ދެމަފިރިން ކުރެ މީހަކު ޒިނޭ ކޮށްފި ނަމަ ކައިވެނި ރޫޅޭނެތޯއެވެ؟

25 އޮކްޓޯބަރ 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޒިނޭ ކުރުމަކީ އެއްމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް ޒިނޭ ކުރުމަކީ ކައިވެނި ރޫޅޭ ކަމެއް ނޫނެވެ. ވީމައި މީހަކު ކައިވެނި ކޮށްގެން ހުރެ ޒިނޭ ކުރުމަކުން ވަރިއެއް ނުވާނެއެވެ. ވަރިވާނީ ވަރި ކޮށްފި ނަމައެވެ. ނަމަވެސް، ޒިނޭކޮށްފި ނަމަ އެކަމުން ތައުބާވެ އިސްލާޙު ނުވެ އެ ނުބައި ޢަމަލުގެ މަތީގައި ދެމިހުރެއްޖެ މީހަކާއި އިނދެގެން އުޅުމަކީ ހުއްދަކަމެއް ނޫނެވެ. ވީމާ، އެފަދަ ޢަމަލެއް ކުރެވިއްޖެ މީހަކު ލަސްނުކޮށް އަވަހަށް ތައުބާވުމަކީ ވާޖިބެކެވެ. ތައުބާ ވުމުން އެމީހާގެ ފާފަ މާތް ﷲ ފުއްސަވާނެއެވެ. އޭނާގެ މައްޗަށް ލާޒިމުވެގެންވަނީ: ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. އެކަލާނގެ ބަސްފުޅުގައިވެއެވެ. {{ يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَى رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الأَنْهَارُ…}} التحريم 8 . “އޭ އީމާންވީ މީސްތަކުންނޭވެ! ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ﷲ ގެ ހަޟުރަތަށް ތައުބާވާށެވެ. ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުން ކައިރިއެވެ. އަދި އެތަނުގެ ދަށުން ކޯރުތައް ދެމިދެމި އޮންނަ ސުވަރުގެތަކަށް ވައްދަވާނެއެވެ.” {{وَمَنْ تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا }} الفرقان 71. މާނައަކީ “އަދި ތައުބާވެ، ޞާލިޙު ޢަމަލު ކޮށްފި މީހަކީ (ހައްޤު ގޮތުގައި) ﷲ ގެ ޙަޟުރަތަށް ރުޖޫޢަ ވެއްޖެ މީހެކެވެ. އެމީހާގެ ފާފަ އެކަލާނގެ ފުއްސަވާނެއެވެ.”

 والله أعلم، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު