ސެކްޝަން | ., ފަތުވާ

ފަރްޟް ނަމާދު ފަރްޟު ކުރައްވާފައި ވަނީ ޖަމާޢަތުގައި

19 އޮކްޓޯބަރ 2011 - ބުދަ

الحمد لله، والصلاة والسلام على رسول اللهأما بعد:

މާތް ﷲ ފަރުޟު ފަސް ނަމާދު ވާޖިބު ކުރައްވާފައިވަނީ މިސްކިތުގައި ޖަމާއަތުގައެވެ. ފަރުޟު ނަމާދު ޖަމާޢަތުގައި މިސްކިތުގައި ކުރުމަކީ ހެޔޮހާލުގައި ހުރި ކުޅަދާނަ ކޮންމެ ފިރިހެނެއްގެ މައްޗަށް ވާޖިބެކެވެ. ގަސްތުގައި ޖަމާއަތް ދޫކޮށްލާފައި ގޭގައި ނަމާދު ކުރުމަކީ ޖާއިޒް ކަމެއް ނޫނެވެ. ނަމާދު ޖަމާއަތުގައި މިސްކިތުގައި ކުރުމުގެ ދަލީލުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ދަލީލަކީ ހަނގުރާމައިގެ ބިރުވެރި ވަގުތުގައި ޚައުފުގެ ނަމާދު ކުރުމުގެ ލުއިފަސޭހަކަން ދެއްވި އިރުގައިވެސް ޖަމާއަތް ދޫކޮށްލުމުގެ ހުއްދައެއް މާތް ﷲ ނުދެއްވައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {{ و إذا كنت فيهم فأقمت لهم الصلاة فلتقم طائفة منهم معك و ليأخذوا أسلحتهم… }} النساء، 102. މާނައަކީ: “އަދި ކަލޭގެފާނު އެބައިމީހުންގެ ތެރޭގައި ދިރި ހުންނެވިހައި ހިނދަކު އެބައިމީހުނަށް (ޖަމާއަތުގައި) ނަމާދު ކޮށްދޭށެވެ! (ހަނގުރާމައިގައި ޚައުފުގެ ނަމާދުގައި މީސްތަކުންގެ ތެރެއިން އެއްބަޔަކު ނުރައްކަލާއި ކުރިމަތިލުމަށް ތައްޔާރަށް ތިބޭ ހިނދު) ފަހެ އެއް ބަޔަކު ކަލޭގެފާނާއި އެކުގައި ނަމާދުގައި ބައިވެރި ވާށެވެ! އަދި އެމީހުންގެ ހަތިޔާރު ހިފައިގެން ތިބޭށެވެ!” އިތުރު އެކަލޭގެފާނާއި އެކުގައި އެއްބަޔަކު ނަމާދު ކުރާ އިރުގައި ބައިވެރި ނުވެ ތިބި މީހުންވެސް ނަމާދު ކުރަން ޖެހެނީ ޖަމާއަތުގައެވެ. އެއީ އެއްމެންގެ މައްޗަށް ވާޖިބެއް ކަމުގައި ނުވާނަމަ އެއްބަޔަކު އިތުރު އެކަލޭގެފާނާއި އެކުގައި ނަމާދު ކުރުމުން އަނެއް ބަޔަކަށް ފުދުނީހެވެ. ނަމަވެސް ނަމާދުގައި ބައިވެރި ނުވެ ހަމަލާއަށް ތައްޔާރަށް ތިބި މީހުންވެސް ފުރަތަމަ ގްރޫޕު ނިމުމުން އިތުރު އެކަލޭގެފާނާއި އެކުގައި ޖަމާއަތުގައި އެމީހުންގެ ނަމާދު ކުރުމަށް އަމުރު ކުރައްވައި ވަހީކުރައްވާފައިވެއެވެ. {{ و لتأت طائفة أخرى لم يصلوا فليصلوا معك … }}  މާނައަކީ: “އަދި ނަމާދު ނުކޮށް ތިބި ގްރޫޕު މީހުން (ފުރަތަމަ ބައި މީހުން ނިމުނީމައި) އައިސް ކަލޭގެފާނާއި އެކުގައި ބައިވެރިވެ ނަމާދު ކުރާށެވެ!” ޖަމާއަތަށް މިސްކިތަށް ނުދިޔުމުގެ މައްޗަށް ހަރުކަށި ވަޢީދު އައިސްފައިވެއެވެ. البخاري އާއި مسلم ގައި أبو هريرة رضي الله عنه  ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. ވެއެވެ. ” އެކަލާނގެ އަތްޕުޅުގައި ތިމަން ކަލޭގެފާނުންގެ ނަފްސުވާ ކަލާނގެ ގަންދީ ބުނަމެވެ. ބަޔަކަށް އަމުރުކޮށް ލަކުޑިއާއި ދަރު އެއްކޮށް، ބަންގިގޮވައި ގަމަތްދީ މީހަކު ލައްވައި ނަމާދު ކުރަން ހަވާލުކޮށްފައި ޖަމާއަތަށް ނައިސް ގޭގައި ތިބޭ ފިރިހެނުންނާއި އެކުގައި އެމީހުންގެ ގެތަށް އަންދައިލުމަށް ތިމަން ކަލޭގެފާނުންގެ ހިތްޕުޅަށް އަރައިވަޑައިގަންނަވައެވެ.”ޖަމާޢާތަށް ނުދިޔުމަކީ މުނާފިގުންގެ ސިފައެކެވެ. ލޯފަން ސަހާބީއަކު މިސްކިތަށް ނުގޮސް ގޭގައި ނަމާދު ކުރުމަށް ހުއްދަ އެދުމުންވެސް އެބޭފުޅާއަށް ވެސް އެހުއްދައެއް ނުލިބެއެވެ. ވީމައި ގަދަވެ ސަލާމަތުން ތިބޭ މީހުނަށް އެހުއްދަ ލިބޭނީ ކިހިނަކުންތޯއެވެ.والله أعلم وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު