އަންހެނަކަށް ސިހުރުގެ ސަބަބުން ނުވަތަ ޖިންނި ސައިތާނުންގެ ސަބަބުން އުދަގުލެއްވާނަމަ އެކަން އެނގޭނެ ގޮތަކީ ކޮބާތޯ؟

4 ނޮވެމްބަރު 2011 - ހުކުރު

އަންހެނަކަށް ސިހުރުގެ ސަބަބުން ނުވަތަ ޖިންނި ސައިތާނުންގެ ސަބަބުން އުދަގުލެއްވާނަމަ އެކަން އެނގޭނެ ގޮތަކީ ކޮބާތޯ؟ އަދި އެކަމަށް ފަރުވާކުރުމަށް އޮތްއެންމެ ރަގަޅުގޮތަކީ ކޮބައިތޯ؟ އަދި ޕީރިއަޑް ޑިލޭވުމާއި ނިދީގައި ބިރުވެރި ހުވަފެން ފެނުމާއި ހުވަފެނުގައި ކުޑަކުއްޖަކު އާންމުކޮން ފެނުމާއި ބޮލުގައި ރިއްސުމާއި ބަނޑަށް އުދަގޫވުމާއި އާދަޔާހިލާފަށް ބަނޑު ފުފިފައި ހުރުން އެކަމާ އެއްވެސް ގުޅުމެއް ހުރިކަމެއްތޯ މިހެން މިދެންނެވީ ޕީރިއަޑް ޑިލޭވެގެން ދާ މުއްދަތަކީ ޖިންނީންގެ ދަރީންނަށް ބަލިވެއިންނަ ދުވަސްވަރު ކަމަށް ބުނާތީ އަޑުއިވެއެވެ!އަދި ޖިންނީގެ ދަރިން 3 މަސް ދުވަހުތެރޭވެސް އުފަންކުރުވާކަމަށް އަޑުއިވެއެވެ. އަދި އެފަދަ ގޮތަކަށް ކުއްޖަކުލިބިފައިވާނަމަ އެކަމުން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް އެބައޮތްތޯއެވެ. އަދި މިކަންތައްތަކަކީ ސާބިތުވާ ކަންތައްތަކެއްތޯ! އަދި މިކަމާގުޅޭގޮތުން ދީނީ ނަޒަރަކުން ދެކިލައްވަނީ ކިހިނެއްތޯ އެވެ؟

الحمد لله، والصلاة والسلام على رسول اللهأما بعد: 

 ޕީރިއަޑް އިރެގިއުލާ ވުމަކީ ބައެއްފަހަރު ސިޙުރެއްގެ ސަބަބުން ނުވަތަ ޖިންނީގެ ސަބަބުން ވެދާނެ ކަމެއް ކަމުގައި އެކަމާބެހޭ ގޮތުން ވާހަކަ ދައްކާ ބޭފުޅުން ލިޔުއްވާފައި ހުރެއެވެ. ނަމަވެސް، އަޅުގަނޑުމެނަށް ތަޖުރިބާއިން އިނގޭ ގޮތުގައި ޕީރިއަޑް ލަސްވެ ނުވަތަ މެދުކެނޑި ގިނަ ދުވަސް ވުމަކީ އާދަވެގެން ވަރަށް ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. އަދިކިޔެއް، އެއީ އެހާ ބޮޑު މައްސަލައެއް ނޫނެވެ. އެއީ ހަމަ ޠަބީޢީ ކަމެކެވެ. އަދި އެފަދަ ބައެއް ކޭސްތަކުގައި ބޭސް ފަރުވާއިން ރަނގަޅު ވެއެވެ. ސުވާލުގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އާދައާއި ޚިލާފަށް ހުވަފެން ފެނުމާއި ބޮލުގައި ރިއްސުމާއި ބަނޑަށް އުދަގޫވުމާއި އާދަޔާހިލާފަށް ބަނޑު ފުފިފައި ހުރުން ފަދަ ކަންކަމަކީވެސް ވަރަށް ގިނަ ފަހަރު ސިއްހީ މައްސަލަތަކެކެވެ. ބޭސްފަރުވާއިން ހައްލުވާ ކަންކަމެވެ. ނަމަވެސް، ބައެއްފަހަރު ސިހުރުގެ ސަބަބުން ވެސް އެފަދަ ކަންކަން ވާކަމުގައި ވެއެވެ. އެފަދަ ކަންކަން ސިހުރެއްކަމުގައި ބެލެވޭނީ ޑޮކްޓަރީ ތަހުލީލުތަކުން ނުފެނިއްޖެ ނަމައެވެ. އަދި ޑޮކްޓަރީ ޗެކްއަޕް އަކުން ނުފެނިއްޖެ ނަމަ ޝަރުޢީ ރުޤްޔާއިން ފަރުވާ ކުރައްވާށެވެ! ޑޮކްޓްރީ ފަރުވާ ކުރެވޭ ވަރުގެ ކަމެއްގައިވެސް ރުޤްޔާ ކުރެވޭނެއެވެ.ނަމަވެސް، ހައިޟްގެ މުއްދަތު ލަސްވުމާއި ބަނޑު ފުއްޕުމަކީ އެއްވެސް ހާލެއްގައި ޖިންނިއަށް ބަލިވެ އިނދެ، ކުއްޖަކު ލިބިދާނެ ކަމެއް ކަމުގައި ޝަރުޢީ އެއްވެސް ދަލީލަކުން ސާބިތުވާ ކަމެއް ނޫނެވެ. އަދިކިޔެއް، އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއީ ޚުރާފީ ވާހަކައެއް ކަމުގައެވެ. ވީމައި އެފަދަ ގަބޫލުކުރުންތަކާއި ވަސްވާސްތަކުން ދުރުވެ، ދީނީ ވާޖިބުތަކަށް ރައްކާތެރިވެ، މާތް އަށް ވަކީލުކޮށް، އެކަލާނގެއަށް ގިނަގިނައިން ދަންނަވައި ދުޢާކޮށް، ޝަރުޢީ ރުޤްޔާ ކުރައްވާށެވެ! އޭރުން މާތް ﷲ ގެ އިޛްނަފުޅުން ރަނގަޅުވާނެއެވެ. ތިރީގައި އެވަނީ ޝަރުޢީ ފަރުވާގެ ގޮތުގައި ޤުރްއާނާއި ސުންނަތުގައި މެތުރުމަށްޓަކައި ވާރިދުވެފައިވާ ބައެއް ދުޢާ އާއި ގޮތްތަކެވެ. -         ކީރިތި ޤުރްއާނަކީ މުއުމިނުންނަށްޓަކައި ޝިފާއެކެވެ. ޚާއްސަކޮށް ފާތިޙާ ސޫރަތުން މެތުރުމެވެ. ފާތިޙާ ސޫރަތަށް “الشفاء” އަދި “الرقية” ނަމުން ނަން ކިޔެއެވެ. ހަމައެފަދައިން “الإخلاص” ސޫރަތާއި “الفلق” ސޫރަތާއި “الناس” ސޫރަތަކީ ޝިފާއަށް އެދި މެތުރޭ ނުވަތަ ބަލިތަކާއި ތަދުތަކަށް ޝިފާއަކަށް އެދި ކިޔެވުމަށް ސާބިތުވާ ޚާއްސަ ސޫރަތްތަކެވެ. -         ” أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ” މިދުޢާއިން ރުޤްޔާ ކުރާނެ (މަތުރާނެ) ގޮތަކީ: ވޭން އަޅާ ތަނުގައި، މައިގްރޭން ކަމުގައި ވާނަމަ ބޮލުގައި، ތަދުވާ ހިސާބުގައި ކަނާއަތް ބާއްވައި، ތިން ފަހަރު بِسْمِ اللَّهِ ކިޔައި ހަތްފަހަރު މި ދުޢާ ކިޔާނީއެވެ.