުރާ މީހުން ހާމަ ކުރެއެވެ. ހަމަ އެފަދައިން މި މުޡާހަރާ ފެށިގެން އައިސްފައިވަނީ 23 ޑިސެމްބަރުގެ ‘ދީން ހިމާޔަތް’ ކުރުމުގެ ޝިޢާރުގެ ދަށުން މަދަނީ އިއްތިހާދުން އިސްނަގައިގެން ބޭއްވި ބޮޑު އެއްވުމާއި (މަހާސިންތާ އާއި) ގުޅިގެން ކަމަށް ވެފައި އެ އެއްވުމުގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނިފައި ވާތީ، މުޡާހަރާ އާއި މެދުގައި އަޅުގަނޑު ދެކޭ ގޮތް އޮޅުން ފިލުވުމަށްޓަކައެވެ. ވަކިން ޚާއްސަކޮށް 23 ހުގެ އެއްވުން ފަދަ އެއްވުންތަކާއި މިހާރު މަގުމައްޗަށް ނުކުމެ ކުރެވެމުންދާ މުޡާހަރާ އާއި ދޭތި ވަކި ކުރުމަށް ބައެއް މީހުނަށް އުނދަގޫވެފައި ވެއެވެ. ސަބަބަކީ ދީނީ މަޤްސަދު ތަކަށް އެއްވެވޭ އެއްވުންތަކާއި ދިމާކޮށް އެފަދަ އެއްވުންތަކަކީ ޝަރްޢީ ޙާކިމާއި އިދިކޮޅަށް، އިސްލާމީ ވެރިކަން ވައްޓައިލުމަށް ނުކުމެވޭ ހުއްދަ ނޫން ނުކުތުމެއް (ޚުރޫޖެއް) ކަމުގައި ބަޔާންކޮށްފައިވާ، އާންމުންނަށް އޮޅުން އަރާ ފަދަ ލިޔުންތަށް ނުކުތުމާއި، ޚާލިޞް ސިޔާސީ ބޭނުން ތަކުގައި ނުކުމެ ހަމަނުޖެހުން ހިންގޭ މުޡާހަރާތަކާއި ގުޅިގެން އެފަދަ އަޑުތައް ނީވުމެވެ. ޝައްކެއްނެތް ގޮތުގައި މިއީ އާންމުންގެ ގިނަ ބަޔަކަށް އޮޅުން އަރާނެ ސަބަބެކެވެ. ވީމާ، މި ހާލަތާއި މެދުގައި އެއްޗެއް ބުނެލުމަށް ވަގުތުކޮޅެއް ހޯދަން ޖެހުނީއެވެ.ޖާވާބުގައި ބުނެވެން އޮތް އެއް ވާހަކައަކީ: މުޡާހަރާއަކީ ޑިމޮކްރަސީ ނިޡާމު އޮންނަ ތަންތަނުގައި ޚާއްޞަކޮށް، އާންމު ރައްޔިތުންގެ ޝުޢޫރުތައް ސަރުކާރަށް ހާމަ ކޮށްދިނުމަށްޓަކައި ގާނޫނު އަސާސީގައި ލިބިދީފައިވާ ހައްގެކެވެ. އެހެންކަމުން ތަފާތު ހާލަތްތަކުގައި ތަފާތު މަޤްސަދުގައި މުޡާހަރާ ކުރެވެއެވެ. ވީމާ، މުޡާހަރާ އޭ މި ކިޔޭ އެއްޗަކީ ނުވަތަ ކަމަކީ އެއްމެ ބާވަތެއްގެ އެއްޗެއް ނުވަތަ ކަމެއް ނޫނެވެ. އަދި ކޮންމެ އެއްވުމަކީ މުޡާހަރާއެއް ވެސް ނޫނެވެ. ވީމާ، ހުރިހައި ގައުމަކަށް، ހުރިހާ ހާލަތަކަށް، އެއް ފަތުވާއެއް ފެއްތުމަކީ ޢަނިޔާ އެކެވެ.