ސެކްޝަން | މަޝްވަރާ

އަޅުގަނޑު މަސައްކަތް ކުރާ ތަނުގައި ހުންނަ ކޮމްޕިއުޓަރ ތަކުގައި ފާޙިޝް އެއްޗިހި ހުންނަ ނަމަ އެކަން މަނާ ކުރުމަށް ހަދާނީ ކިހިނެތްތޯ؟

22 އޮކްޓޯބަރ 2011 - ހޮނިހިރު

އަޅުގަނޑު މަސައްކަތް ކުރާ ތަނުގަ ހުންނަ ކޮމްޕިއުޓަރ ތަކަކީ އެއްމެން ޝެއަރ ކުރަން ޖެހޭ އެއްޗިއްސެވެ. ކޮންމެ މީހަކަށް ވަކި ސިސްޓަމެއް ނުހުރެއެވެ. ހުރިހާ ކޮމްޕިއުޓަރެއްގައި ވެސް ހުންނަނީ ޕޯރން ވީޑިއޯ އަޅާފައެވެ. މިކަމާހެދު އަޅުގަނޑަށް ވަރަށް އުނދަގޫ ވެއެވެ. ބައެއް ފަހަރު އަޅުގަނޑު އެކަނިވެސް އޮފީހުގައި އުޅެން ޖެހެއެވެ. އަޅުގަނޑު ނޫނީ އެތަނުގައި ދިނީ ކަންކަމަށް ފަރުވާތެރިވާ މީހަކު ނޫޅެއެވެ. އަދި އެމީހުންނަކީ އަޅުގަނޑަށް ވުރެ ސީނިއަރ މީހުންނެވެ. އެހެންވެ އެތަކެތި ޑިލީޓް ކޮށްލާކަށް ނުކެރެއެވެ. މިކަމުގަ ހަދާނެ ރަނގަޅު ގޮތެއް ބުނެދެއްވުން އެދެމެވެ.

الحمد لله، والصلاة والسلام على رسول الله

أما بعد:

ފާޅުގައި ފާހިޝް އެއްޗިހި ބެލުމާއި ގެންގުޅުމާއި ހިސާބަށް މުސްލިމުން ހިނގައިދާނެ ކަމުގައި ހީވެސް ނުވެއެވެ. ނަމަވެސް މިއަދު މުސްލިމުން ކަމުގައި ދަޢުވާ ކުރާ ވަރަށް ގިނަ މީހުން އެ ދަރަޖައަށް ގޮސްފައި ވާ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ވާޖިބަކީ އެފަދަ ނުބައިތައް އިސްލާޙު ކުރުމަށް މަސައްކަތް ކުރުމެވެ.

ކޮންމެ އަކަސް ތިބާ އުޅޭ އޮފީހުގައި ވިޔަސް އަދި އެހެން ތަނެއްގައި ނަމަވެސް އެފަދަ މުންކަރާތެއް ފެނިއްޖެ ނަމަ އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާ ވާޖިބެކެވެ. އެމީހަކަށް ކުޅަދާނަ މިންވަރަކުން މުންކަރާތްތައް މަނާ ކުރުމަކީ ދީނީ ވާޖިބެކެވެ. އެފަދަ ކަންކަން މަނާ ނުކޮށް، އަޅައިނުލައި ހުރުމަކީ އީމާންކަމުގެ އެއްމެ ކުޑަ މިންވަރުން ވެސް މީހާ ބޭރު ވުމެވެ. މިކަން އަންގަވައި އިތުރުއެކަލޭގެފާނު ހަދީޘްކުރައްވާފައި ވެއެވެ. ((مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ)) مسلم “ތިޔަބައިމީހުންކުރެ މުންކަރާތެއް ފެނިއްޖެ މީހާ އޭނަގެ އަތުން އެކަން ބަދަލު ކުރާށެވެ! އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ އެމީހެއްގެ ދުލުން އެކަން މަނާކުރާށެވެ. އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ ހިތުން އެކަމާއި އިންކާރު ކުރާށެވެ. (އެކަމާއި ނަފުރަތުވެ، އެކަމާއި ދުރުހެލިވާށެވެ.) އެއީ އީމާންކަމުގެ އެއްމެ ޟަޢީފު މިންވަރެވެ.”

މި ހަދީޘްފުޅުގައި އެ ވާ މިންގަޑުގައި ތިބެވޭތޯ ބަލަން ޖެހޭނެއެވެ. ތިޔަ އަޚާ އަކީ ޔަގީނުންވެސް މި މިންގަނޑުގެ ތެރޭގައި ހުރި އަޚެކެވެ. މާތް ﷲ ތިޔަ އަޚާއަށް ސާބިތު ކަމާއި ތައުފީޤު ދެއްވާށި! އަދި ތިޔަ އަޚާއަށް އަދި ތިޔަ ފަދަ އެއްމެހާ އަޚުންނާއި އުޚްތުން ސަމާލުވާން ޖެހޭ ކަންތައްތަކެއް ވެއެވެ.

މުންކަރާތް މަނާ ކުރުމުގެ މާނައަކީ އަމިއްލަ އަތުން އެފަދަ އެއްޗެއް ހަލާކު ކޮށްލުން އެކަންޏެއް ނޫނެވެ. އަދިކިޔެއް، އެއަށް ވުރެ ރަނގަޅު ހާލަތަކަށް އެ މުންކަރާތުގައި ޖެހިފައިވާ މީހާ ގެންގޮސް ދިނުމެވެ. އޭނާ އެ ނުބައިކަމުން ސަލާމަތް ކުރެވޭތޯ ބެލުމެވެ. މި މަތިވެރި ނިޔަތުގައި އެގޮތަށް މަސައްކަތް ކުރުމެވެ. ދަޢުވަތަކީ އެއީ އެވެ. ދީނަކީ ނަޞޭޙަތެކެވެ. މާނައަކީ އަނެކާއަށް ހެޔޮ އެދިގެން އަނެކާ ބެދިފައިވާ ޝާއިޠާނާގެ މަޅިތަކުން ސަލާމަތް ކޮށްދިނުމުގައި ތިބާ އެހީތެރި ވުމެވެ. ދަޢުވަތުގައި ޙިކުމަތް ބޭނުން ކުރުމަކީ އެއީ އެވެ.

ވީމާ، ތިޔަ އަޚް އެ ނުބައި ކަމާއި ދުރުގައި ހުރުމަކީ ހިތުން އެކަމަށް އިންކާރު ކުރުމެވެ. އެއީ އީމާން ކަމުގެ މިންގަނޑުގެ ތެރެއިން ވާ ކަމެކެވެ. ނަމަވެސް، އީމާން ކަމުގެ މަތީ ހަރުފަތަކަށް އެރުމަށްޓަކައި އެ މުންކަރާތް ބަދަލު ކުރުމުގައި ތިބާއަށް ކުޅަދާނަ ކަން ލިބިގެން ވާ އެއްމެ މަތީ މިނެއްގައި މަސައްކަތް ކުރުން ވާޖިބު ވާނެއެވެ.

އެއްމެ ރަނގަޅު ގޮތަކީ އެ ނުބައި ތަކެތި ހަމަ އެކަނި ޑިލީޓް ކޮށްލުމެއް ނޫނެވެ. އެ ޑިލީޓް ކުރާ އިރަށް އެފަދަ އަނެކެއްޗެއް އިމީހުންނަށް ހޯދޭނެކަން ޔަގީނެވެ. ވީމާ، ފުރިހަމަ ގޮތަކީ އެމީހުންގެ އަތުން އެމީހުން ހޯދި ނުބައި ތަކެތި ހަލާކު ކުރުވުމެވެ. އެއީ އެމީހުނަށް ދަޢުވަތު ދީގެންނެވެ. ދަޢުވަތު ދިނުމަށްޓަކައި އެއްމެ ފުރަތަމަ ތިބާއަކީ އެމީހުނާ ގާތް، އެމީހުނަށް ހެޔޮ އެދޭ މީހެއްކަން އެމީހުނަށް ޔަގީން ކޮށްދޭން ޖެހެއެވެ. ތިބާގެ މުޢާމަލާތްތަކާއި އަޚްލާގުންނެވެ. އެއަށް ފަހު، އޭގެތެރެއިން އަޑު އަހާނެ މީހުންނާއި ރީތިކޮށް އެކަމާއި ވާހަކަ ދެއްކޭތޯ ބަލާށެވެ. ނުވަތަ އަމިއްލައަށް އެ ވާހަކަ ދެއްކުމުގެ ކުރިން ދީނަށް އަޅާލުމާއި ﷲ އަށް ބިރުވެތި ވުމާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ގަތުމާއި މަރާއި އާޚިރަތް ދުވަހާއި ސުވަރުގެއާއި ނަރަކަ އާއި މެދުގައި ހަނދާން ކޮށްދީފައިވާ ފަދަ ދަރުސް ތަކެއް ހޯދައި އެމީހުނަށް ދޭށެވެ. ނުވަތަ އޮފީހުގެ ކޮމްޕިއުޓަރ ތަކުގަ ފެންނާނެ ގޮތަކަށް ބެހެއްޓި ދާނެއެވެ. އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވެސް މިފަދަ މައުޟޫ ތައް ލިބޭނެއެވެ. މިގޮތަށް އެމީހުންގެ ވިސްނުމަށް އަސަރު ކުރާނޭ ކަމުގައި ބޮޑަށް ހީވާ ގޮތަކަށް، ސްޓެޕް ބައި ސްޓެޕް ކުރިއަށް ގެންދާށެވެ. އެއިން މީހަކު ހަރުކަށިވެ، ނުބައި ނުވާހައި ހިނދެއްގައި ހަރުކަށި ވެގެން ނުވާނެއެވެ. އަދިކިޔެއް، މަޑުމައިތިރި ކަމާއި ރިވެތި އަޚްލާގުގެ އަސަރު އަބަދުވެސް ބޮޑުވާނެއެވެ.

މި ގޮތުގައި މަސައްކަތް ކުރެވިއްޖެ ނަމަ އިންޝާ ﷲ ކާމިޔާބު ވާނެއެވެ. ތިބާގެ ސަބަބުން އެއްމެ މީހަކު ތެދުމަގަށް އައުމަކީވެސް ބޮޑު ކާމިޔާބެކެވެ. އަދި ކިޔެއް، ފަހަރެއްގައި މީހަކު ނަޞޭހަތް ގަބޫލު ނުކުރުމަކީ ވެސް ތިބާއަށް ލިބޭ ގެއްލުމެއް ނޫނެވެ. އަދިކިޔެއް، ތިބާގެ އަޖުރު މާތް ﷲ ގެ ޙަޟުރަތުގައި ވާނެއެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައި ވެއެވެ. ލުޤްމާން އަލް ޙަކީމް އެކަލޭގެފާނުންގެ ދަރިކަލުންނަށް ވަޞިއްޔަތް ކުރައްވައި ވިދާޅުވިއެވެ. {{ يَا بُنَيَّ أَقِمِ الصَّلاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنْكَرِ وَاصْبِرْ عَلَى مَا أَصَابَكَ إِنَّ ذَلِكَ مِنْ عَزْمِ الأُمُورِ }} لقمان 17. މާނައަކީ: ” އޭ ދަރިކަލުންނޭވެ! ނަމާދު ޤާއިމް ކުރާށެވެ! އަދި ހެޔޮ ކަންކަމަށް އަމުރު ކުރާށެވެ! އަދި މުންކަރާތް މަނާ ކުރާށެވެ! އަދި (އެކަމުގައި ދިމާވާ) ދަތި އުނދަގޫ ތަކަށް ކެތްތެރިވާށެވެ! ހަމަކަށަވަރުން އެއީ (މާތް ﷲ އަމުރު ކުރައްވާފައިވާ) ޢަމަލުކުމުގައި މަތިވެރި ކަމެކެވެ.” އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. {{ وَمَنْ أَحْسَنُ قَوْلا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ }} فصلت 33. ” އަދި ތިބާ އަކީ (ﷲ އަށް ބޯ ލަނބައި ކިޔަމަންވެގެން ހުރި) މުސްލިމެކޭ ބުނެ، ޞާލިޙު ޢަމަލު ކޮށް، ﷲ ގެ މަގަށް ގޮވައިފި މީހާ އަށް ވުރެ، ހެޔޮ ބަސް ބުނާ މީހަކީ ކާކު ހެއްޔެވެ؟!” ޝައްކެއްނެތް ގޮތުގައި އެއަށްވުރެ ހެޔޮ ބަސް ބުނާ މީހަކު ނުވެއެވެ. އެފަދަ މީހާއަށް ވުރެ މަތިވެރި ޢަމަލެއް ކުރާ މީހަކު ނުވެއެވެ.

މާތް ﷲ އަޅުގަނޑުމެން އެއްމެނަށް މި މަތިވެރި މަގު ހިނގުމުގެ ތައުފީޤު ދެއްވާށި! އާމީން!

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު