ފިރިމީހާގެ ނުރުމުގައި ބުރުގާ އެޅޭނެތޯ؟

23 ނޮވެމްބަރު 2011 - ބުދަ

ބުރުގާ އަޅަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަމެ އަޅުގަނޑު ފިރިމީހާ އެއްގޮތަކަށް ވެސް ބުރުގާ އަޅާކަށް އެއްބަހެ ނުވޭ ފިރިމީހާ ރަށުން ބޭރުގައި ވަނިކޮން އެއްފަހަރު ބުރުގާ އެޅުން އެކަމު އޭނަ އައިސް ވަރިކުރާނަން ކަމަށް ބުނެ ވަރަށް އެޗެހި ކިޔުމުން ނެގީ މިހާލަތުގައި އަޅުގަނޑު ފާފަ ވެރިވާނެތޯ؟ ފިރިމީހާ އަށް ކިޔަމަން ވުމަކީ ވެސް ވާޖިބެއް ނޫންތޯ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މީހަކު ރުހުނަސް ނުރުހުނަސް ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވައި އަމުރު ކުރައްވާފައިވާ ވާޖިބުތަކަށް ބޯލަނބައި ކިޔަމަން ގަތުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދިކިޔެއް، އެއްމެ ބޮޑު އަދި އެއްމެ ފުރަތަމަ އަދި އެއްމެ މުހިންމު ވާޖިބަކީ ތިބާގެ ތިބާގެ ވެރި ރަސްކަލާނގެ މާތް ﷲ އަށް ކިޔަމަންގަތުމެވެ. އެއަށް ފަހުގައި އެކަލާނގެ ރަސޫލާ އަށް ކިޔަމަންގަތުމެވެ. މުސްލިމަކަށް ވުމުގެ މާނައަކީ ބޯލަނބައި ކިޔަމަންގަތުމެވެ. ހަގީގީ މުއުމިނުންނަކީ އެއީއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {{وَأَطِيعُوا اللَّهَ وَرَسُولَهُ إِنْ كُنْتُمْ مُؤْمِنِينَ }} الأنفال 1. މާނައަކީ: “އަދި ތިޔަބައިމީހުންނީ މުއުމިނުން ކަމުގައި ވާނަމަ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންގަންނާށެވެ.”

އައުރަ ނިވާކުރުމަކީ ވާޖިބެކެވެ. ބޮލު އިސްތަށިގަނޑާއި ކަނދުރާއާއި ކަރުވަޅަކީ އަންހެނާގެ ޢައުރައެވެ. ވީމާ، އެ ހިސާބު ނިވާކުރުމަށްޓަކައި ބުރުގާ އެޅުމަކީ އަންހެނެއްގެ އައުރަ ނިވާކުރުމަށްޓަކައި ލާޒިމު ކަމެކެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާ ގަދައަޅުއްވައި އަމުރު ކުރައްވާފައި ވާ ކަމެކެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައި ވެއެވެ. {{ وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ …}} النور 31. މާނައަކީ: “ކަލޭގެފާނުން މުއުމިން އަންހެނުންނަށް އެކަނބަލުންގެ ލޯތައް (އިސް) ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖު ރައްކާތެރި ކުރުމަށާއި އަދި އެކަނބަލުންގެ ޒީނަތްތެރިކަމުގެ ތެރެއިން ފާޅުވެއްޖެ މިންވަރެއް ފިޔަވައި (ނިވާކުރުމަށް ކުޅަދާނަވެގެންނުވާ ކަމެއް ގަސްތަކާއި ނުލައި ފާޅުވުން ފިޔަވައި) ފާޅު ނުކުރުމަށް (ނުދެއްކުމަށް) ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ޚިމާރުތަކުން (ދޯޕައްޓާ ނުވަތަ ބުރުގާއިން) އެކަނބަލުންގެ ބޮލާއި ކަނދުރާ އާއި ކަރުވަޅު ނިވާކުރުމަށް އަމުރު ކުރައްވާށެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، އަންހެނާގެ ޢައުރަ އަންގަވާފައިވާ ފަދައިން ރަނގަޅަށް ނިވާ ނުކުރުމަކީ އެފަދަ މީހާ ސުވަރުގޭގެ ނިޢުމަތުން މަޙުރޫމުވެ، ނަރަކައިގެ ޢަޛާބު ލިބޭނެ ކަމުގައި އަންގަވާފައިވާ ކަމެކެވެ. ޔަގީނުންވެސް މާތް ﷲ ގެ ކޯފާއިން ސަލާމަތްވެ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ހާސިލުވާނީ ހަމައެކަނި އެކަލާނގެއާ އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރި ވާ މީހުނަށެވެ.

ދަންނާށެވެ! މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަން ވުމަށް އެކަލާނގެ އަންގަވާފައިވާ މީހުން ކުރެ މައިންބަފައިންނާއި ފިރިންނާއި ވެރިންނަކީ އެކަލާނގެ އަޅުންނެވެ. އެ ފަރާތްތަކަށް ކިޔަމަން ވުން ވާޖިބު ކުރައްވާފައި ވަނީ އެކަލާނގެ އެވެ. އެއީ ޝައްކެއްނެތް ގޮތުގައި އެކަލާނގެ ދީނާއި ޚިލާފަކަށް ނޫނެވެ. އަދިކިޔެއް، އެއީ އެކަލާނގެއަށް އުރެދުމަކަށް ނުވާ ކޮންމެ ކަމެއް ގައެވެ. އެކަލާނގެއާއި އެކަލާނގެ ރަސޫލާ އަށް އުރެދެވޭ އެއްވެސް ކަމެއްގައި އެއިން މީހެއްގެ އަދިކިޔެއް، އެއްވެސް މީހެއްގެ  ކިޔަމަން ގަތުމަކީ ޚާލިޤުވަންތަ ﷲ އަށް އުރެދުމެވެ. އެއީ ނުރައްކާތެރިކަން ބޮޑު ފާފައެކެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الْخَالِقِ)) “އަލްޚާލިޤް (ﷲ) އަށް އުރެދެވޭ ކަމެއްގައި އެއްވެސް މަޚްލޫގަކަށް ކިޔަމަންވުމެއް ނުވެއެވެ.” މިހަދީޘް ރިވާކުރެއްވީ އިމާމް އަހުމަދާއި އަލް ހާކިމްއެވެ. [صحيح الجامع 7520]. މާނައަކީ އެފަދަ ހާލަތެއްގައި ﷲ އަށް އުރެދި، އެކަލާނގެ އަޅަކަށް ކިޔަމަން ނުވާށެވެ! މާތް ﷲ އަށް އުރެދިގެން މަޚުލޫގުންނަށް ކިޔަމަން ވުމަކީ ހުއްދަ ކަމެއް ނޫނެވެ.

ވީމާ، ތިބާގެ ފިރިމީހާއަށް މާތް ﷲ އަށް ބިރުވެތިވުމަށް ނަޞޭޙަތްތެރިވެ، އެއީ އޭނާއަށް މަނާ ކުރެވޭނޭ ކަމެއް ނޫންކަމާއި އެއީ މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަން ގަތުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކަމުގައި ހަނދާން ކޮށްދޭށެވެ. އަދި އޭނާގެ އިންޛާރުތަކަށް އެއްވެސް ބިރުނުގަންނާށެވެ! ތިބާ ބިރުވެތިވުން ހައްގުވެގެންވާ ފަރާތަކީ މާތް ﷲ އެވެ. ތިބާ ހައްދަވައި ރިޒްޤު ދެއްވަވައި ނިޢުމަތް ދެއްވަވަނީ އެކަލާނގެ އެވެ. އަދި ތިބާ މަރުވުމަށްފަހު އެނބުރި ދާން ޖެހޭނީ އެކަލާނގެ ޙަޟުރަތަށެވެ. އެދުވަހުގައި ފިރިއެއް ދަރިއެއް ޖާހެއް މާލެއްގެ ފައިދާއެއް ނުކުރާނެއެވެ. ވީމާ، މާތް ﷲ އަށް ވަކީލުކޮށް، އެކަލާނގެ އަމުރުފުޅު ތަންފީޛު ކުރައްވައި، ބުރުގާ އަޅައި ރަނގަޅަށް ނިވާވެ ލައްވާށެވެ! އެކަލާނގެ ތިބާއަށް ފުދިވޮޑިގެން ވާނެއެވެ.

والله أعلم، وبالله التوفيق، وصلى الله على محمد وآله وصحبه وسلم

އިތުރު މައުލޫމާތު :

އަންހެނުން ނިވާ ވާންޖެހޭ ގޮތަކީ ކޮބައިތޯއެވެ؟

ބުރުގާ އަޅާފައި ފޫކޮޅަށް ބާރު ޓައިޓް ލުމަކީ އަޒާބު ލިބޭނެ ކަމެއްތޯއެވެ؟

ސުވާލާއި ޖަވާބު