ސުލްހަވެރިކަމާއި އެކުގައި މީހަކަށް، މުދަލަކަށް ގެއްލުމެއް ނުލިބޭ ފަދަ ހިނގާލުމެއް ނުވަތަ އެފަދަ އެއްވުންތަކުގެ ހުކުމާއި، ގަވާއިދާއި ގާނޫނާއި ޚިލާފަށް މީހުންނާއި މުދަލަށް ގެއްލުން ލިބޭނެހެން ނުކުމެ، ރައްޔިތުންނާއި ސިފައިންނާއި ދެމެދުގައި ކުރިމަތިލުން ހިނގުމާއި ތަޅާ ފޮޅުމާއި ހަމަނުޖެހުން ހިނގާނެހެން ނުކުމެވޭ ނުކުމެވުންތަކާއި އެއްވުންތަކުގެ ހުކުމް އުޑާ ބިމާ ހާއި ތަފާތެވެ. ސުލްހަވެރި، ޕީސްފުލް އެއްވުމެއްގައި މާތް ވެގެން ވާ އިސްލާމްދީނުގެ ޝިޢާރުތަކެއް ހިމާޔަތް ކުރުމާއި މާތް ﷲ ގެ ޝަރީޢަތް ތަންފީޛުކުރުމަށް ގޮވައިލުމާއި އެފަދަ މަޑުމަތިިރި އެއްވުމެއް ކަމުގައި ބުނެވޭ އެއްވުމެއްގައި މާތް ﷲ އާއި އެކަލާނގެ ޝަރީޢަތާއި ޚިލާފަށް، އެކަލާނގެ ހަރާމް ކުރައްވާފައި ވާ ކަންތައްތަކެއް ހުއްދަ ކުރުމަށް ގޮވައިލުމަކީ ވެސް މަޝްރިޤާއި މަޣްރިބް ފަދަ ތަފާތު ހުރި ދެ ކަމެވެ.އަޅުގަނޑު ހުއްދަ ކަމެއް ކަމުގައި ދެކެނީ އަމްރު ބިލް މަޢްރޫފް އަދި ނަހީ ޢަނިލް މުންކަރާތް ގެ ތެރޭގައި ހިމެނޭ އަދި ދީނާއި ޤާނޫނުގެ އޮނި ގަނޑުގެ ތެރެއިން ބޭރު ނުވާ މިންގަނޑުގައި ގޮވޭ ގޮވުންތަކާއި އެގޮތުގައި އެއްވެވޭ އެއްވުން ތަކެވެ. އެއީ ކަމެއް އެއީ ވަކި ޒަމާނެއްގައި ބަޔަކު ނުކުރާ ގޮތެއްކަމުގައި ވާތީ ހަރާމް ވެދާނެ ކަމެއް ނޫނެވެ. ހަމަ އެފަދައިން ފިތުނަ ފަސާދައިގެ ތެރޭގައި ހިމެނޭ ކަމެއް މުޡާހަރާ ނޫން އެހެން ނަމެއްގައި ކުރިއަސް ރަނގަޅެއް ނުވާނެއެވެ. ޢިލްމުވެރިން މުޡާހަރާ މަނާ ކުރައްވާފައިވާ އަސްލު ސަބަބަކީ އެއީ އާންމު ކޮށް ކުރެވޭ މުޡާހަރާތަކަކީ ޝަރްޢީ ޢުޛްރަކާއި ނުލައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ކުރެވޭ މުޡާހަރާއެވެ. އެއަށް ކިޔޭ ނަމުގެ ސަބަބުންނެއް ނޫނެވެ. މިހާރުވެސް އަދި މީގެ ކުރީގައިވެސް މަގުމައްޗަށް ނުކުމެގެން ކުރެވުނު ގިނަ މުޡާހަރާ ތަކަކީ މި ދެންނެވި ބާވަތުގެ ފަސާދަ އެކުލެވިގެންވާ މުޡާހަރާތަކެކެވެ. އެފަދަ މުޡާހަރާ އެއް ހުއްދައެއް ނުވާނެއެވެ. އެފަދަ މުޡާހަރާއެއްގައި ބައިވެރި ވުމަކީ ހުއްދަކަމެއް ކަމުގައި އަޅުގަނޑު ނުދެކޭ ވާހަކަ ސުވާލު ކުރައްވާ އަޚުންނާއި އުޚްތުންނަށް ދަންނަވަމެވެ.
އާދަމް ޝަމީމް ބިން އިބްރާހީމް
ސޖ. ޗިންޗިން. ކުއަލަ ލަމްޕޫރ، މެލޭޝިއާ
10 ރަބީޢުލް އައްވަލް 1433- 03 ފެބްރުއަރީ 2012

ސުވާލާއި ޖަވާބު