-         ” اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا ” ވޭން އަޅާ ހިސާބުގައި މިދުޢާ ކިޔައި ކަނާއަތުން ފިރުމާނީއެވެ.-         ” أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ شَرِّ مَا خَلَقَ” މިއީވެސް ޖާމިޢު ރުޤްޔާގެ ދުޢާއެކެވެ. އެއްފަހަރު ނުވަތަ ތިން ފަހަރު މިދުޢާއިންވެސް ޢާންމުކޮށް ކޮންމެ ބައްޔަކަށް މެތުރިދާނެއެވެ. މިއީ ޝަރުޢީ ފަރުވާގެ އެއް ބާވަތެވެ. އަދި ޝަރުޢީ ފަރުވާއޭ ބުނެވޭ އަނެއް ބާވަތަކީ އެތަކެތީގައި މާތް ﷲ ޝިފާ ލައްވާފައިވާ ކަމުގައި ޤުރްއާނާއި ސުންނަތުގައި ޚަބަރު ދެއްވާފައިވާ ޠަބީޢީ އެއްޗިހި ބޭނުން ކުރުމެވެ. އެގޮތުން ޝިފާއެއްކަމުގައި އަންގަވާފައިވާ ބައެއް އެއްޗިއްސަކީ:1-     މާމުއި : އެއާއި މެދުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {{ فِيهِ شِفَاءٌ لِلنَّاسِ إِنَّ فِي ذَلِكَ لآيَةً لِقَوْمٍ يَتَفَكَّرُونَ}} النحل 69.  މާނައަކީ: “މާމުއިގައި މީސްތަކުންނަށް (ބަލިތަކަށް) ޝިފާއެއް ވެއެވެ. ހަމަކަށަވަރުން އޭގައި ފިކުރުކޮށް ވިސްނާ ބަޔަކަށް (މާތް ﷲ ގެ އެއްކައުވަންތަކަމާއި ގަދަ ކީރިތިވަންތަކަމުގެ) ހެއްކެއްވެއެވެ.” އަދި ކީރިތި ރަސޫލާގެ ސުންނަތުގައިވެސް މާމުއި އަކީ ޝިފާއެއް ކަމުގައި ޚަބަރު ވާރިދުވެފައި ވެއެވެ.2-     ޒަމްޒަމް ފެން : ((إِنَّهَا مُبَارَكَةٌ وَهِيَ طَعَامُ طُعْمٍ وَشِفَاءُ سُقْمٍ )) މާނައީ: “ހަމަކަށަވަރުން ޒަމްޒަމް ފެނަކީ ހައިކަމަށް ހުރި ކޮށްތެކެވެ. އަދި ބަލިތަކަށް ހުރި ޝިފާއެކެވެ.” ޒަމްޒަމް ފެން ފަރުވާއެއްގެ ނިޔަތުގައި ބުއިމާއި ބުއިމަށްފަހުގައި ދުޢާ ކުރުމާއި އަދި ބަލި މީހުންގެ ގަޔަށް ނުވަތަ ވޭންއަޅާ ތަނަށް އެޅުމާއި އުނގުޅުންވެސް ސަލަފުންގެ އަރިހުން ސާބިތުވެއެވެ.3-     ކަޅުދިރި : ((إِنَّ فِي الْحَبَّةِ السَّوْدَاءِ شِفَاءً مِنْ كُلِّ دَاءٍ إِلَّا السَّامَ)) “ހަމަކަށަވަރުން ކަޅުދިރީގައި މަރު ފިޔަވައި ހުރިހައި ބައްޔަކަށް ޝިފާ ވެއެވެ.” ކަޅުދިރިއާއި ކަޅުދިރި ތެޔޮ ވެސް ޝިފާއަކަށް އެދި ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު