ވިހައި ޠާހިރުކޮށް ހުރުމަށްފަހު އަނެއްކާ ލޭ ފެނިއްޖެ ނަމަ ޢަމަލުކުރާނީ ކިހިނެތް؟

19 އޮކްޓޯބަރ 2011 - ބުދަ

އަންހެނަކު ވިހައި 57 ދުވަސް ވަންދެން ލޭފެނުމަށްފަހު 58 ވަނަދުވަހުން ފެށިގެން 5 ދުވަހު ޠާހިރުކޮށް ހުރުމަށްފަހު އަނެއްކާ ލޭ ފެނިއްޖެ ނަމަ ޢަމަލުކުރާނީ ކިހިނެތް؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ނިފާސްކަމުގެ ލޭގެ އެއްމެ ގިނަ މުއްދަތަކާއި ޖުމްހޫރު (ގިނަ) ޢިލްމުވެރިންގެ ގާތުގައި ސާޅީސް (40) ދުވަހެވެ. أم سلمة رضي الله عنها  ވިދާޅުވެފައި ވެއެވެ. (( كَانَتْ النُّفَسَاءُ تَجْلِسُ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرْبَعِينَ يَوْمًا )) أبو داود. الألباني މި ހަދީޘް ޞައްޙަކަމުގައި ވިދާޅުވެފައި ވެއެވެ. މާނައަކީ: ” رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި ނިފާސްވެރިން ނިފާސްކަމުގައި ތިބެނީ ސާޅީސް ދުވަސް ވަންދެނެވެ.” ނަމަވެސް 50 ދުވަހާއި 60 ދުވަހާއި ދެމެދުގެ މުއްދަތަކަށް ނިފާސްގެ ލޭ އަތުވަދާނެކަމުގައިވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.ރައްކާތެރި ގޮތަކީ ސާޅީސް ދުވަހަށްވުރެ އިތުރު މުއްދަތަކީ ނިފާސްކަމުގައި ނުބެލުމެވެ. އެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގައި ނަމާދާއި ރޯދަ ދޫ ނުކުރުމެވެ. އަދި ނަމާދާއި ރޯދަ ދޫކުރެވިފައި ވާނަމަ ޤަޟާ ކުރުމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.ވީމައި ސާޅީސް ދުވަހަށް ފަހު ލޭ ނުކެނޑި އަންނަ ނަމަ އެލެއަކީ އިސްތިޙާޟާގެ ލެއެވެ. އެހެން ވެއްޖެ ނަމަ އެއީ ނަމާދު ކުރުމާއި ރޯދަ ހިފުން މަނާވާ ކަމެއް ނޫނެވެ. ނުވަތަ ޙައިޟުގެ ލޭ އައުމަކީވެސް ވެދާނެކަމެކެވެ. ނަމާދާއި ރޯދަ ދޫކުރުން ހުއްދަވާނީ ޙައިޟުގެ ލޭކަމުގައި ވާނަމައެވެ. އެކަން ވަގުތާއި ޢަލާމާތްތަކުން ދެނެގަނެވޭތޯ ބަލައި ބޮޑަށް ލަފާކުރެވޭ ގޮތަކަށް ކަންތައް ކުރާނީއެވެ. 57 ދުވަހު ނިފާސްކަމުގެ ލޭ ނުކެނޑި އައިސްފައިވާނަމަ ޖުމްހޫރު ޢިލްމުވެރިންގެ ރައްޔުގައި ވާ ގޮތުން ނިފާސްކަމުގެ ލޭކަމުގައި ބެލެވޭނީ 40 ދުވަހެވެ. އެއަށްވުރެ އިތުރުވެފައިވާ މުއްދަތު ކަމުގައިވާ 17 ދަވަސް ބެލެވޭނީ އެއީ އިސްތިޙާޞާ ނުވަތަ ޙައިޟުގެ ލެއެވެ. އަދި ލޭ ކެނޑުނުތާ 5 ދުވަސް ފަހުން ފެނުނު ލެއަކީ ޙައިޟުގެ ލެއެވެ. ނުވަތަ ނިފާސް އާއި އެކުގައި ވާ 17 އަކީ ޙައިޟުކަމުގައި ވެއްޖެ ނަމަ ޠާހިރުވުމުގެ 5 ދުވަސް ފަހުން އައި ލެއަކީ އިސްތިޙާޞާގެ ލޭ ކަމުގައި ވެދާނެއެވެ. އެ އަންހެން މީހާގެ ޙައިޟުގެ މުއްދަތާއި ނުވަތަ އެ ލޭގެ ސިފައާއި ބާވަތުގެ މައްޗަށް ބިނާކޮށް ބޮޑަށް ޔަގީންވާ ގޮތެއް ހައްދަވާށެވެ.

والله أعلم، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު