ކައިވެނީގެ ކުރިން ކިސްކުރުމާއި ހަގްކުރުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟

20 ސެޕްޓެމްބަރު 2011 - އަންގާރަ

އައްސަލާމް ޢަލައިކުމް، ޝައިޚް.. އަޅުގަނޑަކީ 25 އަހަރުގެ އަންހެނަކީމެވެ. އަޅުގަނޑު މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނު ދެމީހުންވެސް އަޅުގަނޑާ ވަކިވީ ގައިގޯޅިވުމުގެ ފުރުސަތު ނުދޭތީއެވެ. މިހާރު ގުޅިގެން މިއުޅޭމީހާ އަޅުގަނޑާ ވަރަށް އަވަހަށް ކައިވެނިކުރާނެކަމަށް ބުނެއެވެ. ނަމަވެސް ކައިވެނީގެ ކުރިން ކިސްކޮށް، ހަގްކޮށް އުޅެން އޭނާ ބޭނުންވެއެވެ. އަޅުގަނޑު ކައިވެނި ކުރަން އިންތިހާއަށް ބޭނުމެވެ. ނަމަވެސް ﷲ ނަހީކުރެއްވި ކަންތައް ކުރަން ބިރުގަނެއެވެ. ކައިވެނި ކުރަންބޭނުން ވާލެއް ބޮޑުކަމުން އޭނަޔާ ވަކިވާކަށް ބޭނުމެއް ނުވެއެވެ. އަޅުގަނޑު ކަންތައްކުރުން އެންމެ ރަނގަޅުގޮތެއް ބުނެދެއްވުން އެދެމެވެ.

الحمد لله، والصلاة والسلام على رسول الله

أما بعد:

ކައިވެނީގެ ކުރިން މީހަކާއި ގައިގޯޅިވެ، އެކަކު އަނެކަކު ގައިގައި ބީހުމަކީ ބޮޑު ޒިނޭއަށް މަގުދަށްކާ ކަންކަމެވެ. ޒިނޭގެ ނުބައިކަމާއި އެފާފައިގެ ބޮޑުކަމުން ޒިނޭއަށް މަގުފަހިވާ ކަންތައްތައް މާތް ﷲ ވަނީ ނަހީކުރައްވައި ހަރާމް ކުރައްވާފައެވެ. މިސާލަކަށް ޝަހުވަތުގެ ނަޡަރަކުން ބެލުމާއި އެފަދަ ވާހަކަ ދެއްކުމަކީވެސް ހަރާމް ކަމެކެވެ. ވީމައި ގައިގޯޅިވެ، އެކަކު އަނެކަކުގެ ގައިގައި ބީހުމަކީ މާ ނުބައި ކަމެކެވެ. ވީމައި އެއީ ހައްތާވެސް ޒިނޭގެ ބާވަތް ތަކެވެ. ނުވަތަ ކުދި ޒިނޭއެވެ. އެފަދަ ކަންކަމަކީ އާދަމުގެ ދަރިއާއަށް ކުރެވޭ ޒިނޭގެ ހިއްސާއެއް ކަމުގައި މާތް ﷲ ލިޔުއްވާފައިވާ ކަންކަމެވެ. ވީމައި ކައިވެނީގެ ކުރިން އެފަދަ އެއްމެހައި ކަންކަމުން ދުރުހެލިވެ ރައްކާތެރިވުމަކީ މުއްމިނު އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ލާޒިމު ކަމެކެވެ. أَبُو هُرَيْرَةَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَހަދީޘްކުރައްވާފައި ވެއެވެ.

((فَزِنَا الْعَيْنَيْنِ النَّظَرُ وَزِنَا اللِّسَانِ النُّطْقُ وَالنَّفْسُ تَمَنَّى وَتَشْتَهِي وَالْفَرْجُ يُصَدِّقُ ذَلِكَ أَوْ يُكَذِّبُهُ))  (البخاري 5774، ومسلم 4801). “ލޮލުގެ ޒިނޭއަކީ ބެލުމެވެ. އަދި ދުލުގެ ޒިނޭއަކީ ވާހަކަ ދެއްކުމެވެ. އަދި ނަފްސު (ހިތް އެފަދަ ކަންކަމަށް) ބޭނުންވެ، އެދެއެވެ. އެކަން ތެދުކުރާނީ ނުވަތަ ދޮގުކުރާނީ ފަރުޖެވެ.” އެބަހީ: ޒިނޭގެ ފެށުމަކީ އެހެން ގުނަވަންތަކެވެ. އަދި سنن أبى داود (1840) ގައި ވެއެވެ. ((وَالْيَدَانِ تَزْنِيَانِ فَزِنَاهُمَا الْبَطْشُ وَالرِّجْلَانِ تَزْنِيَانِ فَزِنَاهُمَا الْمَشْيُ وَالْفَمُ يَزْنِي فَزِنَاهُ الْقُبَلُ)) މާނައަކީ: “ދެއަތް ޒިނޭ ކުރެއެވެ. އެއީ ބީހުމެވެ. އަދި ދެފައި ޒިނޭކުރެއެވެ. އެއީ (އެކަމަށްޓަކައި) ހިނގުމެވެ. އަދި އަނގަ ޒިނޭ ކުރެއެވެ. އެއީ ދޮންދިނުމާއި ކިސްކުރުމެވެ.”

ކައިވެނި ކުރުމަށް މީހަކު އެއްބަސް ވުމަކުން ނުވަތަ ކައިވެނި ކުރާނެކަމުގެ ޔަގީންކަން ދިނުމަކީ އެއްވެސް ކަމެއް ޙަލާލުވާ ކަމެއް ނޫނެވެ. ހަގްކުރުމާއި ކިސްކުރުން ޙަލާލުވާނީ ކައިވެންޏަށް ފަހުގައެވެ. ވީމައި ކައިވެނި ކުރަން ބޭނުންވާ މީހާ ގާތުގައި އެގޮތަށް ބުނާށެވެ. މުސްލިމެއް ކަމުގައި ވާނަމަ ﷲ އާއި ރަސޫލާ ނަހީ ކުރެއްވި ކަމެއް ކޮށްގެން ނުވާނެ ކަމުގައި ގަބޫލު ކުރާނެއެވެ. އަދި ރަނގަޅު މުސްލިމެއް ކަމުގައި ވާނަމަ ގޯސް ކަމެއް ކުރުމަށް އިންކާރު ކުރުމުގެ މައްޗަށް ރުޅިއައިސް، ވަކި ވުމުގެ ބަދަލުގައި އިޙްތިރާމާއި އެކުގައި އެކަން ބަލައިގަނެ، ކައިވެންޏަށް އަވަސްވެ ގަތީހެވެ. އެފަދަ ކަންކަމުގެ ފުރުސަތެއް ނުލިބުމުގެ ސަބަބުން ކައިވެނި ނުކޮށް ދުރުވާނެ މީހުނަކީ އެއްވެސް ހާލެއްގައި ރަނގަޅު މީހުނެއް ނޫނެވެ. އެފަދަ ގިނަ މީހުންނަކީ ކައިވެނި ކުރުމުގެ ނަމުގައި އަންހެނުންގެ ޢިތްފަތް ފޭރޭ ބައެކެވެ.

ވީމައި އަޅުގަނޑުގެ ނަޞޭޙަތަކީ ކައިވެނި ކުރުމަށްޓަކައި ފުރަތަމައިންވެސް ރަނގަޅު، ޞާލިޙު މީހަކު އިޚްތިޔާރު ކުރާށެވެ. މިހާރު ކައިވެނި ކުރުމަށް ކަމުގައި ތިޔަ ބުނާ މީހާއަށް މިކަން އަންގާށެވެ. އަދި ގަބޫލު ނުކޮށްފި ނަމަ މާތް ﷲ އަށްޓަކައި އެކަލާނގެ ޙަރާމް ކުރެއްވި ކަމެއް ދޫކުރުމަށް އެއްބަސް ނުވާ މީހަކައި ދުރުހެލިވާށެވެ. އެއީ ރަނގަޅު މީހެއް ނޫނެވެ. ރަނގަޅު ގޮތުގައި ރަނގަޅު މީހަކު ލިބުން އެދި ދުޢާކޮށް، މަސައްކަތް ކުރުމުން މާތް ﷲ ރަނގަޅު މީހަކު ދެއްވާނެއެވެ. ﷲ ގެ ފަޟްލުވަންތަވެރިކަމުން ތިބާއަކީ އެފަދަ ކަންކަމުން ސަލާމަތްވެފައި ވާ މީހެކެވެ. ވީމައި އެފަދަ ކަމެއްގައި ނުޖެހި ސަލާމަތުން ހުރެ، ރަނގަޅު ރަނގަޅު ގޮތުގައި ކައިވެނި ކުރެވޭތޯ ބަލާށެވެ! އެކަލާނގެ ބަރަކާތް ލައްވާނެއެވެ.

މާތް ﷲ ތިބާއަށް ޢިތްފަތެރިކަން ދެއްވައި، އެފަދަ ރަނގަޅު ބައިވެރިއަކު ނަޞީބު ކުރައްވާށި! އާމީން!

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު