މޫދުގައި އުޅޭ ތަކެތީގެ ތެރެއިން ހަލާލު ތަކެއްޗަކީ ކޮބައި ތޯއެވެ؟

4 އޮކްޓޯބަރ 2010 - ހޯމަ

މޫދުގައި އުޅޭ ތަކެތީގެ ތެރެއިން ހަލާލު ތަކެއްޗަކީ ކޮބައި ތޯއެވެ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މޫދުގައި ދިރިއުޅޭ މަސްމަހާމެއްސަކީ ނުވަތަ ހުރިހައި އެއްޗިއްސަކީ ހަލާލު އެއްޗިއްސެވެ. އެތަކެތި ކެއުމަކީ ހުއްދަ ކަމެކެވެ. އަދި މޫދުގެ ލޮނަކީވެސް ޠާހިރު އެއްޗެކެވެ. އެއިން ހިނައި ފެންވަރައި ވުޟޫކޮށް ހެދުމަކީ ހުއްދަ ކަމެކެވެ. أَبو هُرَيْرَةَ t ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު އިތުރު އެކަލޭގެފާނުންގެ އަރިހަށް އައިސް ދެންނެވިއެވެ. يَا رَسُولَ اللَّهِ ތިމަންމެން ކަނޑުމަށްޗަށް ނުކުންނަ އިރުގައި ތިމަންމެންނާއި އެކުގައި ގެންދެވެނީ މަދު ފެންފޮދެކެވެ. އެއިން ވުޟޫކޮށްފިނަމަ ބުއިމަށްޓަކައި ފެނެއް ނުހުރެއެވެ. ތިމަންމެން ކަނޑުގެ ފެނުން ވުޟޫ ކުރިއަސް އެއްމެ ރަނގަޅުތޯއެވެ؟ އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ. ((هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ)) صحيح أبي داود (1/ 144) “ކަނޑުގެ ފެނަކީ (ލޮނަކީ:) ޠާހިރު އަދި ޠާހިރުވުމަށް ބޭނުން ކުރެވޭ ފަދަ އެއްޗެކެވެ. އަދި އެތަނުގައި ދިރިއުޅޭތަކެތީގެ ތެރެއިން މަރުވެފައިވާ (މުޅަ) ތަކެތިވެސް ހަލާލު ވެގެން ވެއެވެ.” ކަނޑުގައި އުޅޭ ތަކެތި ހަލާލު ކަމާއި އަދި އެތަކެތި ކެއުމަށްޓަކައި ކަތިލަން ނުޖެހޭކަން މިހަދީޘުން ސާފުކޮށް އެނގެއެވެ. ކަނޑުގައި ދިރިއުޅޭ އެއްޗެއް މަރުވެގެން ފެންމައްޗަށް އަރާފައި ނުވަތަ ގޮނޑުދޮށަށް ލައްގާފައި އޮތްނަމަވެސް އެ ކެއުމަކީ ހަލާލު ކަމެކެވެ.

والله أعلم وبالله التوفيق

ސުވާލާއި ޖަވާބު