ތަވީދު ލިއުމާއި ފެންކިއުމަކީ ހަރާމްކަމެކޭ އަޑުއެހީމެވެ ރަނގަޅު ގޮތަކީކޮބާ؟

14 ނޮވެމްބަރު 2011 - ހޯމަ

ތަންކޮޮޅެއް ކުރީދުވަހެއްގަ އަޑުއެހި ދަރުހެއްގައި ތަވީދު ލިއުމާއި ފެންކިއުމަކީ ހަރާމްކަމެކޭ އަޑުއެހީމެވެ.ނަމަވެސް ރޭގަ ސަން އެފް އިން އަޑު އެހި ދަރުހެއްގައި ބުނިގޮތުގައި ފެންކިޔެވުމާއި ތަވީދުލިއުމަކީ ރަނގަޅު ކަމެއްކަމަށް އަޑުއެހީމެވެ.ވީމާ މީގެ ރަނގަޅު ގޮތަކީކޮބާ؟

الحمد لله، والصلاة والسلام على رسول اللهأما بعد: 

 ތަވީދު އެޅުމާއި ފެން ކިޔެވުމަކީ ތަފާތު ދެ ކަމެކެވެ. އެއީ އެއްވަރުގެ ދެކަމެއް ނޫނެވެ. ވީމައި ދެކަމުގެ ހުކުމް ވެސް ތަފާތެވެ.
ތަވީދަކީ ހަށި ރައްކަލަކަށް ނުވަތަ ވަކި ކަމެއް ހާޞިލު ކުރުމަށްޓަކައި އެއްޗެއްގައި ލިޔެ، އެ އެއްޗެއް ހަށިގަނޑުގައި ނުވަތަ ވަކި ޚާއްޞަ ތަނެއްގައި އެލުވުމެވެ. ތަވީދުގައި ލިޔެވޭ އެއްޗެއްގެ ގޮތުން އޭގެ ހުކުމް ވެސް ތަފާތު ވެއެވެ. އެގޮތުން، ސިހުރު ހާހޫރައިގެ އެއްޗެއް ލިޔުމާއި އަކަ ކުރެހުން ފަދަ ލިޔުންތައް ލިޔެގެން ހެދޭ ތަވީދު ލިޔުމާއި ބޭނުން ކުރުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެފަދަ ގިނަ އެއްޗިހީގައި ޝިރުކާއި ކުފުރުގެ ލިޔުންތައް ހިމެނެއެވެ. އެފަދަ އެއްޗެއް ލިޔެ، ނުވަތަ އެޅުމަކީ މީހާ ކުފުރާއި ޝިރުކުގެ ދަރަޖަށް ވާސިލު ކުރުވާނެ ކަމެކެވެ. އަދި އެ ތަވީދުގެ ސަބަބުން އޭނާގެ ހަށި ރައްކާ ވާކަމާއި އޭގެ ސަބަބުން ހެވާއި ނަޞީބު ލިބޭކަމުގައި ހީކޮށްފި ނަމަ އެއީ ކަނޑައެޅިގެން ބޮޑުވެގެން ވާ ކުފުރެވެ.
عبد الله بن مسعود رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ )) أبو داود (3883) وابن ماجه (3530 ) السلسلة الصحيحة (331) މާނައަކީ: “ހަމަކަށަވަރުން މެތުރުމާއި ތަވީދާއި އިސްތިރި (ލޯބި ޖެއްސުމަށްޓަކައި ހެދޭ ސިޙުރު) އަކީ ޝިރުކެކެވެ.”މި ހަދީޘް ގައި ވާ ” الرُّقَى ” މި ކަލިމައިގެ މާނައަކީ ކިޔެވެއްޔާއި މެތުރުމެވެ. މިތަނުގައި ޝިރްކުގެ  ޢަމަލެއްކަމުގައި އަންގަވާފައި އެވަނީ ޣައިރު ﷲ ގެ ކިބައިން، ޖިންނި ޝައިޠާނުންގެ ކިބައިން މަދަދާއި އެހީއަށް އެދުން ފަދަ ކިޔެވެލި ކިޔެވުމާއި ސިހުރު ހާހޫރައިގެ ތެރޭގައި ހިމެނޭ ފަދަ މާނަ ނޭންގޭ ނުވަތަ ޝިރްކު އެކުލެވިގެންވާ ފަދަ މެތުރުންތަކެވެ.
އަދި ހަދީޘްގައި ވާ ” التَّمَائِمَ ” އަކީ ” تميمة ” ގެ ޖަމްޢުއެވެ. އެއީ ހަށިރައްކަލަށްޓަކައި އެޅޭ ތަވީދާއި ބަޑިއާއި އުޅައާއި ރޮދިފަދަ އެއްމެހައި އެއްޗިއްސެވެ.
عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. “ދިހަ މީހުންގެ ޖަމާޢަތެއް رسول الله صلى الله عليه وسلم ގެ އަރިހަށް އައިސް އިސްލާމް ކަމުގެ މައްޗަށް ބައިޢަތު ހިފިއެވެ. އިތުރު އެކަލޭގެފާނުން ނުވަ މީހުންނާ ބައިޢަތު ހިތްޕަވައި އެކަކާ ބައިޢަތު ހިތްޕެވުމުން މަނާވެގެންނެވިއެވެ. އެމީހުން ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނުން ނުވަމީހުނާ ބައިޢަތު ހިތްޕަވައި އެކަކާ ބައިޢަތު ހިތްޕެވުމުން މަނާވެގެންނެވީ ކީތްވެތޯއެވެ؟ އެކަލޭގެފާނުން ހަދީޘް ކުރެއްވި އެވެ. އޭނާގެ ގައިގައި ތަވީދެއް އެބަ އޮތެވެ. ދެން އެމީހާ އެ ތަވީދު ކަނޑާލިއެވެ. ދެން އެކަލޭގެފާނުން އޭނާއާ ބައިޢަތު ހިތްޕަވައި ހަދީޘް ކުރެއްވި އެވެ. ((مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَ)) مسند أحمد ” ތަވީދެއް އަޅައިފި މީހާ ހަމަ ކަށަވަރުން ޝަރީކު ކޮށްފި އެވެ.”
ތަވީދަކީ ޣައިރު ﷲ ގެ ކިބައިން ރައްކާތެރިކަމަށް އެދުމުގެ ތެރެއަށް ވަންނަ ކަމެކެވެ. އެގޮތަކީ ތަވީދުގައި ލިޔެފައިވާ އެއްޗިއްސަކީ ކުފުރާއި ޝިރުކު އަދި ސިހުރު ހާހޫރައިގެ އެއްޗިހި ކަމުގައި ވުމާއި އެފަދަ އެއްޗިހި އެޅުމުގެ ސަބަބުން ސަލާމަތްވެ ރައްކާތެރި ވާ ކަމުގައި ހީކުރެވުމެވެ. އަދި އެފަދައިން އަޅާފައި ވާ އެއްޗިއްސާ މެދުގައި އުންމީދު ކުރެވި، އެއީ ގެއްލުންތަކުން ސަލާމަތް ކުރުވައި ހެވާއި ލާބަ ހުރި އެއްޗެއް ކަމުގައި ހީކުރެވުމެވެ.
ތަވީދެއްގައި ޣައިރު ﷲ ގެ ކިބައިން މަދަދަށް އެދުމާއި ސިހުރާއި ޝިރްކުގެ އެއްޗެއް އެކުލެވިގެން ނުވާ ނަމަ، އަދި އެތަވީދަކީ އޭގެ ޛާތުގައި ގެއްލުމާއި ފައިދާ ދޭ އެއްޗެއް ކަމުގައި ހީ ނުކުރާ ނަމަ، އެފަދަ ތަވީދު ލިޔުމާއި ބޭނުން ކުރުމަކީ ދީނުން ބޭރުވާނެ ކަމެއް ނޫނެވެ. ނަމަވެސް އެއީ ހަރާމް ކަމެކެވެ. ސަބަބަކީ ތަވީދަކީ އޭގެ ޒާތުގައި ނަހީކުރެއްވިފައިވާ އެއްޗެކެވެ.
ކީރިތި ޤުރްއާނާއި މާތް ﷲ ގެ އިސްމުފުޅުތަކާއި ސުންނަތުން ސާބިތުވާ ދުޢާ އިން ތަވީދު އެޅުމުގެ ހުކުމާއި މެދުގައި ޢިލްމުވެރިން ޚިލާފުވެފައި ވެއެވެ. ސަލަފުންގެ ބައެއް ބޭފުޅުން އެއީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް ގިނަ ބޭފުޅުން އެފަދަ ތަވީދު އެޅުންވެސް މަނާ ކުރައްވައެވެ. ސަބަބަކީ ހަދީޘްތަކުގައި އެއްވެސް އިސްތިސްނާއަކާ ނުލައި ތަވީދު އެޅުން މަނާ ކުރެއްވިފައި ވުމާއި ޝިރްކުގެ މަގު އެކުގައި މަނާ ކުރުމުގެ ގޮތުންނެވެ. ފަހުގެ ޢިލްމުވެރިން ކުރެ ބޮޑެތި ބޭފުޅުންގެ ފަތުވާ އަކީ ވެސް މިއެވެ. ތަވީދަކީ އަބަދު އަޅައިގެން އުޅޭ އެއްޗެއް ކަމުން ކީރިތި ޤުރްއާނާއި މާތް ﷲ ގެ މަތިވެރި ޛިކްރު ހިމެނޭ ކަލިމަތަކުން ތަވީދު އެޅުމަކީ އެކަލާނގެ ކަލާމްފުޅުގެ އިހާނަތް ކުރެވޭނެ ކަމެއްވެސް މެއެވެ.
މެތުރުމަކީ ޖުމްލަކޮށް މަނާ ކަމެއް ނޫނެވެ. މެތުރުމުގެ ތެރެއިން މަނާވެގެން ވަނީ އިސްވެ ދިޔަ ހަދީޘްގައި ވާ ފަދައިން ޝިރުކާއި ބިދުޢަ އަދި ސިހުރާއި ޚުރާފާތް އެކުލެވިގެންވާ މެތުރުމެވެ. އެއާއި ޚިލާފަށް ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުގައި ވާރިދުވެފައިވާ ދުޢާ އިން މެތުރުމަކީ ހުއްދަ ކަމެކެވެ. އަދިކިޔެއް، ކީރިތި ޤުރްއާނަކީ ޝިފާއެކެވެ. އަދި އޭގެ އިތުރުން ފަރުވާއަކަށްޓަކައި ބައެއް ދުޢާތަކާއި މެތުރުން رسول الله صلى الله عليه وسلم ދަސްކޮށްދެއްވާފައި ވެއެވެ. އެހެންކަމުން، ކީރިތި ޤުރްއާނާއި ސުންނަތުގައި ވާ ވިރުދުތަކުން މެތުރުމަކީ ސަލަފުއްޞާލިޙުންގެ އަރިހުން ސާބިތުވާ ކަމެކެވެ. ކީރިތި ޤުރްއާނުން ތަށި ލިޔެ، އެ ފެން ބުއިމާއި ކީރިތި ޤުރްއާން ފެނަށް ކިޔަވައި އެފެން ބޭނުން ކުރުމަކީ ސަލަފުންގެ އަރިހުން ސާބިތުވާ ކަމެކެވެ.
أم المؤمنين عائشة رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. (( كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا )) [متفق عليه]. މާނައަކީ: “އިތުރު އެކަލޭގެފާނަށް އާލާސްކަންފުޅެއް ޖެހިއްޖެ ނަމަ ‘މުޢައްވިޛާތު’ (ރައްކާތެރިކަމަށް އެދި ދަންނަވާ ސޫރަތްތައް ” قُلْ هُوَ اللَّهُ أَحَدٌ ” އާއި ” قُلْ أَعُوذُ بِرَبِّ الْفَلَقِ”  އާއި ” قُلْ أَعُوذُ بِرَبِّ النَّاسِ”) ވިދާޅުވެ އަތްޕުޅަށް ފުންމަވައި އެކަލޭގެފާނުންގެ ހަށިކޮޅު މަތުރުއްވައެވެ. އަދި އެކަލޭގެފާނުންގެ އާލާސްކަންފުޅު ބޮޑުވެ، އަމިއްލަ ފުޅަށް އެކަން ނުކުރެވޭ ވަރު ވުމުން ތިމަން ކަމަނާ އެކަލޭގެފާނުންގެ އަތްޕުޅަށް ކިޔަވައި އެކަލޭގެފާނުންގެ އަތްޕުޅުގެ ބަރަކާތަށްޓަކައި އެކަލޭގެފާނުންގެ އަތްޕުޅުން އެކަލޭގެފާނުންގެ ހަށިކޮޅުގައި ފިރުއްވަމެވެ.”
ކީރިތި ޤުރްއާނާއި ސުންނަތުގައި ވާރިދު ވެފައިވާ މިންގަނޑުގެ ތެރޭގައި މެތުރުމާއި ކިޔެވުން ގެންގުޅެފި ނަމަ އެއީ އެއްމެ ރަނގަޅު ކަމެކެވެ. އެއާއި ޚިލާފު ވުމަކީ ހުއްދަ ކަމެއް ނޫނެވެ.
والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު