ވުޟޫނެތި ކީރިތި ޤުރްއާނުގައި ބީހުން..

6 ޑިސެމްބަރު 2011 - އަންގާރަ

ވުޟޫ ނެތްމީހާ ކީރިތި ޤުރުއާނުގައި ބީހުމާއި އެފޮތް އުފުލުމަކީ ނަހީ ކުރައްވާފައިވާ ކަމެއްތޯއެވެ؟ ނަހީކުރައްވާފައިވާނަމަ މިކަމުގެ ދަލީލު ބަޔާންކޮށްދެއްވާށެވެ

الحمد لله، والصلاة والسلام على رسول اللهأما بعد:
ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރްއާނަކީ މާތް ﷲ ގެ ކަލާމްފުޅެވެ. އެފޮތުގައި ބީހޭ ނަމަ ދެ ޙަދަޘުން ޠާހިރުވެ ހުރުމަކީ އިތުރުވެގެންވާ ގޮތެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި މާނައަކީ މުޞްޙަފު (ހަތިމު) ގައި ބީހުމަށްޓަކައި ވުޟޫމަތީގައި ހުރުމަކީ ވާޖިބެއްކަމާއި މެދުގައި ޢިލްމުވެރިން ދެބަސްވެވައިގަންނަވާފައިވެއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ ވުޟޫ ނެތި ހަތިމުގައި ބީހުމަކީ ޙަރާމް ކަމެއްތޯ ނުވަތަ ނޫންތޯ؟ މިއީ ޚިލާފު ހުރި މައްސަލައެކެވެ. ޖުމްހޫރު ޢިލްމުވެރިން (އިމާމުންކުރެ ގިނަ ބޭފުޅުން) ދެކެވަޑައިގަންނަވާ ގޮތަކީ ކީރިތި ޤުރްއާނުގައި އަތްލުމަށްޓަކައި ވުޟޫ މަތީގައި ހުރުމަކީ ވާޖިބެކެވެ. މާނައަކީ ވުޟޫ އާއި ނުލައި ހަތިމުގައި ބީހުމަކީ ޙަރާމް ކަމެކެވެ. އެބޭފުޅުންގެ ދަލީލަކީ އިމާމް މާލިކް އެބޭފުޅާގެ موطأ (ج 2، ص 278) ގައި ރިވާކުރައްވާފައިވާ ހަދީޘްފުޅެކެވެ. އޭގައި ވެއެވެ. އިތުރު އެކަލޭގެފާނުން عَمْرو بْنِ حَزْم އަށް ލިޔުއްވާފައި ވެއެވެ. ((أَنْ لَا يَمَسَّ الْقُرْآنَ إِلَّا طَاهِرٌ)) “ޠާހިރު ހާލުގައި ހުރި މީހަކު މެނުވީ ކީރިތި ޤުރްއާނުގައި ނުބީހޭށެވެ!” ޖުމްހޫރު ޢިލްމުވެރިން މި ރިވާޔަތުގައި އެވާ ‘ޠަހާރަތު’ގެ މާނަ ކުރައްވާފައިވަނީ އެއީ ދެ ޙަދަޘުކަމުގައެވެ. ވީމައި ވުޟޫ ނެތި ކީރިތި ޤުރްއާނުގައި ބީހުމަކީ ހުއްދަ ކަމެއް ނޫން ކަމުގައި އެބޭފުޅުން ވިދާޅުވަނީއެވެ.
އިސްވެ ދިޔަ ރިވާޔަތުގެ ސަނަދުގެ ބަލިކަށިކަމަށްޓަކައި، އަދި ވުޟޫ އާއި ނުލައި ހަތިމުގައި އަތް ނުލެވޭނެ ކަމާއި މެދުގައި ޞައްޙަ، ޞަރީޙަ ރިވާޔަތެއް ވާރިދުވެފައި ނުވާތީވެ އަނެއްބައި ޢިލްމުވެރިން ވުޟޫ ނެތި އަތްލުމަކީ ޙަރާމްކަމެއްކަމުގައި ވިދާޅެއް ނުވެއެވެ. ވީމައި، ބޮޑަށް ރަނގަޅު ގޮތަކީ ކީރިތި ޤުރްއާނުގައި ބީހޭނަމަ ވުޟޫމަތީގައި ހުރުމެވެ. والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު