ޢަރަފާތް ދުވަހުގެ ރޯދަ ހޮނިހިރު ދުވަހާއި ދިމާވެއްޖެ ނަމަ…

4 ނޮވެމްބަރު 2011 - ހުކުރު

الحمد لله وكفى، وسلام على عباده الذين اصطفىأما بعد: 

 ޢަރަފާތް ދުވަހަކީ ރޯދަހިފުން މޮޅު އިތުރު ދުވަހެކެވެ. ހޮނިހިރު ދުވަހީ ރޯދަހިފުން މަނާކުރެވިފައިވާ ދުވަހެކެވެ. ވީމާ، ޢާރަފާތް ދުވަހަކީ ހޮނިހިރު ދުވަހެއް ކަމުގައި ވެއްޖެ ނަމަ ހަދާނީ ކިހިނެތްތޯއެވެ؟!
ހޮނިހިރު ދުވަހުގައި ސުންނަތް ރޯދަ ނުހިފުމަށް އަންގަވައި رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلا لِحَاءَ عِنَبَةٍ ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ )) މިހަދީޘް الترمذي (744) އާއި أبو داود (2421) އާއި ابن ماجه (1726) ރިވާކުރައްވާފައި ވެއެވެ. މާނައަކީ: ހޮނިހިރު ދުވަހުގައި ރޯދަ ނުހިފާށެވެ. މާތް ﷲ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ރޯދަ ފިޔަވައެވެ. މޭބިސްކަދުރެއްގެ ތޮށިގަނޑުފިޔަވައި ކާނެ އެއްޗެއް ނުލިބިއްޖެ ނަމަ، އެ އެތިކޮޅު ނަމަވެސް ހަފައިލާށެވެ. ” (صححه الألباني، الإرواء، 960)ޝަރްޢީ ހުކުމެއް ނެގުމުގައި ރަނގަޅު ޢިލްމީ ގޮތަކީ ރިވާޔަތްތައް ޖަމާކުރުމަށްފަހުގައި ތަޢާރަޟް ނުވާނެހެން ހުކުމް ނެގުމެވެ. ހަމަ އެފަދައިން ކަމެއް މަނާވުމުގެ ޢިތްލަތާއި ސަބަބަށް ބެލުމަކީ ފިޤްހު ޢިލްމުގެ މުހިންމު އުޞޫލެކެވެ. މި ޤަވާޢިދުގެ ދަށުން ޢިލްމުވެރި އިމާމުން އިސްވެދިޔަ ހަދީޘުން ނަންގަވާފައިވާ މާނައަކީ ހޮނިހިރު ދުވަހުގައި ރޯދަހިފުން މަނާވެފައިވަނީ އެދުވަސް ޚާއްސަކޮށްގެން، ޚާއްސަ ސަބަބަކާއި ނުލައި ރޯދަ ހިފުމެވެ. ހުކުރު ދުވަސް ވެސް ހަމަ އެފަދައެވެ.
އިސްވެދިޔަ ހަދީޘް ރިވާކުރެއްވުމަށްފަހުގައި އަލްއިމާމް އައްތިރްމިޛީ ވިދާޅުވެފައި ވެއެވެ. ” މިހަދީޘަކީ ރަނގަޅު ހަދީޘެކެވެ. މި ހަދީޘްގައި ރޯދަހިފުން މަނާ ކުރެއްވިފައިވުމުގެ މާނައަކީ ހޮނިހިރު ދުވަހުސް ރޯދަ ހިފުމުގައި ޚާއްސަ ކުރުމެވެ. އެއީ ޔަހޫދީން ތަޢުޡީމު ކުރާ ދުވަހެއްކަމުގައި ވާތީއެވެ. (سنن الترمذى، ج 3، ص 202)
މާނައަކީ ހޮނިހިރު ދުވަހުގައި ރޯދަ ހިފުން މަނާ ގޮތަކީ ރޯދަ ހިފުމަށް ޚާއްސަ ސަބަބަކާއި ނުލައި ނުވަތަ ހަމައެކަނި ހޮނިހިރުގައި ރޯދަ ހިފުމެވެ. ސަބަބަކާއި ނުލައި، ހޮނިހިރު ދުވަހުގައި އެކަނި ރޯދަ ހިފުން މަނާ ކުރައްވާފައި ވާ ސަބަބަކީ: އެއީ ޔަހޫދީން އަޅުކަން ކުރުމަށް ޚާއްޞަ ކޮށްގެން އުޅޭ ދުވަހެއް ކަމުގައި ވާތީއެވެ. އެދުވަހުގައި އެކަނި ރޯދަ ހިފުމުން ނުވަތަ ޚާއްސަ ސަބަބަކާއި ނުލައި އެ ދުވަހުގައި ރޯދަ އަށް ހުރުމުން ހޮނިހުރު ދުވަސް މާތް ކުރުމުގައި ޔަހޫދީންނާއި ވައްތަރު ވެވެނީއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ ބުނެވޭނީ : ހޮނިހިރުގައި ޚާއްސަ ކޮށްގެން އެހެން އަޅުކަމެއްވެސް ކުރުން ރަނގަޅެއް ނޫނެވެ. ނަމަވެސް، ހޮނިހިރު ދުވަސް ޚާއްސަ ނުކޮށް، މިސާލަކަށް : ހުކުރު ހޮނިހިރު ދެދުވަހުގައި ރޯދަހިފުން، ނުވަތަ ޢަރަފާތް ދުވަހާއި ޢާޝޫރާ ދުވަސް ފަދަ ރޯދަ ހިފުން ޝަރްޢުވެގެންވާ ޚާއްސަ ދުވަހަކާއި ދިމާވެއްޖެ ނަމަ އެއީ މަނާކަމެއް ނޫނެވެ.
