މުއުމިން ޖިންނީންގެ ފަރާތުން އެހީ ހޯދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

30 އޮކްޓޯބަރ 2011 - އާދިއްތަ

الحمد لله، والصلاة والسلام على رسول الله

أما بعد:

ޖިންނީންގެ ކިބައިން އެހީ ހޯދުމަކީ އެއްވެސް ގޮތަކަށް ހުއްދަކަމެއް ނޫނެވެ. އެއީ އަހަރުމެނަށް ޣައިބުގައި ވާ ބައެކެވެ. މާތް ﷲ ގެ ބަސްފުޅުގައި ވެއެވެ. { وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا } الجن 6. މާނައަކީ: “އަދި ހަމަކަށަވަރުން އިންސީންގެ ތެރެއިން ބަޔަކު މީހުން ޖިންނީންކުރެ ބައެއްގެ ކިބައިން ރައްކާތެރިކަމަށް (އެހީއަށް) އެދޭކަމުގައި ވިއެވެ. ފަހެ އެކަމުގެ ސަބަބުން ޖިންނީން އިންސީންގެ މައްޗަށް ގަދަވެ، އެމީހުނަށް ބިރުދައްކައި ހެދުމުގައި އިތުރުވިއެވެ.” މިއާޔަތުގައި އެވަނީ އާންމުކޮށް ޖިންނީންގެ ގާތުން އެހީތެރިކަމަށް އެދުން މަނާކުރައްވައި އިންކާރު ކުރައްވައިފައެވެ. އެއީ ބޮޑު ޝިރުކާއި ހަމައަށް ދިއުމުގެ މަގު ބަންކުރުމަށްޓަކައެވެ. فتاوى اللجنة الدائمة، (ج 1، ص 220)

އަދިވެސް އެކަލާނގެ ވަޙީބަސްފުޅުގައި ވެއެވެ. { وَقَالَ أَوْلِيَاؤُهُمْ مِنَ الْإِنْسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا ..} الأنعام الآية 128. މާނައަކީ: ” ކާފަރުންނާއި ޖިންނީންގެ ތެރެއިން އެމީހުންގެ ރަޙުމަތްތެރިން މަޙުޝަރު ކުރެވޭ ދުވަހުގައި އިންސީންކުރެ ޖިންނީންގެ ރަހުމަތްތެރިން ބުނާނެއެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންމެން (އިންސީންނާއި ޖިންނީން) އެއްބަޔަކު އަނެއްބައެއްގެ ކިބައިން ފައިދާ ލިބިގަތީމުއެވެ. (އެހާލުގައިވަނިކޮށް) އިބަރަސްކަލާނގެ އަޅަމެންނަށް ކަނޑައަޅުއްވާފައިވާ އަޖަލު އައިސް ޖެހުނީއެވެ. މާތް ﷲ ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުންގެ ތަނަކީ އަލިފާނެވެ. އެތަނުގައި އަބަދަށް ދެމި ތިބޭނެއެވެ.”

އިންސީންނާއި ޖިންނީން އެއްބަޔަކު އަނެއްބައެއްގެ ކިބައިން ފައިދާ ލިބިގަތުމުގެ މާނައަކީ: އިންސީން ޖިންނީންނަށް މާތްކޮށް ހިތައި، އެތަކެއްޗަށް ކިޔަމަންވެ، އެތަކެތީގެ ކިބައިން އެހީއަށް އެދުވުމެވެ. އަދި ޖިންނީން އިންސީން ބޭނުންވާ ކަންތައް ކޮށްދީ، އެމީހުން އެދުނު ކަންތައްތައް ފުއްދައިދިނީއެވެ. އެއީ އިންސާނުންނަށް ނޭންގޭ ފަދަ މީހުންގެ ބައްޔާއި އޭގެ ސަބަބު ބުނެދިނުން ފަދަ ކަންކަމެވެ.  فتاوى اللجنة الدائمة (ج 1، ص 92).

ވީމައި މި އާޔަތްތަކުގެ އަލީގައި އެއްވެސް ގޮތަކަށް ޖިންނީންގެ އެހީ ހޯދުމަކީ ޙަރާމްކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދިކިޔެއް، އިންސާނުންނަށް ހުއްދަ މިންގަނޑުގައި ޙަލާލު ފަރުވާ ހޯދުމަށް ދާންޖެހޭނީ އިންސާނުންގެ ގާތަށެވެ! ބަލި މީހަކަށް ޝިފާއަށް އެދި ޝިފާ ދެއްވާ ފަރާތަކީ ހަަމައެކަނި ﷲ ތަޢާލާކަމުގައި އީމާން ވުމާއި އެކުގައި، ބައްޔަށް ބޭސްކުރުމަށްޓަކައި ޑޮކްޓަރީ ފަރުވާ ހޯދުމަކީ މާތް ﷲ ހުއްދަ ކުރައްވާފައި ވާ ކަމެކެވެ. ހަމައެފަދައިން، ޖިންނީގެ ނުވަތަ ސިޙުރެއްގެ އުނދަގުލެއް ފޯރައިފައިވާ މީހެއް ނަމަ އެކަން ރަނގަޅުވުމަށް އެދިގެން ކީރިތި ޤުރްއާން ކިޔެވުމާއި ސުންނަތުގައި ވާރިދުވެފައިވާ ދުޢާ އާއި ވިރުދުތަކުން ފަރުވާ ކުރުން ވަނީ ކަނޑައަޅުއްވާފައެވެ. އަދިވެސް އެފަދަ ކޮންމެ ކަމެއް ކުރުމުގެ ޝަރުޢީ މަގުތަކެއް ﷲ އާއި އެކަލާނގެ ރަސޫލާ  ކަނޑައަޅުއްވާފައި ވެއެވެ. ވީމައި ޝަރުޢުވެގެންވާ މަގަކުން މެނުވީ އެފަދަ ކަމެއް ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދިކިޔެއް އެއީ މީހާ ޝިރުކުގެ ތެރެއަށް ގެންގޮސްދާނެ، ނުރައްކާތެރި ކަމެކެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު