ފޮޓޯ ނެގުމުގެ ހުކުމަކީ ކޮބައިތޯއެވެ؟

19 އޮގަސްޓް 2011 - ހުކުރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ދިރޭ ތަކެތީގެ ޞޫރަ ކުރެހުމުގެ މައްޗަށް ވޭންދެނިވި އަޛާބުގެ ވަޢީދު ހުރިކަމުގައި އިތުރުއެކަލޭގެފާނުންގެ އަރިހުން ސައްހަވެގެން ވާތީ، އެކަމުގެ މައްޗަށް ބިނާކޮށް ވަރަށް ގިނަ ޢިލްމުވެރިން ކެމެރާއިން ނަގާ ފޮޓޯއާއި އަތުން ކުރަހާ ކުރެހަމާއި ދެއެއްޗަކީ ވެސް ތަސްވީރުކަމުގައި ވާތީ އެދެކަންތައްވެސް މަނާކުރައްވައެވެ. ނަމަވެސް އަތު ކުރެހުމާއި ކެމެރާއިން ނެގޭ ފޮޓޯއަކީ މުޅިން ތަފާތު ދެއެއްޗެކެވެ. އެހެންކަމުން ކެމެރާއިން ނެގޭ ފޮޓޯ ހުއްދަކަމުގައި ބައެއް ޢިލްމުވެރިން ފަތުވާ ދެއްވައެވެ. ސަބަބަކީ؛ ދިރޭ ތަކެތީގެ ސޫރަ ކުރެހުން (އަތުކުރެހުން) މާތް ﷲ ހަރާމް ކުރެއްވެވީ އެކަމުގައި އެކަލާނގެ ޚަލްގު ކުރެއްވުމާއި އެއްވަތަރު ކުރުމާއި އެކަލާނގެ ޚަލްގުތަކުގެ ނަކަލު ކުރުމާއި އެކަލާނގެ އުފެއްދެވުމާއި ޗެލެންޖް ކުރުން ހިމެނޭ ކަމަށްޓަކައެވެ. އެއާއި ޚިލާފަށް ކެމެރާއިން ނެގޭ ފޮޓޯ އަކީ އިންސާނެއްގެ ކުރެހުމެއް ނުވަތަ އެމީހުން ހެދި ސޫރައެއް ނޫނެވެ. އަދިކިޔެއް އެއީ މާތް ﷲ ގެ ޚަލްގުގެ އަސްލު ފޮޓޯއެކެވެ. އެއީ ފެންގަނޑެއް ނުވަތަ ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓުމުން ފެންނަ އަސްލުއެތީގެ ރިފްލެކްޝަނެވެ. ތަފާތަކީ ކެމެރާއިން އެ ރިފްލެކްޝަން ފަހުން ފެންނާނެހެން ރައްކާކުރެވޭފަދަ ޓެކްނޮލޮޖީއެއް ބޭނުންކުރާކަން އެކަންޏެވެ. އޭގައި އެކަލާނގެ ޚަލްގުކުރެއްވުމާއި ވައްތަރު ކުރުމެއް ނުވަތަ ވާދަކުރުމެއް އަދި އެއްގޮތް ކުރުން ފަދަ އެއްވެސް ކަމެއް ނުވެއެވެ. ވީޑިއޯ ކުރުންވެސް ހަމަ އެފަދައެވެ. ވީމައި ކެމެރާއިން ނަގާ ފޮޓޯއަކީ އޭގެ ޒާތުގައި ހުއްދަ މަންޒަރެއް ކަމުގައިވާނަމަ އެއީ ހުއްދަ އެއްޗެކެވެ. ނަމަވެސް އެއީ ހަމައެކަނި ފޮޓޯގެ ސޮފްޓްކޮޕީ ބޭނުންކުރާނަމައެވެ. ޕްރިންޓް ކުރުމަކީ ކުރެހުމާއި ވައްތަރުކަމެކެވެ.

އިތުރު މަޢުލޫމާތަށްޓަކައި ބައްލަވާ 

ފޮޓޯނެގުމަކީ ކޮންކަހަލަ ކަމެއްތޯ؟

މީހުންގެ ތަސްވީރު ކުރެހުމަކީ ހުއްދަކަމެއްތޯ؟

والله أعلم، وبالله التوفيق، وصلى الله على نبينا محمد وعلى آله وصحبه وسلم

ސުވާލާއި ޖަވާބު