ابن قدامة رحمه الله ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ތިމަންމެންގެ (ޙަންބަލީ މަޛްހަބުގެ) ޢިލްމުވެރިން ވިދާޅުވެފައި ވަނީ: ހޮނިހިރު ދުވަހުގައި ރޯދަހިފުން މަކްރޫހަވެގެން ވަނީ އެދުވަސް އެކަނި ހިފުމެވެ. ހޮނިހިރު ދުވަހާއި އެކުގައި އެހެން ދުވަހަކު ރޯދަ ހިފައިފި ނަމަ އެއީ މަކްރޫހަ ކަމެއް ނޫނެވެ. އަބޫ ހުރައިރާ އާއި ޖުވައިރިޔާގެ ހަދީޘުން އެކަމަށް ދަލީލު ކުރާތީއެވެ. ހަމަ އެފަދައިން، މީހަކު އާދަވެގެން ހިފާ ރޯދައަކާއި ހޮނިހިރު ދުވަހާއި ދިމާވި ނަމަވެސް ހޮނިހިރުގައި ރޯދަހިފުން ހުއްދައެވެ.” (المغني، 3، 52) މިސާލަކަށް އާދަވެގެން މެދުފޮއެ ރޯދަ ހިފާ މީހެއްގެ ތިން ރޯދައާއި ހުކުރު ހޮނިހިރު ދިމާވެއްޖެ ނަމަ އެއީ މައްސަލައެއް ނޫނެވެ. ހަމަ އެފަދައިން ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކަށްވެސް ހޮނިހިރާއި ދިިމާ ވާނެއެވެ. އެފަދަ މީހާ ހޮނިހިރުގައި ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ.
އިބްނު ޤުދާމާ ރަޙިމަހު ﷲ އިޝާރާތް ކުރައްވާފައިވާ أبو هريرة رضي الله عنه ގެ ހަދީޘްގައި رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވަނީ (( لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه )) “ތިޔަބައިމީހުންކުރެ އެއްވެސް މީހަކު ހުކުރު ދުވަހުގައި ރޯދައަށް ނުހުންނާށެވެ. އެއީ ހުކުރުގެ ކުރީ (ބުރާސްފަތި ދުވަހު) ނުވަތަ އޭގެ ފަހު (ހޮނިހިރު) ދުވަހު ރޯދައަށް ނުހުންނާނެ ނަމައެވެ.” މިހަދީޘް ރިވާކުރައްވާފައި ވަނީ البخاري އާއި مسلم އެވެ. މާނައަކީ: ހުކުރު ދުވަހަކީވެސް އެދުވަހުގައި އެކަނި ރޯދަހިފުން މަނާ ދުވަހެކެވެ. ނަމަވެސް ބުރާސްފަތި ދުވަހު ރޯދަ ހިފާފައި ހުކުރުގައި ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. ހަމަ އެފަދައިން ހުކުރުގައި ރޯދަ ހިފާފައި ހޮނިހިރުގައި ހިފައިފި ނަމަވެސް އެއްމެ ރަނގަޅެވެ. މި ރިވާޔަތަކީ އަޅުގަނޑު އިސްވެ ބަޔާންކުރި ގޮތާއި މެދުގައި އެއްވެސް ސުވާލެއް ނުއުފެދޭހައި ސާފު، ސަރީހަ ރިވާޔަތެކެވެ.
އަދި ޖުވައިރިޔާ ރަޟިޔަ ﷲ ޢަންހާގެ ރިވާޔަތްވެސް އެހާމެ ސާފެވެ. އެ ރިވާޔަތުގައި ވަނީ: النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހުކުރު ދުވަހެއްގައި އެކަމަނާގެ ގާތަށް ވަޑައިގެންނެވިއެވެ. އެދުވަހު އެކަމަނާ ހުންނެވީ ރޯދައަށެވެ. އެކަލޭގެފާނުން އެއްސެވިއެވެ. أَصُمْتِ أَمْسِ؟ ކަމަނާ އިއްޔެ ރޯދައަށް ހުރީމުތޯއެވެ؟ قَالَتْ: لا. އެކަމަނާ ދެންނެވިއެވެ. ނޫނެކެވެ. قَالَ: ހަދީޘްކުރެއްވިއެވެ. تُرِيدِينَ أَنْ تَصُومِي غَدًا؟ މާދަމާ ރޯދަ އަށް ހުރުމަށް ގަސްތު ކުރަމުހެއްޔެވެ؟ قَالَتْ : لا. ދެންނެވިއެވެ. ނޫނެކެވެ. قَالَ: ހަދީޘް ކުރެއްވިއެވެ. فَأَفْطِرِي އެހެންވިއްޔާ ރޯދަ ދޫކުރާށެވެ!”
ރޯދަމަސް ފިޔަވައި އެހެން މޫސުމުގައިވެސް ހޮނިހިރު ދުވަހު ނުވަތަ ހުކުރު ދުވަހު ރޯދަ ހިފުމަކީ މުޅިން މަނާ ކަމެއް ނޫންކަމާއި، އެ ދުވަސް ޚާއްސަ ނުވާނެހެން ރޯދަ ހިފުމަކީ ހުއްދަ ކަމެއް ކަމުގައި އަލް ޙާފިޡް އިބްނު ޙަޖަރުގެ ފަތުވާ ވެސް ވެއެވެ. އެއީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފަދަ ރޯދަ ހިފުމުގައި ޚާއްސަ ކުރުން މަނާ ކުރެވިފައިވާ ދުވަސްތަކުން ދުވަހެއްގައި އާދަވެގެން މީހަކު ހިފާ ރޯދައެއް ދިމާވެއްޖެ ނަމަ ނުވަތަ ޢަރަފާތް ދުވަހުގެ ރޯދަ ފަދަ ރޯދައަކާއި ދިމާވެއްޖެ ނަމަ އެއީ އިސްތިސްނާވެގެން ވާ ހާލަތެކެވެ.
ހޮނިހިރުގެ ރޯދަ ހިފުން ހުއްދަވާ ހާލަތްތަކެއް الشيخ ابن عثيمين رحمه الله އެބޭފުޅާގެ ‘رسائل الشيخ ابن عثيمين’ (20، 57) ގައި ވިދާޅުވެފައި ވެއެވެ. އޭގެ ތެރެއިން އެއް ހާލަތަކީ ރޯދަ ހިފުން މަޝްރޫޢު، ސުންނަތްވެގެންވާ ދުވަސްތަކަކާއި ދިމާވުމެވެ. މެދުފޮއެ ތިން ރޯދައާއި ޢަރަފާތް ދުވަހާއި ޢާޝޫރާ ދުވަހާއި ހަރޯދައެވެ.
ވީމާ، ޢަރަފާތް ދުވަހުގެ އިތުރުވެގެންވާ ރޯދަ ހިފޭތޯ ބަލަމާއެވެ. އެ ދުވަހުގެ ރޯދައިގެ ޘަވާބާއި މެދުގައި رسول الله صلى الله عليه وسلم އާއި ސުވާލު ވެވުމުން ހަދީޘް ކުރައްވާފައި ވެއެވެ. ((يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ)) مسلم (ج 6، ص 56) މާނައަކީ: “އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުށްފާފަތައް ފުއްސަވާނެއެވެ.” އެބަހީ ބޮޑެތިފާފަ ފިޔަވައެވެ.
މާތް ﷲ އަހަރެމެންނަށް އެކަލާނގެ ދީނުގެ ފިޤްހު ދެއްވާށި! އާމީން!
والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު