އަނބިމީހާ ފިރިމީހާ ބުނާގޮތް ނުހަދާނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟

7 ނޮވެމްބަރު 2011 - ހޯމަ

الحمد لله، والصلاة والسلام على رسول اللهأما بعد:  އުފާވެރި، ރަނގަޅު ދިރި އުޅުމެއް އުޅުމަށްޓަކައި ކިޔަމަންތެރިކަމަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ކިޔަމަންތެރި ކަމަކީ ޚާއްޞަކޮށް އަނބި މީހާގެ ފަރާތުން ފިރިމީހާއަށް ޓަކައި ލިބެން ޖެހޭ ހައްގެކެވެ. ފިރި މީހާ އަކީ ދެމަފިރިން ކުރެ ޤައްވާމް، ޢާއިލާ ބެލެހެއްޓުމާއި އަނބި މީހާ ތަރުބިޔަތު ކުރުމުގައި މަސްއޫލުވެރި ފަރާތް ކަމާއި އަނބިން ނުކިޔަމަންތެރި ވާ ހާލަތްތަކުގައި އިސްލާހު ކުރާނެ ގޮތާއި އެކަނބަލުންނާއި މުޢާމަލާތް ކުރަންވީ ގޮތް އަންގަވައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. {{ الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ وَاللاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلا تَبْغُوا عَلَيْهِنَّ سَبِيلا إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا }} النساء 34. މާނައަކީ: “ފިރިންނަކީ އަނބިންގެ މައްޗަށް ބާރުވެރި، އިސް ފަރާތެވެ. އެއީ މާތް ﷲ އެ މީހުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އިތުރު ކުރައްވައި ޚާއްސަ ކުރައްވާފައި ވުމާއި ފިރިން އެމީހުންގެ މުދަލުން ޚަރަދު ކުރުމުގެ ސަބަބުންނެވެ. ފަހެ ޞާލިޙު އަނބިންނަކީ ކިޔަމަންތެރި، މާތް ﷲ ގެ ރައްކާތެރި ކަމާއި އެކުގައި އެކަނބަލުންނަށް އަމާނާތްތެރި ކުރުވިފައިވާ ކަންތައްތަކަށް (ޢިތްފަތްތެރި ކަމާއި މުދާލާއި ދަރިންނާއި ގެދޮރަށް) ރައްކާތެރިވާ އަނބީންނެވެ. އަދި އަނބިން ނުކިޔަމަންތެރި ވެދާނެ ކަމުގައި ބިރު ހީވެއްޖެ ނަމަ އެކަނބަލުންނަށް ނަޞޭޙަތްތެރި ވާށެވެ. (ބަސް ގަބޫލު ނުކޮށްފި ނަމަ) އެކަނބަލުންގެ ތަންމައްޗާއި ދުރުހެލިވާށެވެ. (އެވަރުން ވެސް ކިޔަމަން ނުވެއްޖެ ނަމަ، އަނިޔާ ނުލިބޭނެހެން) ޖަހާށެވެ. ފަހެ ކިޔަމަން ވެއްޖެ ނަމަ، އެކަނބަލުންނާއި އިދިކޮޅަށް (ދަތި ކުރުމާއި އަނިޔާ ކުރުމުގެ) މަގެއް ނުހޯދާށެވެ. ހަމަ ކަށަވަރުން މާތް ﷲ އީ މަތިވެރިވެ ވޮޑިގެންވާ ކިބްރިޔާވަންތަ ރަސްކަލާނގެއެވެ.” ވީމާ، ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރު ފުޅަކާއި ޚިލާފު ނުވާ ކަމެއްގައި ފިރި މީހާގެ އަމުރަށް ކިޔަމަން ނުވާ ނަމަ އެއީ ރަނގަޅު އަންބެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ފިރިމީހާ އާއި ޚިލާފު ވުމަކީ ހުރިހާ އަންހެނުންގެ ކިބައިން ވެސް ފެންނާނެ ކަމެކެވެ. ނަމަވެސް ބޮޑެތެ އަމުރު ތަކުގައި ނުވަތަ އެއްގޮތަކަށް ވެސް ފިރިމީހާއަށް ބޯ ނުލަނބާ ނަމަ، އިސްލާޙަށްޓަކައި ކުރަން ހުރި މަސައްކަތްތައް ކޮށްގެން ވެސް ރަނގަޅު ނުވެއްޖެ ނަމަ ދެން އޮތް ގޮތަކީ ދޫކޮށްލުމެވެ.     والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު