ޙައިޟުވެރިޔާ ޤުރްއާން ކިޔެވުމަށްޓަކައި ވުޟޫ ކުރަން ޖެހޭނެތޯއެވެ؟

16 އޮކްޓޯބަރ 2011 - އާދިއްތަ

ޙައިޟުވެރިޔާ ޤުރްއާން ކިޔެވުމަށްޓަކައި ވުޟޫ ކުރަން ޖެހޭނެތޯއެވެ؟ އަދި ދުޢާ ކުރުމަށްޓަކައި ސުޖޫދު ކުރެވޭނެތޯއެވެ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޝައްކެއްނެތްގޮތުގައި ހައިޟުގެ ވަގުތުގައި ނަހީކުރެއްވިފައިވާ ކަމަކީ: ނަމާދު ކުރުމާއި ޠަވާފު ކުރުމާއި ރޯދަ ހިފުމެވެ. އަދި ޖުމްހޫރު، ގިނަ އިލްމުވެރިންގެ ގާތުގައި ހަތިމުގައި އަތްލުމަކީވެސް ހުއްދަ ކަމެއް ނޫނެވެ. އެހެން ހުރިހައި ކަމެއް އާދައިގެ ދުވަސްވަރެކޭ އެއްފަދައިން ކުރަން ޖެހޭނެއެވެ. އެގޮތުން ދުޢާކުރުމާއި ޛިކުރު އަޛްކާރު ކުރަން ވާނެއެވެ. އަދި ޤުރްއާން ކިޔެވުމާއި، ހަތިމުގައި އަތް ނުލައި ހިތުން ކިޔެވުމަކީވެސް ހުއްދަކަމެކެވެ. އަދި އެއަށްވުރެ ފަސޭހަ ގޮތަކީ: ޑިޖިޓަލް ޤުރްއާނަކުން ނުވަތަ ލެޕްޓޮޕް ނުވަތަ ފޯނަށް ޤުރްއާން މުޞްޙަފު އަޅައިގެން ކިޔެވުމެވެ. އެއީ ހުއްދަ ކަމެކެވެ. ވޫޟޫ ކުރުމަކީ ޙައިޟުވެރިއާ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ވުޟޫއަކީ އާންމު ހާލަތުގައި ވެސް ކުރުން ރަނގަޅު ކަމެކެވެ. އެއީ ބޭރުފުށުގެ ޠާހިރު ކަމެކެވެ. ވީމައި ޙައިޟުވެރިއާވެސް ޤުރްއާންކިޔަވައި ދުޢާކޮށް ހެދުމަށް ޚާއްޞަވެގެން އިށީންނަ ނަަމަ ވުޟޫކޮށްލައިގެން އިނުމަކީ ރަނގަޅުކަމެއް ކަމުގައި ދެކެމެވެ. އެކަމާއި މެދުގައި ވަކި ޚަބަރެއް ވާރިދުވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.ޙައިޟުވެރިއާއަށް ސުޖޫދުވެސް ކުރުމަކީ މަނާކަމެއް ނޫނެވެ. އަދިކިޔެއް، ޝުކުރުގެ ސަޖިދައާއި ތިލާވަތުގެ ސަޖިދަ ފަދަ ސަޖިދަ ކުރެވިދާނެއެވެ. ނަމަވެސް، ދުޢާ ކުރުމަށްޓަކައި ނަމާދާއި ނުލައި ވަކިން ސަޖިދަ ކުރުމަކީ އިތުރުއެކަލޭގެފާނާއި މާތް ސަލަފުންގެ އަރިހުން ސާބިތުވާ ކަމެއް ނޫނެވެ. ސަޖިދައިގައި ދުޢާ ކުރުމަށް އަންގަވާފައިވަނީ ނަމާދުގައެވެ. ނަމާދުން ބޭރުގައި ނަމަ ހަމަ ޤިބުލަޔަށް ކުރިމަތިލައިގެން އިނދެ، ދެއަތް އުފުލައިގެން ދުޢާ ކުރާނީއެވެ. ބޮޑަށް ރަނގަޅު ގޮތަކީ މިއީއެވެ.

والله أعلم، وصلى الله على نبينا محمد وعلى آله وصحبه وسلم

ސުވާލާއި ޖަވާބު