ފިރިހެނުން ކަންފަތު ފޫޅަށް ވުރެން ދިގުކޮށް އިސްތަސިގަނޑު އައްސާފައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟

1 ނޮވެމްބަރު 2011 - އަންގާރަ

الحمد لله، والصلاة والسلام على رسول اللهأما بعد: 

އެނގިވަޑައި ގަންނަވާނޭ ފަދައިން ފިރިހެނުންގެ ބޯ ދިގުކުރުމަކީ އޭގެ ޝަރުޠުތަކާއި އެކުގައި ހުއްދަ ކަމެކެވެ. ކަންފަތު ފޫޅާއި ހަމައަށް ނުވަތަ ކަނދުރާއާއި ހަމައަށް ނުވަތަ ބައެއް ފަހަރު ކޮނޑާއި ހަމައަށް ދިގު ކުރުމަކީ ހުއްދަ ކަމެކެވެ. އެގޮތަށް ބޯ ދިގުކޮށްފައި ހުރި މީހެއް ނަމަ އުޅޭ އުޅުމުގައި ނުވަތަ މަސައްކަތް ކުރުމުގައި އުނދަގޫ ވުމާއި އިސްތަށިގަނޑު ސާފުކޮށް ބެހެއްޓުމަށްޓަކައި އެއްސުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ނަމާދު ކުރާ އިރުގައި ބޮލު އިސްތަށިގަނޑު އައްސާފައި ބެހެއްޓުމަކީ މަކްރޫހަ ކަމެކެވެ. އަދިކިޔެއް، އެދެވިގެން ވާ ގޮތަކީ، ސަޖިދަ ކުރާ އިރުގައި ތިބާގެ ގުނަވަންތަކާއި ލިބާހެކޭ އެއްފަދައިން ބޮލުގެ އިސްތަށިގަނޑު ދިގު ނަމަ، އިސްތަށިގަނޑު ވެސް ސަޖިދައަށް އޮންނަތަނުގައި ޖެހޭނެހެން މޮހާލާފައި ނުވަތަ ދޫކޮށްލާފައި ބޭއްވުމެވެ. ނަމާދު ކުރާ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި ބޯ އައްސާފައި ބެހެއްޓުމަކީ ހުއްދަ ކަމެކެވެ. عبد الله بن عباس رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. عَبْدَ اللَّهِ بْنَ الْحَارِث ނަމާދު ކުރައްވަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އޭރު عَبْدَ اللَّهِ بْنَ الْحَارِث ގެ ބޮލު އިސްތަށިގަނޑު ވަނީ އައްސައިފައެވެ. ابن عباس رضي الله عنه ތެދުވެވަޑައިގެން عَبْدَ اللَّهِ بْنَ الْحَارِث ގެ އިސްތަށިގަނޑު މޮހައިލެއްވިއެވެ. އެކަލޭގެފާނުން ނަމާދުން އަވަދިވެވަޑަގެން އެކަމާއި ހިންޕުޅު ހަމަ ނުޖެހިގެން ابْنِ عَبَّاس رضي الله عنه އަށް ދެންނެވިއެވެ. “ކަލޭގެފާނަކާ ތިމަންނާގެ ބޮލަކާއި ކޮންކަމެއްތޯއެވެ؟ ابن عباس رضي الله عنه ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރެއްވި އަޑު ތިމަންނާ އެއްސެވީމެވެ. ((إِنَّمَا مَثَلُ هَذَا مَثَلُ الَّذِي يُصَلِّي وَهُوَ مَكْتُوفٌ)) صحيح مسلم، (ج 3، ص 48) މާނައަކީ: “ހަމަކަށަވަރުން މިފަދަ މީހާގެ މިސާލަކީ ނަމާދުގައި ބަނދެވިފައި ހުރެ ނަމާދު ކުރާ މީހެއްގެ މިސާލެވެ.”
އައްސާފައި ނުވަތަ ނާއްސައި ނަމަވެސް ކޮންޑަށްވުރެ ބޮޑަށް ފިރިހެނުންގެ ބޮލު އިސްތަށިގަނޑު ދިގު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު