ހަރާމް ދަރިންނަކީ ކޮބާތޯއެވެ؟ ކޮބާތޯ އެކުއްޖާގެ ކުށަކީ؟

25 އޮކްޓޯބަރ 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ދިވެހި ބަހުން ހަރާން ދަރިން ނުވަތަ ނަހަލާލު ކުދިން ނުވަތަ ބައްޕަނެތް ކުދިންނޭ ކިޔަނީ ޒިނޭގެ ސަބަބުން ލިބޭ ކުދިންނަށެވެ. އެއީ ޝަރްޢީ ކައިވެންޏަކާއި ނުލައި ހިންގޭ ގުޅުމުގެ ސަބަބުން ލިބޭ ދަރިންނެވެ.

އޭގެ މާނައަކީ އެކުއްޖާ އަކީ އޭނާގެ ޛާތުގައި ހަރާން ކުއްޖެއް ކަމުގައި ވުމެއް ނުވަތަ އެކުއްޖާގެ ޛާތުގައި ހަރާންކަމެއް އެކުލެވިގެން ވުމެއް ނޫނެވެ. އާންމުކޮށް ދިވެހިންނަށް ވިސްނިފައި ވާ ފަދައިން ނަހަލާލު ކުދިންނަކީ އެ ކުދިންގެ ޛާތުގައި ސުންޕައި ނުވަތަ ނުބައި ބައެއް ނޫނެވެ. އެއީ މާތް ވެގެން ވާ އިސްލާމް ދީނުގައި އެކަން އޮތް ގޮތެއް ނޫނެވެ.

ނަމަވެސް، ހަލާލު ކައިވެންޏަކާއި ނުލައި އުފަންވާ، ނަހަލާލު ދަރިންގެ ޝަރްޢީގޮތުން ނިސްބަތް ކުރެވޭ ބައްޕައެއް ނުހުންނާނެއެވެ. އެކުއްޖާގެ ނިސްބަތް ކުރެވޭނީ އެކުއްޖާ ވިހޭ މަންމައަށެވެ. ނަހަލާލަށް އުފަންވެފައިވާ ކުއްޖެއްގެ ޙަލާލު ބައްޕައެއް ނެތުމަކީ އެކުއްޖާ ކުރި ކުށެއް ނޫނެވެ. ވީމައި އެކުއްޖާއަކަށް އޭގެ ސަޒާއެއް ނުލިބޭނެއެވެ. އަދިކިޔެއް، އެއީ އެހެން ދެމީހެއްގެ ފާފައެކެވެ. އޭގެ ބަދަލު ލިބޭނީ އެދެމީހުނަށެވެ. އަދި އެއީ އެކުއްޖާ ކުރި ކުށެއް ނޫނެއްކަމަކު އެއީ އެކުއްޖާގެ ނަސަބުގައި ހުރި އައިބެކެވެ. ހަލާލު ކުއްޖެއްގެ ނަސަބާއި ނަހަލާލު ކުއްޖެއްގެ ނަސަބު އެއްގޮތެއް ނުވާނެއެވެ. ނަމަވެސް އެ އައިބު ނިސްބަތް ކުރެވޭނީ އެ ނުބައި ޢަމަލު ކުރި ދެމީހުނަށެވެ. މާތް ﷲ ގެ ބަސްފުޅުގައި ވެއެވެ. {{ وَلا تَزِرُ وَازِرَةٌ وِزْرَ أُخْرَى }} الأنعام 164 މާނައަކީ: ” އަދި އެއްވެސް މީހަކު އަނެކެއްގެ ފާފަ ބޮލުއަޅާކަށް ނުޖެހޭނެއެވެ.” ކޮންމެ މީހަކު ވެސް އުފުލަން ޖެހޭނީ އެމީހަކު ކުރި ނުބައި ކަމެއްގެ ބަދަލެވެ. އެކަން އެހެން މީހެއްގެ ބޮލުގައި ނޭޅޭނެއެވެ.

މާތް ﷲ ގެ ޙަޟުރަތުގައި އެއްވެސް މީހެއްގެ ހަސަބާއި ނަސަބުގެ ފައިދާއެއް ނުވެއެވެ. ފައިދާ ހުރީ އީމާންކަމާއި ޞާލިޙު ޢަމަލުންނެވެ. ރަނގަޅު މީހުންނަކީ އެއީ އެވެ. އަދި ނުބައި މީހުންނަކީ އިމާންވެ، ޞާލިޙު ޢަމަލު ނުކުރާ މީހުންނެވެ.

والله أعلم، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު