ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރުމުގެ ހުކުމަކީ ކޮބައި؟

14 އޮގަސްޓް 2011 - އާދިއްތަ

- އަޅުގަނޑުގެ ސުވާލަކީ ބޭންކް އޮފް މޯލްޑިވްސްގަ ލޯނު ދޫކުރުމަށް ހުރި މީހަކީ ނުވަތަ ލޯނެއް ދޫކުރި އިރު އެކަމުގެ މެދުވެރިއެއްގެ ގޮތުން ހުރި މީހަކީ ރިބާގެ މުއާމަލާތުގައި ބައިވެރިވި މީހަކަށް ވާނެތޯއެވެ؟2- ބޭންކް އޮފް މޯލްޑިވްސްގަ އެހެން މަގާމެއް އަދާކުރާ މީހުން ވާނެތޯ ރިބާގެ މުއާމަލާތުގައި ބައިވެރިވާ މީހުނަށް، ރިބާގެ މުއާމަލާތް ހިނގާ މަގާމެއްގަ މަސައްކަތް ނުކުރާހާ ހިނދަކު؟ 3- ރިބާ ކާ މީހާއާއި ރިބާ ދޭ މީހާ އާއި މިހެންގޮސް ވަރަށް ގިނަ ރިބާގެ މުޢާމަލާތުގަ ހިމެނޭ މީހުން އަންގައިދޭ ޤުރްއާންގެ އާޔަތެއް އިނދެއެވެ. މި އާޔަތް އަޅުގަނޑަށް ވަރަށް ތަފްސީލުކޮށް ބުނެދެއްވުން އެދެމެވެ!

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

 އެނގިވަޑައިގަންނަވާނޭ ފަދައިން ރިބާ އަކީ ބޮޑުވެގެންހުރި ހަރާމް އެއްޗެކެވެ. އެއްމެ ބޮޑެތި، އެއްމެ ނުބައި ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ރިބާގެ މުޢާމަލާތް ކުރުމަކީ ﷲ އާއި އެކަލާނގެ ރަސޫލާ އާއި ހަނގުރާމަ ކުރުމެވެ. البقرة سورة ގެ ٢٧٩  ވަނަ އާޔަތް ބައްލަވާ! އަދިކިޔެއް، ރިބާގެ މުޢާމަލާތުގައި ސީދާ ސީދަލަށާއި ނުސީދާކޮށް ބައިވެރިވާ އެއްމެންނަކީ މާތް ﷲ ގެ ލަޢުނަތް ހައްގުވެގެންވާ ބައެކެވެ. جَابر رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ((لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ)) صحيح مسلم، މާނައަކީ: “ރިބާ ކާ މީހާ އާއި ކާންދޭ މީހާ އާއި (ރިބާގެ މުޢާމަލާތް) ލިޔާ މީހާ އާއި އެކަމުގައި ބައިވެރިވާ ހެކިވެރިންނަށް رسول الله صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ. އަދި ހަދީޘްކުރެއްވިއެވެ. އެ އެއްމެންނަކީ އެއްފަދަ ބައެކެވެ.” ރިބާގެ މުޢާމަލާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ވަޢީދު އައިސްފައިވާ މީހުންގެ ވާހަކަ އައިސްފައިވަނީ އިސްވެދިޔަ ފަދަ ރިވާޔަތްތަކުގައި އިތުރުއެކަލޭގެފާނުންގެ އަރިހުންނެވެ. ދިވެހި ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަކީ ދުނިޔޭގެ ގިނަ ބޭންކްތައް ފަދައިން ކަނޑައެޅިގެން ރިބާގެ މުޢާމަލާތްތައް ކުރާ، އަދިކިޔެއް ރިބާއިން ހިނގަމުންދާ ރިބާ ބޭންކް އެކެވެ. ރިބާގެ ނުބައި ކަމާއި ނުރައްކާތެރި ކަމަށްޓަކައި އުންމަތުގެ ބޮޑެތި ޢިލްމުވެރިން ވަނީ ރިބާ ބޭންކް ތަކުގައި މަސައްކަތް ކުރުމަކީ ހަރާމް ކަމެއް ކަމުގައި ފަތުވާ ދެއްވާފައެވެ. ރިބާ ބޭންކެއްގައި ވަޒީފާ އަދާކުރާ މީހަކަށް ކުރެވޭ މުޢާމަލާތްތައް ރިބާއާއި ދުރަކުން ނުދާނެއެވެ. ރިބާގެ މުޢާމަލާތެއްގައި އެއްވެސް މިންވަރަކަށް ބައިވެރި ވުމަކީ ނުރައްކާތެރި ވަޢީދު ހުރި ކަމެކެވެ. އެއީ ރިބާގެ މުޢާމަލާތުގައި އަމަލީގޮތުން ބައިވެރި ނުވި ނަމަވެސް، އެފަދަ ބޭންކްގެ ސެކިއުރިޓީ ގާޑުގެ މަގާމު ކަމުގައި ވިޔަސް މެއެވެ. އެއީ އެ ފަދަ ބޭންކްތަކަށް ވެވޭ ވާތްގެއް ކަމުން އެކަންވެސް ހުއްދަ ނުވާނެ ކަމުގައެވެ. މާތް ﷲ އަންގަވާފައިވަނީ  “އަދި ތިޔަބައިމީހުން ފާފައާއި ނުބައިކަންކަމުގެ މައްޗަށް އެކަކު އަނެކަކަށް ވާގިވެރި ނުވާށެވެ!” މި އާޔަތުގެ އަލީގައި ރިބާ ބޭންކެއްގައި އެއްވެސް ވަޒީފާއެއް އަދާކުރުމަކީ ހުއްދަކަމެއް ނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

والله أعلم، وصلى الله على نبينا محمد وعلى آله وصحبه وسلم

ސުވާލާއި ޖަވާބު