އަންހެނަކަށް މަޙުރަމަކާއި ނުލައި ދަތުރެއް ކުރެވިދާނެ ޢުޛުރެއް ވޭތޯއެވެ؟

28 އޮކްޓޯބަރ 2011 - ހުކުރު

އަންހެން ކަނބަލުން މަހުރަމަކާ ނުލައި ދަތުރު ކުރެވިދާނެ އެއްވެސް އުޒުރެއް ވޭތޯ؟ އަންހެން ކަނބަލުން ގެއިން ބޭރަށް މަހުރަމަކާ ނުލައި ދިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި މީހަކާ އިނދެގެން އުޅޭ އަންހެން ބޭކަނބަލެއްނަމަ ފިރިމީހާ ކައިރީ ނުބުނެ އާއިލާ ގެ މީހުންނާ އެކު ގެއިން ބޭރަށް ދިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިހުރިހާ ކަމެއް އިސްލާމީ ޝަރީޢަތުގައި އޮންނަގޮތް ވަރަށް ތަފްސީލުކޮށް ދަލީލާއި އެކު ބަޔާން ކޮށްދެއްވަފާނަންތޯ؟

الحمد لله، والصلاة والسلام على رسول اللهأما بعد:  އަންހެނަކު ދަތުރެއް ކުރާ ނަމަ، މާނައަކީ ޝަރްޢީ މާނައިގައި ދަތުރަކަށް ބެލެވޭ ހިސާބު ދުރު ތާކަށް ދާ ނަމަ މަޙުރަމަކާއި އެކުގައި މެނުވީ ދަތުރު ނުކުރުމަށް ވަނީ އަންގަވާފައެވެ. ވީމާ، އަންހެނަކު ދަތުރު ކުރުމުގައި ޝަރްޢީ އަސްލަކީ ކައިވެނި ހެއުނުވާ ގާތް މީހަކާއި އެކުގައި މެނުވީ ދަތުރަކު ނުނިކުތުމެވެ. ابْنَ عَبَّاسٍ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. (( لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا وَمَعَهَا ذُو مَحْرَمٍ وَلَا تُسَافِرْ الْمَرْأَةُ إِلَّا مَعَ ذِي مَحْرَمٍ فَقَامَ رَجُلٌ فَقَالَ يَا رَسُولَ اللَّهِ إِنَّ امْرَأَتِي خَرَجَتْ حَاجَّةً وَإِنِّي اكْتُتِبْتُ فِي غَزْوَةِ كَذَا وَكَذَا قَالَ انْطَلِقْ فَحُجَّ مَعَ امْرَأَتِكَ)) مسلم. “އެއްވެސް ފިރިހެނަކު އަންހެނަކާއި އެކުގައި މަހުރަމަކު ނެތި އެކަހެރި ނުވާށެވެ! އަދި އެއްވެސް އަންހެނަކު މަހުރަމަކާއި އެކުގައި މެނުވީ ދަތުރު ނުކުރާހުށި ކަމެވެ! ފަހެ މީހަކު ދެންނެވިއެވެ. އެވެ! ތިމަންނާގެ އަންހެނުން ހައްޖުވުމަށްޓަކައި ދަތުރު ފަށައިފިއެވެ. ހަނގުރާމައެއްގައި ބައިވެރިވުމަށްޓަކައި ތިމަންނާގެ ނަން ވަނީ ނޯޓު ކުރެވިފައެވެ. ހަދީޘްކުރެއްވިއެވެ. ދާށެވެ! ގޮސް ކަލޭގެ އަނބިމީހާއާއި އެކުގައި ހައްޖުވާށެވެ!” އަދިވެސް އިތުރު ރިވާޔަތްތަށް މި ބާބުގައި ސާބިތުވެއެވެ.ނަމަވެސް، ހުރިހައި ގަވާއިދެއްގައި ވެސް އިސްތިސްނާ ހާލަތު ހުރެއެވެ. ވީމާ، ޒަރޫރީ ކަމެއްގައި މަޙުރަމަކު ނެތް ހާލަތެއްގައި، ތިބާއަށް އަމާންކަން އޮންނަވަރުގެ އަންހެން ޖަމާޢާތެއްގައި ދިޔުމަކީ ހުއްދަ ކަމެކެވެ. އެއީ މިސާލަކަށް ބޭސްފަރުވާއަކަށް ދާން މަޖުބޫރުވުން ފަދަ ކަމެއްގައި، މަޙުރަމެއް ނެތުމުގެ ސަބަބުންނެވެ. އަދި ފުރާނައަށް ނުރައްކާވެދާފަދަ ބޮޑު ޒަރޫރަތެއްގައި އަންހެނުންގެ ޖަމާޢަތެއް ނެތް ކަމުގައި ވީ ނަމަވެސް އެއީ އިސްތިސްނާ ހާލަތެއް ކަމުގައި ބެލެވޭނެއެވެ. ފިޤްހުވެރިން ކަނޑައަޅުއްވާފައި ވާ ޤަވާޢިދެއްގައި ބުނާ ގޮތުގައި “الضرورات تبيح المحظورات” މާނައަކީ: “މަނާ ކަމެއް ނުކޮށް ހަދާނެ އެއްވެސް ގޮތެއް ނެތް ވަރުގެ ބޮޑު ޡަރޫރަތެއް ކުރިމަތި ވެއްޖެ ނަމަ އެކަން ހުއްދަ ވާނެއެވެ.” ވީމާ، އެފަދަ ހާލަތެއްގައި މަޙުރަމަކާއި ނުލައި އަންހެނަކަށް ދަތުރު ކުރެވިދާނެއެވެ. މާތް ﷲ ގެ ބަސްފުޅުގައި ވެއެވެ. {{ لا يُكَلِّفُ اللَّهُ نَفْسًا إِلا وُسْعَهَا}} البقرة 286.  މާނައަކީ: ” މާތް ﷲ އެއްވެސް ނަފްސަކަށް ކުޅަދާނަ މިންވަރަށް މެނުވީ ތަކުލީފު ނުޖައްސަވައެވެ.” ވީމާ ކުޅަދާނަ މިންވަރުން އެކަލާނގެއަށް ބިރުވެތިވުމަށް އަންގަވާފައި ވެއެވެ. {{ فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ }} التغابن 16. މާނައަކީ: ” ތިޔަބައިމީހުނަށް ކުޅަދާނަ މިންވަރަކުން ﷲ އަށް ބިރުވެތި ވާށެވެ!” ވީމާ، ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅާއި އެއްގޮތަށް ހުރިހައި ކަމެއް ކުރެވޭތޯ ބެލުމަކީ ވާޖިބެކެވެ. މަޖުބޫރުވެ ގޮތް ހުސްވެއްޖެ ހާލަތެއްގައި ވެސް އެކަލާނގެ އަށް ބިރުވެތިވެ، ކުޅަދާނަވީ މިންވަރަކުން އަންގަވާފައިވާ ގޮތަށް ކުރެވޭތޯ ބަލަން ޖެހޭނެއެވެ. އަންހެނުން ގެއިން ބޭރަށް، ރަށުތެރަށް ނުވަތަ ޝަރްޢީގޮތުން ދަތުރަކަށް ނުވާ ހިސާބު ކައިރި ތަނަކަށް ދިޔުމުގައި މަހުރަމަކު ބޭނުމެއް ނުވެއެވެ. އެއީ ކުރަން ޖެހޭ ކަމެއް ކަމެއް އަންގަވާފައެއް ނުވެއެވެ. އަދިކިޔެއް، މަހުރަމަކު ބޭނުން ވާކަން އަންގަވާފައި ވަނީ ހަމައެކަނި ދަތުރުގައެވެ. ބޭނުންވަނީ އަމާންކަމާއި ރައްކާތެރިކަން އޮތުމެވެ. ވީމާ، ގެއިން ބޭރަށް ނުކުތުމުގައި ޝަރްޢީ ހިޖާބާއި ޢިތްފަތްތެރިކަމުގެ ތެރޭގައި ހުރުން ވާޖިބުވާނެވެ. އަދި ހިލޭ ފިރިހެނުންނާއި ގައިގޯޅިވެ މަސްހުނި ނުވުމާއި ނުވަތަ ހިލޭ ފިރިހެނަކާއި އެކަހިރު ނުވާ ގޮތަށެވެ. އެފަދަ ތަނެއްގައި ނަމަ މަޙުރަމަކު ހުރުމަކީ ވާޖިބެކެވެ. އިސްވެ ދިޔަ ހަދީޘްގައި އެކަން ސާފު ކޮށްދެއްވާފައި ވެއެވެ.ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ފިރި މީހާގެ ގާތުގައި އިޛްނައަށް އެދޭކަށް ނުވަތަ ބުނާކަށް ނުޖެހޭނެއެވެ. އެކަމަށް ޝަރްޢީ އަމުރެއް އައިސްފައި ނުވާތީއެވެ. ނަމަވެސް، ވަކި ސަބަބަކާ ހެދި، މިސާލަކަށް އަނބިމީހާއަށް އޮތް ނުރައްކަލަކަށްޓަކައި ފިރިމީހާގެ ހުއްދަ ނެތި ބޭރަށް ނުދިޔުމަށް އަނބި މީހާއަށް އަނގާފައި އޮވެއްޖެ ނަމަ ފިރިމީހާގެ އަމުރަށް ކިޔަމަން ގަތުމަކީ ވާޖިބެކެވެ.  والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު