ސެކްޝަން | ., މަޒުމޫނު

عيد ގެ ޒީނަތް

18 އޮގަސްޓް 2012 - ހޮނިހިރު

بسم الله الرحمن الرحيم تَقَبَّلَ اللهُ مِنَّا ومِنْكُمْ

ބަރަކާތްތެރި ޢީދު ދުވަހަކީ ބޮޑުވެގެންވާ އަޅުކަމަކަށް ފަހުގައި މާތް ﷲ މުސްލިމުންނަށްޓަކައި ލައްވާފައިވާ އުފާވެރި ދުވަހެކެވެ. މުސްލިމުންގެ އުފަލަކީވެސް ﷲ އާ އެކަލާނގެ ރަސޫލާގެ ކިޔަމަންތެރިކަމުގައި ޝުކުރު ކުރުމުގައި ހޭދަކުރެވޭ ވަގުތެކެވެ. ވީމައި ޢީދު ދުވަހުގައި رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުންގެ މާތް މިތުރުން ކަންތައް ކުރައްވާފައިވާ ގޮތް ދަނެ ދަސްކުރުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މާތް ﷲ ރުއްސަވާފަދަ ޢީދެއްކަމުގައި އަޅުގަނޑުމެންގެ ޢީދު ވުމަށްޓަކައެވެ. ތިރީގައި އެވަނީ އިތުރުއެކަލޭގެފާނާއި އެކަލޭގެފާނުންގެ މާތް ޞަހާބީންގެ އަރިހުން ވާރިދުވެފައިވާ ޢީދުގެ ސުންނަތްތަކާއި އަދަބުތަކުގެ ތެރެއިން ވާ މުހިންމު ކަންކަމެވެ. 1- ތަހުނިޔާ އާއި މުބާރަކް ބާދު ކިޔުން: ޢީދުގެ ތަހުނިޔާ ކިޔުމަކީ އެދެވިގެންވާ ރަނގަޅު ކަމެކެވެ. އުފާވެރި ޚަބަރުތަކާއި އުފާވެރި މުނާސަބާތު ތަކުގައި މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ހެޔޮ ދުޢާ ކުރުމަކީ ޞަހާބީންނާއި ސަލަފުއްޞާލިހުންނާއި އޭގެ ފަހުގެ އިލްމުވެރިންގެ ތެރޭގައި މަޝްހޫރު ކަމެކެވެ. އިޖުތިމާޢީ އުފާތަކާއި ފަރުދީ އުފާތަކުގައި ތަހުނިޔާ ކިޔައި ހެޔޮދުޢާ ކުރުމަކީ ހަޤީޤީ މާނައިގައި އެކަންކަމުގައި ބައިވެރިވުމެވެ. ޝައްކެއްނެތް ގޮތުގައި އެއީ މިދީނުގެ މަކާރިމުލް އަޚުލާގެ ތެރެއިންވާ ކަމެކެވެ. އެގޮތުން عيد مبارَك، عِيْدٌ سَعِيْدٌ ނުވަތަ تَقَبَّلَ اللهُ مِنَّا وَمِنْكَمْ ފަދަ ބަރަކާތާއި ހެޔޮ ދުޢާ އެކުލެވިގެންވާ ކޮންމެ އިބާރާތަކުން ތަހުނިޔާ ކީ ނަމަވެސް އެއްމެ ރަނގަޅު ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެބައެއްގެ އަމިއްލަ ބަހުން ނަމަވެސް އެއްމެ ރަނގަޅެވެ. الحافظ ابن حجر، فتح الباري ގައި جبير بن نفير ގެ އަރިހުން ރަނގަޅު ސަނަދަކުން ރިވާކުރައްވާފައި ވެއެވެ. ((كان أصحاب رسول الله صلى الله عليه و سلم إذا التقوا يوم العيد يقول بعضهم لبعض تقبل الله منا ومنك)) މާނައަކީ: ” رسول الله صلى الله عليه وسلمގެ އަސްހާބުން ޢީދު ދުވަހުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ބައްދަލު ވާ ހިނދު “تَقَبَّلَ اللهُ مِنَّا وَمِنْكَ” (އަހަރުމެންނާއި ތިބާގެ ކިބައިން މާތް ﷲ ގަބޫލު ކުރައްވާށިއެވެ!) މިފަދައިން ވިދާޅުވާ ކަމުގައި ވެއެވެ. 2- ޢީދު ނަމާދަށް ދިއުމުގެ ކުރިން ފެންވަރައި ޒީނަތްތެރިވުން: ޢާންމު އިޖްތިމާތަކަށް ފެންވެރުމަކީ އިތުރުއެކަލޭގެފާނުން ސުންނަތް ކޮށްދެއްވާފައިވާ ކަމެކެވެ. އެގޮތުން ހުކުރު ނަމާދަށް ފެންވެރުން ކަނޑައެޅިފައިވާ ފަދައިން ދެޢީދު ދެނަމާދަށްވެސް ފެންވެރުމަކީ މުސްތަޙައްބު ކަމެއް ކަމުގައި ޢިލްމުވެރިން ދެބަސްވެވަޑައިގަންނަވާފައެއް ނުވެއެވެ. ޢީދު ދުވަހުގައި އިތުރު އެކަލޭގެފާނުން ނާނާފުޅު ފިއްލެވި ކަމުގައި ވާރިދުވެފައިވާ ރިވާޔަތްތައް ބަލިކަށިކަމުގައި ވީ ނަމަވެސް އެކަލޭގެފާނުންގެ މަޝްހޫރު ޞަހާބީ عبد اللهِ بْن عمر رضي الله عنه ފިޠުރު ޢީދު ދުވަހުގައި ޢީދު ކުރާ ތަނަށް ނުކުމެ ވަޑައިގަތުމުގެ ކުރިން ނާނާފުޅު ފިއްލަވާކަމުގައި مالك ގެ موطأ ގައި ޞައްހަވެގެން ވެއެވެ. ހަމައެފަދައިން ޢީދު ދުވަހުގައި އައު ހެދުމެއް ނުވަތަ ތިބާގެ އަތުގައި އޮތް އެއްމެ ރީތި ލިބާސް ލުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ ތިމާގެ މުސްލިމު އަޚުންނާޢި އެކުގައި ޢީދުގެ އުފަލުގައި ފުރިހަމަ ގޮތުގައި ބައިވެރިވާ ކަމުގެ ހެއްކެކެވެ. އިތުރު އެކަލޭގެފާނުންނާއި އެކަލޭގެފާނުންގެ އަޞްޙާބުން ޢީދު ދުވަހުގައި ރީތި ލިބާސް ތުރުކުރައްވައި ޒީނަތްތެރިވެ ވަޑައިގަންނަވައެވެ. البيهقي ސައްހަ ސަނަދުން ރިވާކުރައްވާފައި ވެއެވެ. عبد اللهِ بْن عمر رضي الله عنه ޢީދުގައި އެކަލޭގެފާނުންގެ އަތްޕުޅުގައި އޮންނަ އެއްމެ ރީތި ލިބާސް ތުރުކުރައްވާކަމުގައި ވެއެވެ.” ނަމަވެސް އަންހެނުން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅު ކުރުން ހުއްދައީ އާއިލާގެ މީހުންގެ ކުރިމަތީގައި އެކަންޏެވެ. އަންހެނުން ޢީދު ނަމާދަށް ދިޔުމުގައްޔާއި ޢީދު ދުވަހުގައި ބޭރަށް ނުކުންނަ ނަމަ ފިތުނަތަކުން ދުރުހެލިވުން ލާޒިމުވެގެން ވެއެވެ. 3- ފިޠުރު ޢީދު ދުވަހުގައި ޢީދު ނަމާދަށް ނުކުތުމުގެ ކުރިން އޮނަހިރި ޢަދަދަކަށް ކަދުރު ކެއުމަކީ ސުންނަތެކެވެ. އިތުރު އެކަލޭގެފާނުން ކަދުރު ފަރިއްނުކުޅުވައި ޢީދު ނަމާދަށް ނުކުމެވަޑައެއް ނުގަންނަވައެވެ. މިފަދައިން صحيح البخاري ގައި أنس بْن مالك رضي الله عنه ގެ އަރިހުން ވެއެވެ. ((كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ، وَيَأْكُلُهُنَّ وِتْرًا)). ކަދުރު ނުލިބިއްޖެ ނަމަ އެހެން ކާއެއްޗެއް ކެއުން އެދެވިގެން ވާކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެކަމުގެ ޙީކުމަތަކީ ރަމްޟާންމަހުގެ ރޯދައަށްފަހުގައި ޢީދު ދުވަހުގައި ރޯދަ ހިފުން މަނާކުރެއްވިފައި ވާކަމަށްޓަކައި އެކަން ސާބިތު ކުރުމުގެ ގޮތުން ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. 4- ތަކުބީރު ކިޔުން: ޢީދު ދުވަހުގައި ތަކުބީރު ކިޔުމަކީ ޢީދުގެ އެއްމެ މަތިވެރި ޝިޢާރެވެ. މާތް ﷲ ގެ ބަސްފުޅުގައި ވެއެވެ. ﮋ ﯡ ﯢ ﯣ ﯤ ﯥ ﯦ ﯧ ﯨ ﮊ البقرة ١٨٥ މާނައަކީ: “(އެކަލާނގެ ބޭނުންވެ ވޮޑިގަންނަވަނީ ރޯދަ ނިންމައި ޢީދުގައި) ތިޔަބައިމީހުން އެކަލާނގެއަށް ތަކުބީރު ކިޔައި އެކަލާނގެ މަތިވެރިކަން ބަޔާންކުރާށެވެ. އެއީ އެކަލާނގެ ދެއްކެވި ހިދާޔަތުގެ ނިޢުމަތުގެ މައްޗަށް ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ.” ތަކުބީރުގެ ވަގުތަކީ ޢީދު ވިލޭރެއިން ފެށިގެން ޢީދު ނަމާދަށް އިމާމާ އަތުވެއްޖައުމަށް ދާންދެނެވެ. ޢީދު ދުވަހުގެ ހެނދުނު ގެއިން ނުކުތީއްސުރެ ނަމާދުކުރާ ތަނަށް ދެވެންދެން، އަދި ނަމާދު ކުރާ ތަނުގައި އިމާމު މީހާ އަތުވެއްޖައުމަށް ދާންދެން އަޑު ހަރުކޮށް ތަކުބީރު ކިޔަން ވާނެއެވެ. عبد اللهِ بْن عمر رضي الله عنه އަޑު ހަރުކޮށް ތަކުބީރު ވިދާޅުވާކަމުގައި الدارقطني ސައްހަމަގުން ރިވާކުރައްވާފައި ވެއެވެ. (( أن ابن عمر كان إذا غدا يوم الفطر ويوم الأضحى يجهر بالتكبير حتى يأتي المصلى ثم يكبر حتى يأتي الإمام )). އިތުރު އެކަލޭގެފާނުންގެ ޒަމާނުއްސުރެ އަދި ސަލަފުއްޞާލިޙުންގެ ޒަމާނުއްސުރެ ތަކުބީރު ކިޔުން އައިސްފައިވާ ގޮތަކީ މިއެވެ. ابن أبي شيبة ޞައްހަ ސަނަދުން ރިވާކުރައްވާފައި ވެއެވެ. “ޢީދު ދުވަހުގައި މީސްތަކުން ގެއިން ނުކުތީއްސުރެ މުޞައްލާ (ނަމާދު ކުރާތަނަށް) އާދެވިއްޖައުމަށް ދާންދެން އަދި އިމާމު އަތުވައްޖައުމަށް ދާންދެން ތަކުބީރު ކިޔައެވެ. އަދި އިމާމާ އައުމުން ތަކުބީރު ހުއްޓާލައި ހަނު ތިބެއެވެ.” ތަކުބީރު ކިޔާނެ ގޮތް: ތަކުބީރު ކިޔުމުގެ މާނައަކީ الله أكبر ކިޔުމެވެ. ޢީދު ދުވަހުގައި ތަކުބީރު ކިޔަން ޖެހޭ އިތުރު ގޮތެއް رسول الله صلى الله عليه وسلم ގެ އަރިހުން އައިސްފައެއް ނުވެއެވެ. ނަމަވެސް ޢީދުގައި ކިޔާނެ ގޮތާއި މެދުގައި ބައެއް ޢިބާރާތް ސަލަފުންގެ އަރިހުން އައިސްފައި ވެއެވެ. އޭގެތެރޭގައި: “الله أكبر، الله أكبر، لا إله إلا الله، والله أكبر، الله اكبر، ولله الحمد”. މިފަދައިން ابن مسعود رضي الله عنه ތަކުބީރު ވިދާޅުވާކަމުގައި مصنف ابن أبي شيبة ގައި ޞައްހަ ސަނަދުން އައިސްފައި ވެއެވެ. އަދި الله أكبر، الله أكبر، الله أكبر ތިންފަހަރު ވިދާޅުވި ކަމުގައި ވެސް ރިވާވެގެން ވެއެވެ. އަދި ހަމަ އެފަދައިން ابن عباس رضي الله عنه ގެ އަރިހުން ސައްހަ ސަނަދުން ރިވާވެފައި ވެއެވެ. “الله أكبر كبيرا، الله أكبر كبيرا، الله أكبر وأجل، الله أكبر ولله الحمد” މިފަދައިން ابن عباس رضي الله عنه ވިދާޅުވާ ކަމުގައި ابن أبي شيبة ރިވާކުރައްވާފައި ވެއެވެ. ކޮންމެ ކަމެއްގައިވެސް ސަލަފުންގެ އަރިހުން ސާބިތު މިންވަރުން ފުއްދައިލުމަކީ އެއްމެ ހެޔޮކަންބޮޑު ގޮތެވެ. އިސްލާމުންގެ ތެރޭގައި މިއަދު ޢީދުގެ ތަކުބީރުގައި އިސްވެ ދިޔަ މިޢިބާރާތްތަކުގެ އިތުރުން “لَا إِلَهَ إِلَّا اللَّهُ وَحْدَهُ صَدَقَ وَعْدَهُ وَنَصَرَ عَبْدَهُ وأعز جنده وَهَزَمَ الْأَحْزَابَ وَحْدَهُ” ފަދަ ޢިބާރާތް އިތުރުކުރެވިފައި ވެއެވެ. މި ޢިބާރާތަކީ އިތުރު އެކަލޭގެފާނުން ޙައްޖާއި ޢުމްރާ އަދި ޖިހާދުގެ ދަތުރުތައް ނިންމަވައި މަދީނާއަށް ރުޖޫޢަވެ ވަޑައިގަންނަވާ އިރުގައި އުސްގަނޑަކަށް އަރައިވަޑައިގަންނަވާ ހިނދުގައި ﷲ ގެ ޛިކުރު ކުރައްވައި ތަކުބީރު ވިދާޅުވުމުގައި ވިދާޅުވި ބަސްފުޅުތަކުގައި އެކުލެވޭ ބަސްފުޅެކެވެ. މާތް ﷲ އަށް ޝުކުރު ދެންނެވުމުގައި ކިޔުމަށް އެކަށީގެންވާ ހައްގު ބަސްފުޅެކެވެ. ޢީދުގެ ތަކުބީރުގައި އެކަލޭގެފާނުން ވަކި ޢިބާރާތެއް ދަސްކޮށްދެއްވާފައި ނުވުމާއި އެކު އަދި ސަލަފުންގެ އެކިބޭފުޅުން އެކި އިބާރާތުން ތަކުބީރު ވިދާޅުވެފައިވާ އިރު މިބަސްކޮޅު އިތުރު ކުރުމަކީ މައްސަލައެއް ކަމުގައި ނުދެކެވެއެވެ. 5- ޢީދުނަމާދަށް ދާ މަގު ފިޔަވައި އެހެން މަގަކުން އެނބުރި ގެއަށް ދިޔުން އެއީ ސުންނަތެކެވެ. جابر بن عبد الله رضي الله عنهما ގެ އަރިހުން البخاري އެބޭފުޅާގެ ޞަޙީޙްގައި ރިވާކުރައްވާފައި ވެއެވެ. ((كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ)) “ޢީދު ދުވަހުގައި النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (ޢީދުނަމާދަށް ވަޑައިގަންނަވާ މަގާއި އެނބުރި ވަޑައިގަންނަވާ) މަގު ތަފާތު ކުރައްވައެވެ.” ވީހައި ގިނަ މުސްލިމުންނާއި ބައްދަލު ކުރައްވައި އެމީހުންގެ ހާލު ބައްލަވައި ޢީދު ދުވަހުގެ އުފަލުގައި ބައިވެރިވެ ވަޑައިގެންނެވުމާއި ޢީދުގެ މަތިވެރި ޝިޢާރު ފާޅު ކުރެއްވުމަށް ޓަކައެވެ. މާތް ﷲ ހުރިހައި މުސްލިމުންގެ ކިބައިން ގަބޫލު ކުރައްވާށި! އާމީން!

تَقَبَّلَ اللهُ مِنَّا ومِنْكُمْ

آدم شميم بن إبراهيم

29 އޮގަސްޓް 2011 – ހޯމަ

ސުވާލާއި ޖަވާބު