ކުރިން ތުނބުޅި ބަހައްޓާފައި ފަހުން ކޮށާލައި ނުވަތަ ބާލައިފި ނަމަ އެއީ އެމީހާ ފުރޭތައަކާ ނުވަތަ ޖަނަވާރެއްގެ ދަރަޖައަށް ހިނގައިދާނެ ކަމެއްތޯއެވެ؟

27 އޮކްޓޯބަރ 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على رسول الله

أما بعد:

ޝައްކެއްނެތްގޮތުގައި ތުނބުޅި ބެހެއްޓުމަކީ ވާޖިބެކެވެ. އަދި ބޭލުމަކީ ޙަރާމް ކަމެކެވެ. ވީމައި މާތް ﷲގެ ތައުފީޤާއި އެކުގައި ތުނބުޅި ދިގުކޮށްފައިވާ މީހަކު އެ ވާޖިބު ދޫކޮށްލައި އަލުން އޭނާ ކުރީގައި ކުރި ތުނބުޅި ބޭލުމުގެ ނުބައި ޢަމަލަށް އަލުން ރުޖޫޢަވެގެން ނުވާނެއެވެ. އެއީ ނުބައި ކަމެކެވެ. މާޓް ﷲ އަޅަމެން އެކަލާނގެ ރުއްސަވާ މަގުގައި ސާބިތު ކުރައްވާށި!-

ތުނބުޅި އެކުގައި ބާލައި އޮމާން ކުރުމަކީ ފިރިހެނާއަށް މާތް ﷲ ދެއްވާފައިވާ ރިވެތި ސޫރަ ބަދަލު ކުރުން ކަމުގައި އަދި އެއީ ލަޢުނަތް ލެއްވިގެން ވާ ކަމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ވީމައި ފިރިހެނަކު ތުނބުޅި ބަހައްޓާފައި ތުނބުޅި ބާލައިފި ނަމަ ނުވަތަ ތުނިކޮށް ކޮށައިފި ނަމަ ޔަގީނުންވެސް އޭނާގެ ސޫރަ އޮޅޭ ވަރަށް ބަދަލުވާނެކަމީ އަޅުގަނޑުމެނަށް ތަޖުރިބާއިން ފެންނަ ހަގީގަތެކެވެ. އަދި އެއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދުމެކެވެ. އަދި އުރެދުމަކަށްވާ ކޮންމެ ކަމެއް ކުރުމަކުން އެމީހެއްގެ އިސްލާމްކަން ގެއްލިގެން ނުދާނެއެވެ. އަދި އެމީހަކު ފުރޭތައެއް އަދި ޖަނަވާރެއްގެ ދަރަޖައަކަށްވެސް ނުދާނެއެވެ. އެއީ ފަރުޟު ފަސް ނަމާދު ކުރާ، އަދި އާންމުކޮށް ދީނީ ޝިޢާރުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހެއްކަމުގައި ވާނަމަ އޭނާއަށް ފަހަރެއްގައި ކުރެވޭ ބައެއް އުރެދުމަކީ އެފަދަ މީހާ ޖަނަވާރެއްގެ ދަރަޖައަށް ދާނެކަމެއް ނޫނެވެ. ޖަނަވާރެއްގެ ދަރަޖައަށް މީހަކު ދާނީ މާތް ﷲ ބާވައިލެއްވި ތަކެތިން މޫނު އަނބުރާލައި ދީނަށް އެކުއެކުގައިެހން  ފުރަގަސް ޖެހުމުންނެވެ. ނުވަތަ ހަވާނަފްސާއި އެއްގޮތަށް ހުރިހައިކަމެއް ކުރާނަމައެވެ. އެފަދަ ދަރަޖައަކަށް މީހަކު ނުދަނީސް މުސްލިމަކާއި ދިމާއަށް އެފަދަ ބަހެއް ބުނުމަކީ ހުއްދަކަމެއް ނޫނެވެ. އީމާންކަމާއި އެކުގައި މުއުމިނަކު ހުރެއްޖެ ނަމަ އެމީހަކު އެފަދަ ހުތުރު ގޮތަކަށް ސިފަކުރެވިގެން ނުވާނެއެވެ.

ތުނބުޅި ބާލާ އެއްމެހައި ކަލުންނަށް އަޅުގަނޑުގެ ނަސޭހަތަކީ ކީރިތި މާތް ނަބިއްޔާ އާއި ތަޤުވާވެރި ޞާލިޙުންނާއި ވައްތަރު ކުރައްވާށެވެ. ތުނބުޅި ދިގުކޮށް، މަތިމަސް ކުރު ކުރައްވާށެވެ! އަދި މުސްލިމުންގެ ތެރޭގައި ތުނބުޅި ބޭލުމުގެ ޢަމަލު މިއަދު ވަރަށް ގިނައެވެ. އެފަދަ މީހުން އެކުރަނީ މުންކަރާތެއްކަމާއި އެއީ ނުބައި ކަމެއްކަން އަންގައިދީ މީހުންގެ އިސްލަހަށް މަސައްކަތް ކުރައްވާ އެއްމެހައި މުސްލިމު އަޚުންނަށް ގޮވާލަނީ ހަޑިހުތުރު އަދި ހަރުކަށި ބަސްތަށް މީހުންނާއި ދިމާއަށް ނުބުނުމަށެވެ. އެއީ ވެސް މާތް ނަބިއްޔާގެ ސުންނަތާއި ޚިލާފު ކަމެކެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު