ވުޟޫ ކުރުމަށް ސުންނަތުން ސާބިތުވާ ގޮތް ވިދާޅުވެ ދީފާންނަށް ތޯ؟

15 އޮކްޓޯބަރ 2011 - ހޮނިހިރު

އަޅުގަނޑުމެންނަށް ދަސްވެފައި މިއޮންނަނީ ވުލޫ ކުރާއިރު ބޮލުގައި 3 ފަހަރު ފެންލުން އަދި ކަންފަތުގައި ވެސް 3 ފަހަރު ފެންލުމެވެ. ނަމަވެސް އަޅުގަނޑުމެންނަށް ފެނޭ ބައެއް މީހުން ބޮލުގަ އާއި ކަންފަތުގައި 1 ފަހަރު ފެންލާތަން.. ވީމާ، ވުލޫކުރުމަށް ސުންނަތުން ސާބިތުވާ ގޮތް ވިދާޅުވެ ދީފާންނަށް ތޯ؟

ވުޟޫ ކުރާ ގޮތް الحمد لله، والصلاة والسلام على رسول الله، أما بعد :

1-      ނިޔަތް : އެއީ ހިތުގެ ގަސްތެވެ. ދުލުން ކިޔުމެއް ނޫނެވެ.

2-      بسم الله ކިޔުން : ހަނދާންނެތި ނުކިއުނަސް ވުޟޫ ސައްހައެވެ.

3-      ދެއަތްތިލަ ދޮވުން..

4-      ކޯދޮވުމާއި އެކުގައި ނޭފަތަށް ފެންލުން.. -          އަނގަޔާއި ނޭފަތަށް ފެންލާނީ ކަނާއަތުންނެވެ. އަތްގޮށީގެ އެއްބައި އަނގަޔަށް ލައި އަނެއްބައި ލާނީ ނޭފަށެވެ. އެއަށްފަހު ކޯދޮވެ، ވާއަތުން ނޭފަތް ފޮޅާނީއެވެ. ރޯދައިގެ ހާލަތުގައި މެނުވީ ނޭފަތަށް ފެންލާއިރު ވީހައި ބޮޑަށް ފެން އަރުވަން ވާނެއެވެ.

5-      މޫނު ދޮވުން.. -          އެއީ ނިތްކުރިން، ބޮލުގެ އިސްތަށި ފަޅާ ހިސާބުން ފެށިގެން ދަތްދޮޅީގެ ދަށާއި ހަމައަށެވެ. އަދި ހުރަހަށް އެއް ކަންފަތުން އަނެއް ކަންފަތާއި ހަމައަށެވެ. މޫނާއި އެކުގައި ބޮޑުކޮށް ނުވަތަ ބޯކޮށް ތުނބުޅި ހުރި މީހެއްނަމަ ތުނބުޅި ދޮންނާކަށް ނުޖެހޭނެއެވެ. އެފަދަ މީހާ ޖެހޭނީ ތަޚުލީލު ކުރަންވާނެއެވެ. އެއީ އަތްގޮށްޓެއްގެ ފެނާއިއެކު ތުނބުޅީގެ ތެރެއަށް އަތުގެ އިނގިލިތައް ވައްދައި މަތިން ތިރިއަށް ނުވަތަ އެއްފަރާތުން އަނެއް ފަރާތަށް އަތް ހިންގައިލުމެވެ. ތުނބުޅި ނުބަހައްޓާ މީހެއް ނަމަ ނުވަތަ ކުޑަކޮށް ފަޅާފައިވާ މީހެއްނަމަ އިސްވެ ދިޔަ މޫނުގެ ހުރިހައި ހިސާބެއް ދޮންނަން ވާނެއެވެ

.6-      ދެއަތް އުޅަނބޮށްޓާއި އެކުގައި ދޮވުން..

 7-      މުޅި ބޮލުގައި ފެންފުހުން.. -          ފެންފުހޭނީ ދެއަތްތިލައިން، ނިތްކުރިން ފަށައިގެން ފަހަތަށް ކަނދުރާއާއި ހަމައަށް ގެންގޮސް، އެހިސާބުން އަނބުރައި ނިތްކުރިއާއި ހަމައަށް އަތް ގެންނާނީއެވެ. ދެން ދެއަތުގެ ޝަހާދަތް އިނގިލިން ކަންފަތުގެ އެތެރެފުށުގައި، އަދި ބޮޑުވައި އިނގިލިން ކަތްފަތުގެ ބޭރުފުށުގައި ފޮހެލާނީއެވެ. ކަންފަތަކީ ބޮލުގެ ބައެކެވެ. ކަންފަތުގައި ފެން ފުހޭނީ ބޮލުގައި ފުހުނު ފެނުންނެވެ. ކަންފަތުގައި ވަކިން އާފެން ލުމެއް ނުވެއެވެ. -          ނިތްކުރީގެ އިސްތަށިކޮޅުގައި އެކަނި ފެންލުމަކީ ސުންނަތާއި ޚިލާފު ކަމެކެވެ. ހަމައެފަދައިން ބޮލާއި ކަންފަތާއި ވަކިން ފެންލުމަކީވެސް ސާބިތުވާ ގޮތެއް ނޫނެވެ.

8-     ދެފައިތިލަ ތަނބިކަށްޓާއި އެކު ދޮވުން.. -         ފައިތިލަ ދޮންނައިރު އަތުގެ ކުޑަވައިއިނގިލިން ފައިގެ އިނގިލިތަކުގެ ދޭތެރެތައް ތަޚުލީލު ކޮށް އުނގުޅަން ވާނެއެވެ. -         ފައި ދޮންނައިރު ތަނބިކަށްޓާއި އެކުގައި ރަނގަޅަށް ދޮންނަން ވާނެއެވެ. ތަނބިކަށީގައި ރަނގަޅަށް ފެން ނުޖެހުމަކީ ނަރަކައިގެ ވަޢީދު ހުރި ކަމެކެވެ.އިސްޓާކީނުގައި ޚުއްފުގައި ހުރި ނަމަ ވުޟޫކުރުމަށްޓަކައި އިސްޓާކީނު ބާލައި، ފައި ދޮންނާކަށް ނުޖެހޭނެއެވެ. އަދިކިޔެއް އިސްޓާކީނުގައި ފެން ފުހެލުމުން ފުދެއެވެ. ދެއަތުގެ އިނގިލިތަކުން ދެފައިތިލައިގެ މަތިފުށުގައި ކާއްތައިލާނީއެވެ. ޝަރުޠަކީ އިސްޓާކީނަށް އަރާއިރު ވުޟޫ މަތީގައި ހުރުމެވެ. އެއަށްފަހު ވުޟޫ ގެއްލިއްޖެ ނަމަ ރަށްވެއްސަކަށް އެއްރޭ އެއްދުއާ ވަންދެން (ފަސް ނަމާދު) އިސްޓާކީނުގައި ފެން ފުހެގެން ކުރެވޭނެއެވެ. އެއަށްފަހު އިސްޓާކީނު ބާލައި ވުޟޫގައި ފައި ދޮންނަން ވާނެއެވެ. އަދި ދަތުރު ވެރިއެއްނަމަ ތިންރޭ ތިން ދުވާލެވެ.-          ވުޟޫ ފުރިހަމަ ކޮށް އަވަދިވެގެން ((أَشْهَدُ أَنْ لاَ إِلَهَ إِلاَّ الله وَحْدَهُ لاَ شَرِيْكَ لَهُ وَأشهد أَنَّ مُحَمَّدًا عَبْدُهُ وَرَسَولُه، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِيْنَ وَاجْعَلْنِي مِنَ الْمُتَطَهِّرِيْنَ)) ކިޔައިފި މީހަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. ނުވަތަ ((سُبْحَانَكَ اللهم وَبِحَمْدِكَ أشهد أن لا إله إلا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ)) މިފަދައިން ކިޔުން ސުންނަތްވެގެން ވެއެވެ. -          ވުޟޫގެ ގުނަވަންތަކުގެތެރެއިން ދޮންނަ ކޮންމެ ގުނަވަނެއް އެއް ފަހަރު ނުވަތަ ދެފަހަރު ނުވަތަ ތިން ފަހަރު ދޮވުން ސާބިތެވެ. މަދުނުވާވަރަށް ފެން ހުރި ނަމަ މޮޅުއިތުރު ގޮތަކީ ތިންފަހަރު ދޮވުމެވެ. އެއަށްވުރެ އިތުރު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. -          ފެން ފޮހޭ ގުނަވަންތަކާއި ދޮވެވޭ ގުނަވަންތަކުގައި ފެން ފޮހެވޭ ހާލަތްތަކުގައި ފޮހޭނީ އެއްފަހަރުއެވެ. އެގޮތުން ބޮލާއި ކަންފަތަކީ ދޮންނަ ގުނަވަނެއް ނޫނެވެ. ފެން ފުހޭ ގުނަވަނެކެވެ. ބޮލާއި ކަންފަތުގައި ފެންފުހުމުގައި އިތުރު އެކަލޭގެފާނުންގެ އަރިހުން ސާބިތުވާ ގޮތަކީ އާންމުކޮށް އެއްމެ ފަހަކު ފެން ފުހުމެވެ. ބޮލާއި ކަންފަތުގައި އާދަވެގެން ތިން ފަހަރު އަދި އާދަވެގެން ބޮލާއި ކަންފަތް ވަކިފެނަކުން ފެން ފުހުމަކީ رسول الله صلى الله عليه وسلم ގެ އަރިހުން ސާބިތުވާ ކަމެއް ނޫނެވެ.-          ޠަހާރަތާއި ޒީނަތްތެރިކަމާއި ރިވެތި ކޮންމެ ކަމެއް ކުރުމުގައި އިސްކުރާނީ ކަނާއަތެވެ.-          ވުޟޫގައި ގުނަވަންތައް ތަރުތީބުން ކުރުމާއި މުވާލާތުކޮށް (ވިދިވިދިގެން) ކުރަން ވާނެއެވެ. މުވާލާތު ކުރުމަކީ: ކުރީ ދޮވުނު ގުނަވަން ނުހިކެނީސް ޖެހިގެން އިން ގުނަވަން ދޮވުމެވެ.މިއީ رسول الله صلى الله عليه وسلم ވުޟޫ ކުރެއްވެވި ގޮތްކަމުގައި މާތް މަތިވެރި އަޞްޙާބުންގެ އަރިހުން ސާބިތުވާ ގޮތް، ރިވާޔަތްތަކުގައި ވާގޮތަށް، އަދި ޢިލްމުވެރިންގެ ތަޙުޤީޤުތަކުގެ އަލީގައި ތިރީގައި އެވަނީއެވެ. އާންމުންގެ ތެރޭގައި އާދަވެފައިވާ ވަރަށްގިނަ ކަންތައްތަކާއި ގޮތްތަކަކީ ދީނުގައި އޮންނަ ގޮތެއް ނޫނެވެ. ދީނުގައި އޮތްގޮތް އުނގެނި ބަލައި އޮޅުންފިލުވުން ކުޅަދާނަވީ މިންވަރަކަށް ވޭތޯ ބަލަން ވާނެއެވެ. އެއީ އެންމެންގެ މައްޗަށް ވާ ދީނީ ވާޖިބެކެވެ. މިސުވާލު ކުރެއްވި ފަރާތަށާއި އެއްމެހައި މުސްލިމުންނަށް، މާތް ﷲ ގެ ދީން އުނގެނި، ދަސްކުރުމުގެ ހެޔޮތައުފީޤު އެކަލާނގެ ދެއްވާށި! އާމީން!

والله أعلم وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު