ނަމާދު ވަގުތުގެ ވުމުން ނަމާދު ނުކޮށްހުއްޓައި ޙައިޟުވެއްޖެ ނަމަ ހަދާނީ ކިހިނެތްތޯއެވެ؟

17 އޮކްޓޯބަރ 2011 - ހޯމަ

ނަމާދު ވަގުތު ވީ އިރު އަޅުގަނޑު އިނީ އޮފީހުގައެވެ. ނޫނީ އެހެންވެސް ކަމެއްގައެވެ. ނަމާދު ކުރަން ފާހަނާ އަށް ގޮސް ބެލި އިރު ހުރީ ހައިޟްވެފައެވެ. އެދުވަހަކީ އަޅުގަނޑު ހައިޟްވާނެ ކަމަށް ވިސްނާގެން ހުރި ދުވަހެއް ނޫނެވެ. އަޅުގަނޑަކީ ބަރާބަރަށް ހައިޟްވާމީހަކަށް ވީމައެވެ. ސުވާލަކީ އެ ނަމާދު އަލުން ކުރަން ޖެހޭނެ ތޯއެވެ؟ އެއީ ވަގުތު ވީ ތާ އެތަށް އިރެއް ފަހުން ނަމާދު ކުރަން ނޫޅެ، ނަމާދު ކުރަން ގޮސް އުޅުނު އިރު ހައިޟް ވެފައި ހުރީމައެވެ. މިކަމުގައި އަޅުގަނޑު ޢަމަލު ކުރަންވީ ގޮތެއް ތަފްޞީލް ކޮށް ފިޤުޙީ މިންގަނޑަކުން އަންގަވާލަ ދެއްވުން އެދެމެވެ.

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: އެނަމާދު ކުރާކަށް ނުޖެހޭނެއެވެ. އަދި އެމީހާ ފާފަވެރިއެއްވެސް ނުވާނެއެވެ. ސަބަބަކީ ނަމާދު ވަގުތަކީ ތަނަވަސްކޮށް ދެމިގެންވާ ވަގުތަކަށް ވެފައި، ނަމާދު ކުރުމަށްޓަކައި އޭނާގެ ނިޔަތް އޮތުމާއި އެކު އޭނާ ނަމާދު ކުރަން ޖެހެނީ ވަގުތު ފާއިތުވުމުގެ ކުރިންކަމުގައި ވެފައި ނަމާދު ކުރުން މަނާވެދާނެ ސަބަބެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެސް ނެތުމުންނެވެ. އަދި ނަމާދަށް ތައްޔާރުވުމަށްޓަކައި ތެދުވި އިރު ޕީރިއަޑުވެފައި ވުމަކީ ނަމާދު ނުކުރެވޭނެ ޝަރުޢީ ސަބަބެކެވެ. ވީމައި އެއީ މައްސަލައެއް ނޫނެވެ. އެކަމު ޙައިޟު ވެދާނެ ކަމުގެ ބިރު އޮތް ނަމަ ގަސްތުގައި ލަސްކުރުމަކީ ޖާއިޒްކަމެއް ނޫނެވެ. އެހެން ނޫންނަމަ ނަމާދުގެ ފުރަތަމަ ވަގުތަށްވުރެ ލަސްކުރުމަކީ ޖާއިޒްކަމެކެވެ.والله أعلم ، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު